ގުދްސުގައި ފަލަސްތީނުގެ ތިން ޒުވާނުން ޝަހީދުކޮށްލައި އިސްރާއީލު ފުލުހުންގެ ދެމީހުން މަރާލައިފި

ހިފާފައިވާ ގުދްސު (ޖުލައި 14): ފަލަސްތީނުގެ މުޖާހިދުންނާއި އިސްރާއީލުގެ އިސްތިޢްމާރީ ބާރުތަކާ ދެމެދު ބަދަލުކުރި ހަމަލާތަކެއްގައި ފަލަސްތީނުގެ ތިން ޒުވާނުން ޝަހީދުވެ އިސްރާއީލު ފުލުހުންގެ ދެމީހުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ އިސްރާއީލު ވެރިވެގެންފައިވާ މަސްޖިދުލްއަގްސާގެ މުގައްދަސް ބިނާގެ ވަށައިގެން ވާ ސަރަހައްދުގައެވެ. ފަލަސްތީނުގެ މުޖާހިދުންނާއި އިސްރާއީލުގެ އިސްތިޢްމާރީ ބާރުތަކާ ދެމެދު ބަދަލުކުރި ހަމަލާތަކަށްފަހު އިސްރާއީލުންވަނީ މަސްޖިދުލްއަގްސާއަށް ވަނުން މަނާކޮށް އެސަރަހައްދު އެއްކޮށް ބަންދުކޮށްފައެވެ. މިއާއެކު މަސްޖިދުލްއަގްސާގައި މިއަދުގެ ހުކުރުނަމާދު ކުރުން އިސްރާއީލުން މަނާކުރުމުން ހުކުރު ކުރެވޭގޮތްވަނީ ނުވެފައެވެ.

އިސްރާއީލުގެ އިސްތިޢްމާރީ ބާރުތަކާ އިސްވެ ހަމަލާދިން ފަލަސްތީނުގެ ތިން ޒުވާނުންނަކީ އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި ބަލާ އިސްރާއީލުގެ އަރަބިންނެވެ. ހަމަލާތަކަށްފަހު އިސްރާއީލު ސިފައިންވަނީ ބަޑިޖަހައި އެތިން ޒުވާނުން ޝަހީދުކޮށްލާފައެވެ. އިސްރާއީލުގެ އަރަބިންނަކީ 1948 ވަނަ އަހަރު ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީ ދައުލަތް އުފެއްދި ސަރަހައްދުގެ ވަޒަންވެރިންގެ ގޮތުގައި ތިބުމުން އިސްރާއީލުގެ ރައްޔިތުކަން ދީފައިވާ ފަލަސްތީނު މީހުންނަށް ކިޔާ ނަމެކެވެ. އިސްރާއީލުގެ އެންމެ އެތެރޭގައި އުޅޭ ފަލަސްތީނުގެ މިތިން ޒުވާނުން ހަތިޔާރު ހޯދައިގެން އަލްގުދްސުގައި އިސްރާއީލުގެ އިސްތިޢްމާރީ ބާރުތަކާ ދެކޮޅަށް އިސްވެ ހަމަލާދީ އިސްރާއީލު ފުލުހުންގެ ދެމީހުން މަރާލައި ދިރިނޫޅެވޭ ވަރަށް އިތުރު ފުލުހަކު ޒަޚަމްކޮށްލި މައްސަލަ އިސްރާއީލުންވަނީ ތަހްގީގް ކުރަންފަށާފައެވެ.

މިއީ އިސްރާއީލުގެ އެތެރޭގައި ސަލާމަތީ ފިޔަވަޅުތައް ވަރަށްބޮޑަށް ބަލިކަށިވެފައިވާ ކަމުގެ ހެއްކެއްކަމަށާއި އަދި މިއީ އިސްރާއީލުގެ އެންމެ ފުނުގައިވެސް ހަތިޔާރާއެކު ހަރަކާތްތެރިވުމުގެ ގާބިލްކަން ފަލަސްތީނުގެ މުޖާހިދުންނަށް ލިބިގެންވާކަން ސާފުވެގެންދިޔަ ހާދިސާއެއް ކަމަށް އިސްރާއީލުގެ މީޑިޔާ ބުނެއެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ގެ ސަރުކާރުން ފުރަތަމަ މަސައްކަތްކުރީ އިސްރާއީލުގެ އިސްތިޢްމާރީ ބާރުތަކަށް ކުއްލި ގޮތަކަށް ހަމަލާދީ އޭގެތެރެއިން ދެމީހުން މަރާލި ޙާދިސާގެ ފަހަތުގައިވާ ފަލަސްތީނު މުޖާހިދުންގެ ވަނަވަރު ފޮރުވުމަށެވެ. ނަމަވެސް އެއީ އިސްރާއީލުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ފަލަސްތީނު މީހުންކަމާއި އެތިން މީހުން އައީ އިސްރާއީލުގެ ސަރަހައްދުގެ ތެރޭންކަން ހާމަވުމުން ނަތަނިޔާހޫގެ ސަރުކާރާއި އިސްރާއީލުގެ ޖާސޫސީ އިދާރާވަނީ ލަދުގެންފައެވެ. މިއާއެކު ފަލަސްތީނުގެ ބިމުގައި ގަދަބާރުން ފައިހަރުކޮށްލައިގެން އުޅޭ އިސްރާއީލުގެ ޔަހޫދީންނަށްވަނީ ކުއްލި ޝޮކެއް ލިބިފައެވެ.

މިޙާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ހަތެއްޖެހިއިރު ކަމަށް މައުލޫމާތު ލިބެއެވެ. މިހާދިސާއާ ގުޅިގެން އިސްރާއީލުގެ އަމަނާބެހޭ ވަޒީރު ގަލްއާދު އަރުދާންވަނީ މިއީ ވަރަށް ނުރައްކާތެރި ހަމަލާއެއްކަމަށް ވިދާޅުވެފައެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުންވަނީ މިއީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްދު ދިނުމުގެ ގާބިލްކަން ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާކަން ހާމަވެގެންދިޔަ ކަމެއްކަމަށް ބުނެފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް