ލޭގެ ޕްރެޝަރު ދަށްވެގެން މިސްރުގެ ބޮޑުވަޒީރު ޑރ. ޝަރަފް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ޤާހިރާ (ޖުލައި 19) : މިސްރުގެ ބޮޑުވަޒީރު ޢިސާމް ޝަރަފް އަށް ކުއްލި އާލާސްކަންފުޅެއް ކުރިމަތިވެ ވަޑައިގަތުމާ ގުޅިގެން ޤާހިރާގެ ހޮސްޕިޓަލެއްގައި އޭނާ އެނދުމަތިކޮށްފިއެވެ.

މިސްރު ސަރުކާރުގެ ތަރްޖަމާނަކު ވިދާޅުވިގޮތުގައި ޢިސާމް ޝަރަފަށް ކުރިމަތިވެ ވަޑައިގަތީ ލޭގެ ޕްރެޝަރު ދަށްވުމުގެ މައްސަލައެކެވެ. އެކަމަށް ފަރުވާ ދިނުމަށްފަހު ޝަރަފް ހޮސްޕިޓަލުން މިހާރު ނުކުމެ ވަޑައިގެންފި ކަމަށާ ނަމަވެސް މިއަދު އޭނާގެ ހަށކޮޅުގެ ފުރިހަމަ މެޑިކަލް ޗެކެޕެއް ހައްދަވަމުން ގެންދާކަމުގައެވެ.

ޝަރަފްއަށް މިމައްސަލަ ކުރިމަތިވެ ވަޑައިގަތީ އާދަޔާ ޚިލާފަށް ބުރަކޮށް އުޅުއްވުމުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ޙަވާލާދީ މިސްރުގެ ނޫސްތައް ބުނެއެވެ. މިސްރުގެ އާކެބިނެޓް އެކުލަވާލުމަށްޓަކައި ވޭތުވެދިޔަ ދެހަފްތާގައި ވަރަށް ބުރަކޮށް ޝަރަފް މަސައްކަތްކުރައްވާފައިވާ ކަމަށް މިސްރުގެ ނޫސްތައް ބުނެއެވެ.

އާކެބިނެޓްގައި ކުރީގެ ކެބިނެޓގައި ނުހިމެނޭ 15 ވަޒީރަކު ހިމެނެއެވެ. މިގޮތުން ޚާރިޖީ ވުޒާރާއާއި މާލީ ވުޒާރާގެ އިތުރުން ބައެއް އެހެން ވުޒާރާތަކުގެ ވަޒީރުންނަށްވެސްވަނީ އާ ބޭފުޅުން ހަމަޖައްސާފައެވެ. މީގެ ދިހަވަރަކަށް ދުވަސްކުރިން މިސްރުގެ ޚާރިޖީ ވަޒީރު ކަމަށް ޢައްޔަން ކޮށްފައިވާ މުޙައްމަދު ޢުރާބީ މިދިޔަ ހޮނިހިރު އިސްތިއުފާ ދެއްވުމުން އާ ކެބިނެޓްގައި ޚާރިޖީ ވަޒީރުކަމަށް ޢައްޔަން ކޮށްފައިވަނީ މުޙައްމަދު ކާމިލް ޢަމްރެވެ. އޭނާއަކީ ޚާރިޖީ ދާއިރާގެ ތަޖްރިބާކާރެކެވެ. -- އަލްޖަޒީރާ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު