ސާޓާގެ ގާލާ ރިޓްރީޓް އޮކްޓޯބަރު މަހު ރާއްޖޭގައި

ސާޓާ 2016 ގެ އެވޯޑު ހަފްލާގެ ތެރެއިން -- ފޮޓޯ: ހައިރައިޒް

ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވާ ސަރަހައްދީ ޓްރެވަލް އެވޯޑު، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ އެވޯޑު ހަފްލާ އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވަން ހަމަޖައްސައިފިއެވެ.

ހައިރައިޒްގެ ފައުންޑަރ، އިސްމާއިލް ހަމީދު މިއަދު "ސަން" އަށް ވިދާޅުވީ ސާޓާގެ އެވޯޑު ހަފްލާ މިއަހަރު ރާއްޖޭގައި ބާއްވާއިރު، މިއަހަރުގެ އެވޯޑަށް 400 އަށްވުރެ ގިނަ ފަރާތްތަކުން ނަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެވޯޑު ހަފްލާ އައްޑޫ ސިޓީގައި ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި ފައިނަލް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސާޓާއަށް ނަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ މޭ މަހުގެ ނިޔަލަށް ހުޅުވާލައި މުއްދަތު ހަމަވިއިރު ސަރަހައްދީ ބޮޑެތި ބްރޭންޑުތައް ވަނީ ނޮމިނޭޓުކޮށްފައެވެ.

އިންޑިއާއިން ނޮމިނޭޓު ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެކްސްޕީރިއެންޓަލް ހޮޓެލްސް، ރެޑިސަން ހޮޓެލް، ދަ ރޭވިޒް، ޔޫޑީއެސް ހޮޓެލްސް، ވީތިރީގެ އިތުރުން ދޭޝާދަންއާއި ޖޯން ހޮވާޑާއި ދަ ލީލާ ޕްލެސެސްއާއި ޝެރަޓަން އަދި އަވާލޭންޑް ފަދަ ބޮޑެތި ބްރޭންޑުތައް ހިމެނެއެވެ. މީގެ އިތުރުން އިންޑިއާގެ އެންމެ ދުވަސްވީ ތާޖް ވެސްޓް އެންޑާ އެކު 28 ބްރޭންޑެއް ވަނީ ހަމައެކަނި އިންޑިއާއިން ނޮމިނޭޓުކޮށްފައެވެ.

ނޭޕާލުން ޝަންގްރިއްލާ، މަލްބެރީ، މަނަސްލު، ފިޝްޓެއިލް އަދި ބަރަހިގެ އިތުރުން ވިޒިޓް ނޭޕާލް ހޮޓެލް ފަދަ ބްރޭންޑުތައް ނޮމިނޭޓް ވެފައިވާއިރު އަވަށްޓެރި ސްރީލަންލާގެ ސިނަމަން ބްރޭންޑުން އެކަނިވެސް ހަތް ރިސޯޓެއް ވަނީ ނޮމިނޭޓް ކޮށްފައެވެ.

ސިނަމަންގެ ހަތް ރިސޯޓުގެ އިތުރުން ރޯޔަލް ޕާމްސް، ސޭސޭންޑްސް އަދި ކޮލޮމްބޯ ކޯޓްޔާޑް ފަދަ ބްރޭންޑްތައް ނޮމިނީސްގެ ތެރޭގައި ހިމެނެއެވެ.

ސަޓާގައި މިއަހަރު ދެން ބައިވެރި ވަނީ ރާއްޖެއިންނެވެ. އެގޮތުން ރާއްޖެއިން ނޮމިނޭޓްވެފައިވާ ބްރޭންޑުތަކުގެ ތެރޭގައި ކޮކޯ ކަލެކްޝަން، ވިލާ ހޮޓެލްސް، ލަކްސް، ޑަބްލިއު، އަމާރީ، ސެންތާރާ، ސެއިންޓް ރެޖިސް، އައުޓްރިއްގާ، ކޮކޫން، ހައިޑަވޭ އަދި ދުސިއްތާނީ ހިމެނެއެވެ.

މީގެ އިތުރުން، ފްލައިމީ އާއި ސްކޫބާ ސްޕާ، ބެސްޓް ޑައިވް، ޑައިވް އޯޝަނަސް، ރިވެރީސް، ބަންޔާން ޓްރީ އާއި ވޮޔޭޖެސް މޯލްޑިވްސް އަދި މަޝްހޫރު އަދާރަން ބްރޭންޑުގެ ފަސް ރިސޯޓު ވަނީ ސަޓާއަށް ނޮމިނޭޓުކޮށްފައެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސަޓާ އަށް ނޮމިނޭޓުކޮށްފައިވާ ފަރާތްތަކަށް ސާޓާ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ވޯޓު ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ސާޓާ އެވޯޑު ހަފްލާ އައްޑޫ ސިޓީގައި ބޭއްވިއްޖެ ނަމަ ސަރަހައްދީ ފަތުރުވެރިކަމުގެ ބޮޑެތި ބްރޭންޑުތަކުގެ ޑިސިޝަން މޭކިން ލެވެލްގެ ބޮޑެތި މީހުންނަށް ދެކުނުގެ ރީތިކަން ފެނިގެންދާނެ އެވެ.

"ސާޓާ އައްޑޫގައި ބޭއްވޭނެ ކަމުގެ 100 ޕަސެންޓު ކޮންފަމޭޝަނެއް އަދި ނުލިބޭ. ނަމަވެސް ސްރީލަންކަން އެއާލައިނުން އަޅުގަނޑުމެންނަށް ޔަގީންކަން ދޭ އައްޑޫގައި ބޭއްވިއްޖެ ނަމަ ސަޕޯޓުދޭނެ ކަމަށް. އައްޑޫގައި ބާއްވަން ވަރަށް ބޭނުން. އެހެންވިޔަސް އެކަން ކަށަވަރު ވާނީ ލިބޭ ސަޕޯޓާއި ފީސިބަލްތޯ ބެލުމަށްފަހު،" ހައިރައިޒް އިއްސެ ވިދާޅުވިއެވެ.

އިއްސެ ވިދާޅުވި ގޮތުގައި ލޮޖިސްޓިކްސް އަކީ ސާޓާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

"ބައިވެރިން ގެންދިއުން އެއީ ބޮޑު ކަމެއް ނޫން. ތައްޔާރީތަކާއި ލިބޭ ސަޕޯޓު ބަލަން ބޭނުންވަނީ. މިހާރު ވާނީ ޓޫރިޒަމް މިނިސްޓަރު އަރިހުން އެޕޮއިންޓްމެންޓަކަށް އެދިފައި،" އިއްސެ ވިދާޅުވިއެވެ.

ސަޓާ އެވޯޑްސް އެންޑޯޒްކޮށްފައިވާ ފަރާތްތައް:

  1. އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޯގަނައިޒޭޝަން، އިންޑިއާ
  2. ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީ ލަންކާ
  3. ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  4. ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް
  5. އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  6. ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)
  7. އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  8. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  9. ނޭޕާލް ޓޫރިޒަމް ބޯޑު
  10. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)

މިދިޔަ އަހަރާއި މިއަހަރު ސާޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް