ހާދަރުގެ ބަތަލާ ޝާއިގާއަކީ މޮޅު އެކްޓަރެއްގެ އިތުރުން މޮޅު ކީޕަރެއް!

ހާދަރުގެ ބަތަލާ އަދި އެމްއެންޑީއެފް ޓީމުގެ އެއް ނަންބަރު ކީޕަރު ޝާއިގާ --ފޮޓޯ/ފޭސްބުކް

ވޭތުވެދިޔަ އަހަރު ކާމިޔާބު އެތައް ޝޯތަކެއް ދެއްކި އެއް ފިލްމް ކަމަށްވާ "ހާދަރު" ވެގެން ދިޔައީ އަހަރުތެރޭގައި ދިވެހި ސިނަމާތަކަށް އައި އެންމެ ވިދުން ގަދަ ފިލްމަށެވެ. ސިފައިންގެ މީހެއްގެ އަޒުމާއި ހިތްވަރު އަދި ގައުމީ ވަންތަ ލޯބި، ހީބިހި ނަގައިގެންދާ ވަރަށް ދައްކުވައިދިން އެ ފިލްމް ވެގެންދިޔައީ ގިނަ ބައެއްގެ ތައުރީފް ލިބިގެންދިޔަ މޮޅު ފިލްމަކަށެވެ.

ގައުމީ ދިފާއީ ބާރުގެ އުފެއްދުމެއްކަމަށްވާ ހާދަރުގައި މުޅިންހެންވެސް އެކްޓް ކޮށްފައި ތިބީ ކުޅަދާނަ ދިވެހި ސިފައިނެންވެ. ހުނަރުގެ ގޮތުން ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި މިވަގުތު ތިބި އެތައް އެކްޓަރުންނަށް ގޮން ޖަހާލާފަދަ މޮޅެތި އެކްޓަރުންތަކެއް އެ ފިލްމުން ފެނިގެންދިޔައެވެ.

ހާދަރު ފިލްމްގެ ލަވައެއްގެ މަންޒަރެއް--

" ހާދަރު " ފިލްމުން ފެނިގެންދިޔަ ދެ އަންހެން ބަޠަލުންގެ ތެރެއިން ގިނަ ބައެއްގެ ހިތްތައް ކަތިލި އެއް ފަންނާނަކީ އެ ފިލްމުގައި ހުސެއިންގެ އަންހެނުންގެ ރޯލް ކުޅެފައިވާ ޕްރައިވެޓް ޝާއިގާ ހުސެއިންއެވެ.

މަނާލްގެ ނަމުން ހާދަރު ފިލްމުގައި މަޝްހޫރުކަން ހޯދާފައިވާ ޝާއިގާ އަކީ މޮޅު އެކްޓަރެއްކަން އޭނާ ވަނީ ހާދަރު ފިލްމުގައި ކިތަންމެހާވެސް ރަނގަޅަކަށް ދައްކުވައިދީފައެވެ. އޭނާގެ ކިބައިގައި އެކްޓިންގެ ހުނަރު ފުރި އުތުރި އަރާވަރަށް ހުރިކަން އޭނާ ސާބިތުކޮށްދީފައިވާއިރު މިފަހަރު އޮތީ ޝާއިގާގެ އިތުރު ހުނަރެއްގެ ވާހަކައެވެ.

ހާދަރު ފިލްމްގެ މަންޒަރެއް--ފޮޓޯ/ ފޭސްބުކް

މޮޅު އެކްޓަރެއްގެ އިތުރުން ޝާއިގާއަކީ މޮޅު ގޯލްކީޕަރެއްކަން ވެސް އޭނާ ދަނީ ސާބިތުކޮށްދެމުންނެވެ. އޭނާއަކީ ގައުމީ ދިފާއީ ބާރުގެ ފުޓްސަލް ޓީމުގެ އެއް ނަންބަރު ގޯލް ކީޕަރެވެ. 2011 ވަނަ އަހަރުން ފެށިގެން ޝާއިގާ އަންނަނީ އެކިއެކި ޓީމްތަކަށް ކީޕަރެއްގެ ގޮތުގައި ކުޅެމުންނެވެ.

