ދަ އިންކްރެޑިބަލްސް 2 ބިނާވެފައި އޮންނާނީ އިލާސްޓިގާލްއަށް

"ދަ އިންކްރެޑިބަލްސް"ގެ ފިލްމުގެ މަންޒަރެއްގައި އިލާސްޓިގާލް ----

އާދަޔާ ހިލާފު ބާރުތަކެއް ލިބިގެންވާ އާއިލާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެނިމޭޓެޑް ކޮމެޑީ ސުޕަހީރޯ ފިލްމު، "ދަ އިންކްރެޑިބަލްސް"ގެ ދެވަނަ ފިލްމު ބިނާވެފައި އޮންނާނީ އިލާސްޓިގާލް އަށް ކަމަށް ޑިޒްނީ އިން ބުނެފި އެވެ.

އެމެރިކާގެ މަޝްހޫރު ކޮމްޕިއުޓަރު އެނިމޭޝަން ފިލްމް ސްޓޫޑިއޯއެއް ކަމަށްވާ ފިކްސާ އިން ޕްރޮޑިއުސްކޮށް ވޯލްޓް ޑިޒްނީ ޕިކްޗާސް އިން "ދަ އިންކްރެޑިބަލްސް"ގެ ފުރަތަމަ ކާޓޫން ރިލީޒް ކުރީ 2004 ވަނަ އަހަރު އެވެ.

ދެވަނަ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.

އެ ފިލްމާ ގުޅޭ ގޮތުން ކެލިފޯނިއާގައި ކުރިއަށްދާ ޑީ23 އެކްސްޕޯގައި ވާހަކަދައްކަމުން ޗީފް ކްރިއޭޓިވް އޮފިސަރު ޖޯން ލަސެޓާ ބުނީ، ދެވަނަ ފިލްމުގެ ގިނަ ކެރެކްޓާތަކަކަށް އަޑު އަޅައި ދޭނީ ފުރަތަމަ ފިލްމަށް ވެސް އަޑު އަޅައިދިން ވޮއިސް ކާސްޓުން ކަމަށެވެ.

އެގޮތުން، މިސްޓާ އިންކްރެޑިބަލް އަށް އަޑު އަޅައިދިން ކުރެޖް ޓީ ނެލްސަން އާއި ވައިލެޓް އަށް އަޑުއަޅައިދިން ސަރާ ވޮވެލް އަދި ފްރޯޒޯން އަށް އަޑު އެޅި ސަމުއެލް އެލް ޖެކްސަންގެ އަޑު ދެވަނަ ފިލްމުން އިވިގެން ދާނެ އެވެ.

ނަމަވެސް ބާރަށް ދުވުމުގެ ބާރު ލިބިފައިވާ ކުޑަކުޑަ ޑޭޝްގެ ކެރެކްޓާއަށް އަޑު އަޅައިދޭނީ މިފަހަރު ހަކް މިލްނާ އެވެ. އެ ކެރެކްޓާއަށް ފުރަތަމަ ފިލްމުގައި އަޑު އަޅާފައިވަނީ ސްޕެންސާ ފޮކްސް އެވެ.

ޖޯން ލަސެޓާ ބުނީ، ފުރަތަމަ ފިލްމު ވެސް ޑައިރެކްޓްކުރި ބްރޭޑް ބާޑް އާ އެކު އުފައްދާ ދެވަނަ ފިލްމު ބިނާ ވެފައި އޮންނާނީ ހޮލީ ހަންޓާ އަޑުއަޅާ އެލާސްޓިގާލް ކެރެކްޓާއަށް ކަމަށެވެ.

އެގޮތުން ފިލްމުގައި ބޮޑަށް ދައްކުވައި ދޭނީ އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ ބޭބީ ޖެކް-ޖެކް ބެލުމަށް މިސްޓާރ އިންކްރެޑިބަލްއާ ހަވާލު ކުރުމަށް ފަހު އެލާސްޓިގާލް އޭނާ ފަށާ ދަތުރެއްގެ މައްޗަށެވެ. އަދި ފިލްމުގައި ބޭބީ ޖެކްޖެކްއަށް ލިބިފައިވާ ހާއްސަ ބާރުތަށް ފެނިގެން ދާނެ އެވެ.

comment ކޮމެންޓް