ލަކަޒެޓްގެ ފުރަތަމަ ފެނިލުމުން އާސެނަލަށް ގޯލެއް

އާސެނަލަށް ލަކަޒެޓް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑަށްފަހު، އޭނާ އުފާފާޅުކުރަނީ ---

އާސެނަލާ އަލަށް ގުޅުނު އެލެކްސެންޑާ ލަކަޒެޓް، އެ ކްލަބަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ޖަހައިފިއެވެ.

އާސެނަލް ވަނީ އިއްޔެ އޮސްޓްރޭލިއާގެ ސިޑްނީ އެފްސީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން 2-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ.

އޮސްޓްރޭލިއާގައި ކުޅުނު އެ މެޗު ފެށިތާ ހަތަރު މިނެޓް ފަހުން އާސެނަލަށް ލީޑު ހޯދައިދީފައިވަނީ ޖަރުމަން ޑިފެންޑަރު ޕާ މަޓާސޭކާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލަށް ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް، ޑެނީ ވެލްބެކް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސިޑްނީގެ ގޯލްކީޕަރު އަންދްރޫ ރެޑްމޭންއެވެ.

އެ މެޗުގައި އާސެނަލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ލަކަޒެޓް ފެނިގެންދިޔައީ މެޗުގެ 68 ވަނަ މިނެޓުގައި ވެލްބެކްގެ ބަދަލުގައެވެ. އެލެކްސް އިވޯބީގެ ބޯޅައަކުން ލަކަޒެޓް، ލަނޑު ޖަހާފައިވަނީ މެޗުގެ 83 ވަނަ މިނެޓުގައެވެ.

ލިޔޯން ދޫކޮށްލުމަށްފަހު، އާސެނަލަށް ލަކަޒެޓް ގުޅުނީ 46.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. އުމުރުން 26 އަހަރުގެ ފޯވަޑް ލަކަޒެޓް ވަނީ ލިޔޯނަށް މިދިޔަ ސީޒަނުގައި ކުޅުނު 45 މެޗުން 37 ލަނޑު ކާމިޔާބުކޮށްދީފައެވެ.

comment ކޮމެންޓް