ސަން ސްޕޯޓްސް އާ ވަހަކަ ދައްކަމުން ޝާއިގާ ބުނީ އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅެން ފެށުނީ 2011 ވަނަ އަހަރު ކަމަށާއި އެންމެ ފުރަތަމަ ވެސް ކުޅުނީ ކީޕަރަކަށް ކަމަށެވެ.

" ރައީސް އޮފީހަށް އެންމެ ފުރަތަމަ މުބާރަތެއްގައި ކުޅުނީ. އޭރު ވެސް ކުޅުނީ ކީޕަރަކަށް. ފުރަތަމަ ކީޕަރަކަށް ކުޅެން ކޮންމެވެސް ވަރަކަށް ޖެހިލުންވެސް ވި. ނަމަވެސް ފަހުން ގަބޫލު ކުރެވުނު އެކަން ވާނެ ކަން، ކުރެވިދާނެ ކަން،" ޝާއިގާ ބުންޏެވެ.

އެމްއެންޑީއެފް ޓީމް--ފޮޓޯ/ފޭސްބުކް

ޝާއިގާގެ ވިސްނުން ބަހައްޓަނީ ކިތަންމެ ގޮންޖެހުންތަކެއް ހުރިނަމަވެސް ކަމެއްގައި ކުރިއަށް ދާން ބޭނުންނަމަ، އެކަމަކާ ވެގެން ރަނގަޅަށް ކުރިއަށްދާނަމަ ކާމިޔާބީ ހޯދޭނޭކަމެވެ. 2011 ވަނަ އަހަރުން ފެށިގެން ކީޕަރަކަށް ކުޅެމުން އަންނަ ޝާއިގާ، ފުޓްބޯޅަ ކުޅެން ޝައިގުވެރިކަން އުފެދުނު ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް ފުޓްބޯޅައިގެ ތެރޭގައި ދެމި ހުރީ އެ ކަން ކުރަން ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. މިއަދާ ޖެހެންދެންވެސް އެ ކުޅިވަރުގައި ދެމި ހުރީ ގިނަ ގޮންޖެހުންތަކެއް ގިރާކޮށްގެން ކަމަށް އޭނާ ބުންޏެވެ.

މިހާރު ޒަވާޖީ ހަޔާތެއްވެސް ފަށައިގެން އުޅޭ ޝާއިގާ ބުނީ އާއިލާގެ ފަރާތުންނާއި ފިރިމީހާގެ ފަރާތުން އަބަދުވެސް ފުޓްބޯޅައިން ކުރިއަށް ދިޔުމަށް އޭނާއަށް ހިތްވަރު ލިބޭ ކަމަށާއި މިހާ ގިނަ ދުވަސްތަކެއް ވަންދެން ކުޅިވަރުގެ ތެރޭގައި ދެމި ހުރެވުނީވެސް އެކަމާއި ހެދި ކަމަށެވެ.

އަންހެން ކުއްޖަކު ކީޕަރަކަށް ކުޅުމަކީ ކިހާ ބޮޑު ޗެލެންޖެއްތޯ ސުވާލު ކުރުމުން އިތުބާރާއި އެކު ޝާއިގާބުނީ ހިތްވަރާއި އަޒުމާ އެކު ކޮންމެ ކަމަކާވެސް ކުރިމަތިލައިފިނަމަ އެކަމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. ބޭނުންވަނީ ކޮންމެ ކަމަކާ ވެސް ކެރިގެން ކުރިމަތިލުން ކަމަށް އޭނާ ބުންޏެވެ.

ސިފައިންގެ ހިދުމަތަށް 2014 ވަނަ އަހަރު ނުކުތް ޝާއިގާ ވަނީ މީގެކުރިން ފުޓްބޯޅައިގެ ތެރޭގައި ފާހަގަކޮށްލެވޭ މުހިއްމު ކާމިޔާބީތަކެއްވެސް ހޯދައިފައެވެ. އެގޮތުން އޭނާއަކީ މީގެ ދެ އަހަރު ކުރިން އެފްއޭއެމްއިން ބޭއްވި އަންހެނުންގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް (ސަން) ޓީމުގެ ކީޕަރެވެ. މީގެ އިތުރުން ސިފައިން ކްލަބް މޯލްޑިވްސް ކަޕްގެ ވިމެން ފިއެސްޓާގައި ހޯދި ކާމިޔާބީ ތަކުގައިވެސް އޭނާގެ ހިއްސާ ބޮޑެވެ.

މިހާރުވެސް ޝާއިގާ އަންނަނީ ސިފައިންގެ ޓީމާ އެކު އެފްއޭއެމް އަންހެނުންގެ ފުޓްސަލް މުބާރަތުގައި ވާދަކުރަމުންނެވެ. އެ މުބާރާތުގައި ސިފައިން މުހިއްމު ދެ މެޗް ކުޅެފައިވާއިރު އެ ދެ މެޗުގައިވެސް ޝާއިގާވަނީ މުހިއްމު ދައުރެއްއަދާކޮށްފައެވެ. އަދި އެމްޕީއެލްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދާފައެވެ.

ޝާއިގާ ދެން ފިލްމަކުން ނުފެންނާނެ، ނަމަވެސް ފުޓްބޯޅައިން ކުރިއަށްދާން ބޭނުން

ޝާއިގާއާ ދެކެވުނު ވާހަކަ ތަކުގައި އޭނާގެ ފުޓްބޯޅަ ކެރިއަރާ ބެހޭގޮތުން އެކަނި ސުވާލްކޮށްލާފައި ފުއްދާލާ ހިތެއް ނުވިއެވެ. " ހާދަރު" ފަދަ ކާމިޔާބު ފިލްމެއްގައި ފުރިހަމަ މަސައްކަތެއް ކުރުމަށް ފަހު އެހެން ފިލްމަކުން ފެނިދާނެތޯ އަހާލުމުން ބުނީ ދެން ދުވަހަކުވެސް އެކްޓް ކުރަން ނުވިސްނާ ކަމަށާއި ދެން ފިލްމަކުން ނުފެންނާނެ ކަމަށެވެ.

" ދެން ފިލްމެއް ނުކުޅޭނަން. އެއީ ދެން ވަޒީފާގެ ގޮތުން ލިބުނު ފުރުޞަތެއްގައި އެކްޓްކޮށްލީ. ނަމަވެސް ދެން އެފަދަ ފިލްމަކުން ފެނުން ވަރަށް ދުރު،" ޝާއިގާ ބުންޏެވެ.

އެފްއޭއެމް ވިމެން ފުޓްސަލް މުބާރަތުގެ ކްއީން އޮފް ދަ މެޗްގެ މަގާމާއި ޝާއިގާ ހަވާލުވަނީ --ސަން ފައިލް ފޮޓޯ

އޭނާ ބުނީ ފިލްމީ ދާއިރާއިން ނުފެނުނު ކަމުގައިވިއަސް ފުޓްބޯޅައިން ކުރިއަށްދާން ބޭނުންވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ފުޓްބޯޅައިގެތެރެއިން ލިބޭ ފުރުޞަތުތައް ބޭނުން ކުރާނެ ކަމަށެވެ. އަދި ޝާއިގާ އޭނާފަދަ، ފުޓްބޯޅައަށް ޝައުގުވެރިވާ އަންހެން ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީވެސް ހިތްވަރާއެކު މަސައްކަތްކޮށް ކުރިއަށްދެވޭ ހިސާބަކަށް ދިޔުމަށް މަސައްކަތް ކުރުމެވެ.

comment ކޮމެންޓް