ރާއްޖޭގެ 84 އަހަރުވީ ތައުލީމީ ހަޔާތުގައި އެންމެ ފަހުރުވެރި ނަތީޖާ ހޯދީ މިދިޔަ އަހަރު: މިނިސްޓަރު

އޯ ލެވެލް ޓޮޕް އެޗީވާސް އެވޯޑް ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: 2016 ވަނަ އަހަރަކީ ރާއްޖޭގައި ސްކޫލް ތައުލީމް ފޯރުކޮށްދޭން ފެށިފަހުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި އަހަރު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ސްކޫލް ތައުލީމް ފޯރުކޮށްދޭން ފެށިފަހުން ފާއިތުވެދިޔަ 84 އަހަރުގެ ތެރޭގައި އެންމެ ފަހުރުވެރި ނަތީޖާއެއް ހޯދިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި އޯލެވެލް ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގައުމެއްގެ ތައުލީމީ ހާލަތަށް ބަދަލު އަންނަކަން އެނގޭ އެއް ގޮތަކީ އަހަރުން އަހަރަށް ދަރިވަރުން ހާސިލް ކުރާ ނަތީޖާ އަޅާ ކިޔާ އެ ނަތީޖާ ވަޒަން ކުރުން ކަމަށެވެ.

އެގޮތުން 2016 ވަނަ އަހަރަކީ ތައުލީމީ ދާއިރާއަށް ކާމިޔާބު އަހަރެއް ކަމަށާއި މިދިޔަ އަހަރު ހޯދުނު ނަތީޖާއަކީ ހޯދުނު ރެކޯޑެއް ކަމަށް ވިދާޅުވިއެވެ.

"މިއީ ރާއްޖޭގެ ސްކޫލް ތައުލީމު ނިޒާމީ ގޮތެއްގައި ފޯރުކޮށްދޭން ފެށިފަހުން ވޭތުވެދިޔަ 84 އަހަރުގެ ތެރޭގައި ހޯދުނު އެންމެ ފަހުރުވެރި ނަތީޖާ. މިއީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި ހާސިލުކުރެވުނު ގައުމީ ރެކޯޑެއް،" ތައުލީމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2015 ވަނަ އަހަރުގެ އޯލެެލް އިމްތިހާނުގެ ގަދަ 10 ގައި 502 ދަރިވަރުން ހިމެނިފައިވެއެވެ. އަދި މިދިޔަ އަހަރު އެ އަދަދު ވަނީ 589 އަށް މައްޗަށް ޖެހިފައެވެ.

އޭގެ ތެރެއިން އަށް މާއްދާއިން "އޭ" ފާސް ހޯދައިގެން އޯލެވެލް އިމްތިހާންތަކުން 126 ދަރިވަރަކު އެއް ވަނަ ހޯދާފައިވާއިރު، ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ދިވެހި 48 ދަރިވަރަކު ހިމެނިފައިވެއެވެ.

މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، ސްކޫލް ތައުލީމަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެވިފައިވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކަމަށެވެ. އެގޮތުން ހަމައެކަނި ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 18 ޕޮއިންޓަށް މަތި ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި 21 ވަނަ ގަރުނުގައި ވާދަވެރިކަމާއެކު ކާމިޔާބުކޮށް އުޅުމަށް ހަ ކަމެއް މިނިސްޓަރު ވަނީ ފާހަގަކުރައްވާ ދަރިވަރުންނާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން، ވަށައިގެން ދައުރުވާ ބައިނަލްއަގްވާމީ މައްސަލަތައް ދެނެގަނެ އެހެން ސަގާފަތްތަކުގެ މީހުންނަށް އިހްތިރާމުކޮށް އެމީހުންނާއެކު ސުލްހަމަސަލަސްކަންމަތީ ދިރިއުޅެން ދަސްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.

އަދި ކޮންމެ މީހަކީ ވެސް ދިރިއުޅުމުގަޔާއި މަސައްކަތުގެ މާހައުލުގައި ފައިސާ އާއި ވިޔަފާރީގެ މުއާމަލާތް ކުރަންޖެހޭ ބަޔަކަށް ވާހިނދު، މުޖުތަމައުގައި އެފަދަ މުއާމަލާތްތައް ގާބިލުކަމާއެކު ކުރުމުގެ ހުނަރު ލިބެންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ، ޒިންމާދާރު ރައްޔިތަކަށް ވުމަށް ބޭނުންވާ މަދަނީ ހުނަރު ދަސްކޮށް މުޖުތަމައުއަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އިހްތިރާމް ކުރުމެވެ.

އޭގެ އިތުރުން ތިމާގެ ފަރުދީ ޒިންމާއެއް ވާކަން ދެނެގަނެ އަބަދު ވެސް އެހެން މީހުންނަށް އިހްތިރާމުކޮށް އެމީހުންގެ ހައްގުތައް އިސްކޮށް ހިމާޔަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ފުރިހަމަ ސިއްހަތެއްގައި ދެމިތިބުމުގެ މުހިއްމުކަން ފާހަގަ ކުރައްވާ ހަތަރު ވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ސިއްހީ ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް ބޭނުންވާ މައުލޫމާތު ހޯދައި އެއާ އެއްގޮތަށް ފަރުދީ ދިރިއުޅުން ބައްޓަން ކުރުމެވެ.

އަދި ކަންކަމާމެދު ވިސްނާ ފިކުރުކޮށް، އީޖާދު ތަކާއި އާ ހޯދުންތައް ހޯދައި ދިރިއުޅެމުންދާ ހަލަބޮލި މާހައުލުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން ބޭނުންވާ މައުލޫމާތާއި ހުނަރު ދެނެގަނެ ތަރައްގީ ކުރުމަށް ވެސް މިނިސްޓަރު ހިތްވަރު ދެއްވިއެވެ.

ފަހު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި ޓެކްނޮލޮޖީ އާއި މައުލޫމާތުގެ ޒަމާނުގެ ކާމިޔާބު ކަމާއެކު މުއާމަލާތްކޮށް، މުވާސަލާތު ކުރުމަށް ބޭނުންވާ ހުނަރު ދެނެގަނެ މައުލޫމާތު ހިއްސާކޮށް ފޯރުކުރުމުގައި މީޑިއާ ހެޔޮ ގޮތުގައި ބޭނުން ކުރަން އެނގުމެވެ.

"އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަންވީ، ލިބޭ ކޮންމެ ކާމިޔާބީއަކާއެކު އައު ފުރުސަަތުތަކެއް ހުޅުވޭ ފަދައިން، ކުރިމަތީގައި ކަނޑައްތުކުރަން އޮންނަ ކޮންމެ ރާސްތާއެއްގައި ހުރި ދަތި އުނދަގޫ ކަންތައްތައް، ކާމިޔާބު ކަމާއެކު ގިރާކުރުމުގެ ހިތްވަރާ ފަންވަރު އަޅުގަނޑުމެންގެ ކިބައިގައި ހުންނަންވާނެކަން،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް