ގދ. ތިނަދޫ ހޮސްޕިޓަލުގެ ކުރީގެ ވެރިޔާ އާއި އެކައުންޓެންޓްގެ މައްޗަށް ދައުވާ ކުރަން އޭސީސީން ނިންމައިފި

ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން އިއުލާން ނުކޮށް އެ ސަރައްދުގެ ހެލްތު ސެންޓަރުތަކަށް ފޮޓޯ ކޮޕީ މެޝިން ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށް ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާތީ ހޮސްޕިޓަލު ހިންގަން ކުރިން ހުންނެވި ޑެޕިއުޓީ ޑިރެކްޓަރު ގދ. ފިޔޯރީ ލިލީގޭ މުހައްމަދު އަރީފާއި އެ ހޮސްޕިޓަލުގެ އެކައުންޓެންޓް ގދ. ތިނަދޫ ވެހެލި، އަދުނާނު އިސްމާއިލްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން )އޭސީސީ( އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

އޭސީސީ އިން ބުނީ އަރީފާއި އަދުނާނުގެ މައްޗަށް ތުހުމަތުކޮށް އޭސީސީއަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރި އިރު ނުވަ ފޮޓޯކޮޕީ މެޝިން ގަތުމުގައި އަރީފު އަމަލު ކުރައްވާފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ ހިލާފަށް ކަމަށެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮޓީ ކޮޕީ މެޝިން ވިއްކި ފަރާތަށް މެޝިންތައް މާޗް8، 2010ގައި ފަހުން ލިބުނުކަން އިންވޮއިސްތަކުން އެނގޭ ކަމަށާއި ތާރީހު ޖެހުމުގައި ފުށު އަރާ ގޮތަށް ކަންތައް ކޮށްފައި ވަނީ އިއުލާންނުކޮށް މެޝިންތައް ގަތުމުގެ ބޭނުމުގައި ކަމަށް ބެލެބޭ ކަމަށް ވެސް އޭސީސީން ބުންޏެވެ. އަދި ބުނެފައި ވަނީ މި މައްސަލަ ތަހުގީގު ކުރި އިރު އެކައުންޓެންޓް އަދުނާން ވެސް މާލިއްޔަތުގެ ގަވައިދާ ހިލާފުވެފައިވާ ކަމަށެވެ.

އޭސީސީން ބުނީ ހޮސްޕިޓަލަށް ގަނެފައި ވަނީ ތޮޝިބާ ބްރޭންޑް މެޝިނު ކަމަށާއި އެއީ މެޝިންތައް އެތެރެކުރި ފަރާތުން އެހެން ފަރާތަކަށް އެއްފަހަރާ ވިއްކާފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. މެޝިންތައް ވިއްކާފައި ވަނީ މެޝިނެއް 16000ރ. އަށް ކަމަށާއި ވިއްކާފައިވަނީ ރާއްޖޭގެ ބާޒާރުގައި އޭގެ މެޝިނެއް ލިބެން ހުރި އަގުގައި ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް މެޝިނެއް ވިއްކާފައި ކޮންމެ މެޝިނަކުން 4000ރ. އިތުރުކޮށް 20000ރ. އަށް ކަމަށެވެ. އެހެން ކަމުން ނުވަ މެޝިނު ހޯދަން ހަރަދު ކުރި ފައިސާއިން 36000ރ. ދައުލަތަށް ގެއްލުންވެފައިވާ ކަމަށް އޭސީސީން ބުންޏެވެ. މި މައްސަލައިގައި ދައުލަތަށް ގެއްލުންވި 36000ރ. ހޯދަން އަރީފާއި އަދުނާނުގެ މައްޗަށް ކަރަޕްޝަން ގާނޫނުގެ ދަށުން ދައުވާ ކުރަން ނިންމީ އެހެން ވެގެން ކަމަށް ވެސް އޭސީސީން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު