ދުންފަތް ބޭނުންކުރުމަކީ އަމިއްލަ އަތްތަކުން ހަށިތައް ހަލާކުގެ ތެރެއަށް ވައްޓާލުން، އެކަން ދީން ހުއްދައެއް ނުކުރޭ: ޚުތުބާ

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް. --

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަމިއްލަ އަތްތަކުން ހަށިތައް ހަލާކުގެ ތެރެއަށް ވައްޓާލުންކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މިއަދުގެ ޚުތުބާގައި އަލިއަޅުއްވާލާފައިވަނީ، ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތަކާ ބެހޭ ގޮތުންނެވެ.

ޚުތުބާގައި ބުނީ، މާތްﷲ ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗެއް އުފައްދަވާފައިވަނީ އިންސާނުންނަށްޓަކައި ކަމަށާއި، ފުޅާ ދާއިރާއެއްގައި އެތަކެތީގެ ބޭނުން ހިފުމަށް އިންސާނުންނަށް އެކަލާނގެ ހުއްދަކުރައްވާފައިވާ ކަމަށެވެ. އަދި އެތަކެތީގެ ތެރެއިން ހަރާމް ކުރައްވާފައިވަނީ ނިސްބަތުން ވަރަށް މަދު އެއްޗެއްކަމަށާއި، އެތަކެތި ހަރާމް ކުރައްވާފައިވަނީ އެތަކެތިން ލިބިދާނެ ބޮޑު ގެއްލުމަކަށްޓަކައި ކަމަށް ޚުތުބާގައި ފާހަގަ ކުރެއްވި އެވެ.

ހުތުބާގައި އިންސާނާ އެމީހެއްގެ އަމިއްލަ ހަށިގަނޑަށާއި ފުރާނައަށް އަދި އެހެން މީހުންނަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން ކަމުގައި ފާހަގަ ކުރެއްވި އެވެ.

އެގޮތުން ބިޑި ސުއްޓާ ސިނގިރޭޓާއި ދުންބުއިމާއި، ދުފާއިރު ދުންފަތް ކެއުންފަދަ ކަންކަމަކީ ސިއްހަތަށް ގެއްލުން ލިބޭ ކަންކަމަށާއި، ސަލާމަތް ބުއްދިއެއްހުރި އެކަކުވެސް އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލައި ނުލާނެ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެ އެއްޗެއްގެ ގެއްލުން ބޮޑުކަން ހާމަވެގެންދާ ހިސާބުން ބުއްދި ސަލާމަތުން ހުރި މީހެއްނަމަ އެއެއްޗަކާ ދުރުހެލި ވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ދުންފަތަކީ ވަރަށް ގިނަ ގޮތްގޮތުން ގެއްލުން ހުރި އެއްޗެއްކަން ދިރާސާތަކުން ސާބިތުވާ ކަމަށް ހުތުބާގައި ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް އެކަންކަމަށް ފަރުވާލެއް ނެތި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެކަން ކުރަމުންދާ ކަމަށް ހުތުބާގައި ފާހަގަ ކުރެއްވި އެވެ.

އެކަންކަމަކީ އަމިއްލައަށް ތިމާމެންގެ ހަށިގަނޑު ހަލާކުގެ ތެރެއަށް ވައްޓާލުން ކަމަށާއި، ބުރަ މަސައްކަތުން ހޯދާ ފައިސާ ބޭކާރު ކުރަމުންދާ ކަމަށް ޚުތުބާގައި ބުންޏެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދުންފަތް ގިންތިކޮށްފައިވަނީ އެއްވަނަ ދަރަޖައިގެ ވިހައެއްގެ ގޮތުގައި ކަމަށާއި، އެގޮތުން ދުންފަތުގައި ހަތް ހާހަށްވުރެ ގިނަ ކެމިކަލް އެކުލެވިގެންވާ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެ ކެމިކަލް ތެރޭގައި 250 އަށްވުރެ ގިނަ ނުރައްކާތެރި ވިހަ މާއްދާތައް އެކުލެވިގެން ވާކަމަށް ބުންޏެވެ. އަދި އޭގެ ތެރެއިން 70 އަށްވުރެ ގިނަ ކެމިކަލަކީ އޭގެ ސަބަބުން ކެންސަރު ޖެހުމަށް މަގުފަހިކުރުވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ސިއްހަތަށް ލިބޭ ގެއްލުންތަކާ ބެހޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ޖެނީވާގައި ބޭއްވި ކޮންފަރެންސެއްގައި، ދުނިޔޭގެ އެކިއެކި ޖަމިއްޔާތަކުން ޑޮކްޓަރުންނާއި، ޕްރޮފެސަރުން ބައިވެރިވި ކޮންފަރެންސަށްފަހު ނެރުނު ބަޔާނެއްގައި، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކެންސަރުޖެހުމަށް ދިމާވާ އެންމެ ބޮޑު ސަބަބު ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހިތާއި ގުޅިފައިވާ ލޭނާރުތަކުގައި ސަރުބީޖަހައި ލޭހިނގުމަށް ދަތިވެ ހޮޅިތައް ބެދުމަށް މެދުވެރިވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އެކަމަކީ ދުލާއި ކަރާއި ޕެންކްރިއަސް އަދި ގޯލް ބްލެޑާއަށް ކެންސަރުޖެހޭ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ފާހަގަ ކުރެއްވި ގޮތުގައި ދުންފަތުގެ ސަބަބުން މާބަނޑު އަންހެނުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެ އެވެ. އެގޮތުން މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމުން މައިމީހާއަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި ދުވަސްނުފުރާ ވިހެއުމާއި ދުވަސްނުފުރާ ވިހެއުމާއި، ބައިގެންދިއުމާއި ބަނޑުތެރެއަށް ދަރިފުޅު މަރުވުން ފަދަ އެތައް ކަމެއް ކުރިމަތިވާ ކަމަށް ޚުތުބާގައި ފާހަގަ ކުރެއްވި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން ގެއްލުން ލިބެނީ ހަމައެކަނި އެކަންކުރާ ބަޔަކަށް ނޫން ކަމަށާއި، ދުންފަތުގެ ދުމުން މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅަށް ބޮޑެތި ގެއްލުމެއް ލިބޭނެ ކަމަށް ޑޮކްޓަރުން ބުނާ ކަމަށް ޚުތުބާގައި ބުންޏެވެ.

މީހުން އެވެއުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން އެތަނެއްގައި ތިބޭ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަން ގެއްލުން ލިބޭ ކަމަށާއި، އެފަދަ ސަބަބުތަކަށްޓަކައި ދުނިޔޭގެ ގިނަ ގައުމުތަކުގައި މީހުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކޮށްފައިވާ ކަން ހުތުބާގައި ފާހަގަކުރެއްވި އެވެ.

ޒުވާނުންނާއި ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރާކަން ފާހަގަ ކުރައްވައި އެކަމުން ޒުވާނުންނާއި ކުޑަކުދިން ދުރުކުރެވޭނީ ދީނީ އަގީދާ ހަރުލައްވައި ދީނީ ރޫހު އާލާކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ. އޭގެ އިތުރުން މައިންބަފައިންނާއި ބެލެނިވެރިންވެސް އެ ނުރައްކާ ވަބާއިން ދުރުހެލިވެގެން ކަމުގައި ޚުތުބާގައި ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް