މާލީ ދާއިރާއިން ލޭމްއަށް ހުރި ގޮންޖެހުންތައް ބޮޑު!

ހުޅުމާލޭ ފަޅުގައި ސަފާރީތަކެއް އަޅާފައި-- ފޮޓޯ:

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ދައުރެއް އަދާ ކުރާ އެއް ބަޔަކީ އެ ދާއިރާގައި ފަތުރުވެރިންނަށް ޚިދުމަތްކޮށްދޭ އޮޑި ފަހަރެވެ. ސަފާރީތަކާއި ޔޮޓު ފަހަރެވެ. ނުވަތަ ލިވްއަބޯޑު އިންޑަސްޓްރީ އެވެ.

މި އިންޑަސްޓްރީގެ ކުރިއެރުމަށްޓަކައި މީގެ 10 އަހަރު ކުރިން 2007 ވަނަ އަހަރު އުފެއްދި ލިބްއަބޯޑު އެސޯސިއޭޝަންސް އޮފް ދަ މޯލްޑިވްސް (ލޭމް) އިން ވަނީ ދާއިރާގެ ކުރިއެރުމަށް މިވީ ދުވަސްތެރޭ ގިނަ ގުނަ ކަންތައްތަކެއް ކޮށްދީފައެވެ. އަދި އެ އެސޯސިއޭޝަނުން އަންނަނީ އެ ދާއިރާގައި ހުރި ގޮންޖެހުންތައް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ހައްލު ހޯދައި ދިނުމުގައި ނަމޫނާ ދައްކުވައިދެމުންނެވެ.

ލޭމް އުފެދުނު އިރު އެ ޖަމިއްޔާގައި ތިބީ 13 މެމްބަރުންނެވެ. ނަމަވެސް މިހާރު އެ ޖަމިއްޔާގެ މެމްބަރުންގެ އަދަދު 150 އަށް ވުރެ އިތުރުވެ، މުޅި އިންޑަސްޓްރީގެ 80 ޕަސެންޓު ސަފާރީތައް ވަނީ އެ އެސޯސިއޭޝަންގައި ރަޖިސްޓްރީ ކޮށްފައެވެ.

ސަފާރީ އުޅަނދުތަކެއް ދުއްވާފައިދަނީ-- ފައިލް ފޮޓޯ

އެ އިންޑަސްޓްރީގެ 80 ޕަސެންޓު ލޭމް އިން ހިއްސާ ކުރާއިރު އެ އެސޯސިއޭޝަންގެ މެމްބަރުން ދައުލަތަށް ދައްކާ ޓެކުހުގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން 2015 ވަނަ އަހަރު ސަފާރީތަކުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފަސް މިލިއަނެއްހާ ޑޮލަރު ވަން އިތު މިދިޔަ އަހަރު އެ އަދަދު ވަނީ އިތުރުވެ ނުވަ މިލިއަން ޑޮލަރަށް އަރާފައެވެ.

މިދިޔަ އަހަރު ދައުލަތަށް މުޅިއެކު 3.46 ބިލިއަން ރުފިޔާ ލިބުނު އިރު ހަމަ އެކަނި ސަފާރީތަކުން ވަން އަދަދަކީ 138.9 މިލިއަން ރުފިޔާ އެވެ.

އެ ޖަމިއްޔާއަށް 10 އަހަރު ފުރުން މިއަހަރު ފާހަގަ ކުރާއިރު އަދިވެސް ލޭމްގެ ޝަކުވާތަކަކާއި ގޮންޖެހުންތައް އެބަ ހުއްޓެވެ. އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަދިވެސް ސަފާރީތަކެއް އަޅާނެ އަމާން ބަނދަރެއް ނެތުމެވެ. މިއީ އެ އެސޯސިއޭޝަނުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. މި ޝަކުވާއަށް ހައްލު ހޯދައިދިނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ ޔޫތް ސިޓީން ވަނީ ހާބަރެއް ކަނޑައަޅައިފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުރެހުމެއް: އެތަނުގައި ސަފާރީ ބަނދަރެއް ގާއިމް ކުރުމަށް ވަނީ ނިންމާފައި --

ދެން އޮތީ އެ ޖަމިއްޔާގެ މެމްބަރުންނަށް ހުރި މާލީ ގޮންޖެހުންތަކުގެ ވާހަކަ އެވެ. އެ ގޮންޖެހުންތަކުގެ ވާހަކަތައް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު އިގްނާޒު އަލީ ވަނީ މިދިޔަ ހަފްތާ ތެރޭގައި ނިމިގެން ދިޔަ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017 ގައި ވަރަށް ބޮޑަށް ފާހަގަކޮށް ހައްލު ހޯދައި ދިނުމަށް ގޮވާލާފައެވެ.

އެ ގޮންޖެހުންތަކުގެ ވާހަކަށް "ސަން" އަށް ކިޔައިދެމުން އިގްނާޒް ވިދާޅުވި ގޮތުގައި ސަފާރީތަކުގެ ވެރިންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭންކު ތަކުން ސަފާރީ ބޯޓުތައް ރަހުނުގެ ގޮތުގައި ބަލައި ނުގަތުމެވެ. އެއް އިރެއްގައި އެގޮތަށް ބަލައިގަތް ނަމަވެސް މިހާރު ބޭންކުތަކުން ސަފާރީތައް ރަހުނުގެ ގޮތުގައި ބަލައިނުގަންނަނީވެސް ސަބަބުތަކަކާ ހުރެ އެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ ސަފާރީތައް ކޮލެޓްރެލްއެއް ގޮތުގަ ބަލައިނުގަތުން. އެއްވެސް ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން ގަބޫލެއް ނުކުރޭ. ބޭންކުތަކުން ބުނަނީ މޫވެބަލް އެސެޓެއް ވީމަޔާއި އެވަރުގެ ޑިމާންޑެއް ކްރިއޭޓް ވެފަ ނެތީމަ. އަޅުގަނޑު ދެންނެވިން ޑިމާންޑު އޮތް ކަމެއް އެނގޭނީ މި އިންޑަސްޓްރީއަށް ޕެކޭޖެއް ހުށަހަޅައި އޯޕަން ކޮށްލީމައޭ. މިހާރު އެއްވެސް ބޭންކަކުން ސަފާރީއަށޭ ކިޔާފަ އެއްވެސް ލޯނެއް ނުދޭ،" އިގްނާޒް ވިދާޅުވިއެވެ.

ލޭމް ގެ ސެކްރެޓަރީ ޖެނެރަލް އިގްނާޒް --

އިގްނާޒް ކިޔައިދިން ގޮތުގައި ބައެއް ބޭންކުތަކުން ރަހުނުގެ ގޮތުގައި ސަފާރީ ބަލައި ނުގަންނަނީ އޭގެ "ސެކިއުރިޓީ ރީޒަނަކަށް" ބަލައިފައެވެ. ބޭންކުތަކުން އެހެން ބުނާ ސަބަބަކީ ސަފާރީ އުޅަނދު ރަހުނުގެ ގޮތުގައި ބާއްވާފައި އޮންނަ އިރު ބޯޓަށް ގެއްލުމެއްވެ، އަޑިއަށް ގޮސް ނުވަތަ އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ފަހުން ލޯނު ނުދެއްކިއްޖެ ހާލަތެއްގައި ބޭންކުން ވިއްކާލާނެ އެސެޓެއް ނޯންނާނެތީ ކަމަށް އިގްނާޒް ވިދާޅުވިއެވެ.

"ކޮންމެ އުޅަނދަކީ އިންޝުރެންސް ކޮށްފަ އޮންނަ އެެއްޗެއް. އެހާލަތުގަ އިންޝުރެންސް އިން ލިބޭ ފައިސާއިން ލޯނު ހަމަޖެއްސިދާނެ. އެވެސް ގޮތެއް. އިންޝުރެންސް ކުންފުނިތަކާއި މާލީ އިދާރާތައް ގުޅިގެން މިކަމަށް ހައްލު ހޯދައި ދެވޭނެ،" އިގްނާޒް ވިދާޅުވިއެވެ.

މިކަންކަމަށް ފައިނޭންޝަލް އެކްސްޕޯގެ ތެރޭގައި ކުރިއަށް ގެންދިޔަ އެކި ޕެނަލް ޑިޝްކަޝަންތަކާއި އެހެނިގެން ފޯރަމްތަކުގެ އިތުރުން އެފަދަ އިދާރާތަކާ ވަކިން ބައްދަލުކޮށް އެ ޖަމިއްޔާއިން ވަނީ މަޝްވަރާކޮށް ފަސޭހަ މަގެއް ހޯދައި ދިނުމުގައި އެއްބާރުލުމަށް ގޮވާލާފައެވެ.

ލޭމްގެ ބޯޑަށް އިންތިޚާބުވެވަޑައިގަތް ފަރާތްތައް -- ފޮޓޯ: ލޭމް

ސަފާރީ ބޯޓެއް ބަނދެ ކަނޑަށް ބާލާ އިރު ނަލަކޮށް އޮތް ނަމަވެސް އެފަދަ އުޅަނދެއް ބަނުމަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދު ވެއެވެ. އަދި ޚާއްސަކޮށް ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތާ ސީދާ ގުޅިފައިވާ ލިވްއަބޯޑު އިންޑަސްޓްރީއަށް މާލީ ގޮތުން ހުރި ގޮންޖެހުންތައް ހައްލު ކޮށްދިނުމަކީ ކަމާ ބެހޭ ފަރާތްތަކުގެ ޒިންމާއެއް ކަމުގައި އެ އެސޯސިއޭޝަނުން ދެކެ އެވެ.

comment ކޮމެންޓް