ގޮނޑި ގެއްލޭ މެމްބަރުން އިންތިހާބު ކުރަން އިދިކޮޅު ލީޑަރުން އެއްބަސްވެއްޖެ

އިދިކޮޅު ހަތަރު ލީޑަރުން: ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން މަޖިލީހުގެ ގޮނޑި ގެއްލުނު މެމްބަރުން އެ މަގާމުތަކަށް އިންތިހާބު ކުރަން އެ ހަތަރު ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފައި--- ސަން ފޮޓޯ

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން، އިދިކޮޅު މަޖިލިސް މެމްބަރުންގެ ތެރެއިން ގޮނޑި ގެއްލޭ މެމްބަރުން ބައި އިލެކްޝަންގައި ވާދަކޮށް އިންތިހާބު ކުރަން ތާއިދު ކުރަން އިދިކޮޅު ހަތަރު ލީޑަރުން އެއްބަސްވެއްޖެ އެވެ.

އެގޮތަށް އެއްބަސްވެވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ.

އެ ހަތަރު ލީޑަރުން އެގޮތަށް އެއްބަސްވެވަޑައިގެންނެވިކަން އިއުލާން ކުރީ އިދިކޮޅު ޕާޓީތަކުން ގުޅިގެން، މ. ކުނޫޒުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު، އަބްދުﷲ ރިޔާޒެވެ.

އަބްދުﷲ ރިޔާޒު ވިދާޅުވީ ހަތަރު ލީޑަރުން މަޝްވަރާކޮށް، އެ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ އެބޭފުޅުން ކުރައްވާ މަސައްކަތުގައި މެމްބަރެއްގެ ގޮނޑި ގެއްލިއްޖެނަމަ އެކަމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ.

"ފިއްތި ވަރަކަށް ވާނީ ވަރުގަދަ،" ފާރިސް މައުމޫން

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ސަބަބުން މިހާރު މަޖިލީހަށް ވައްދާފައިވާ އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުއްޓުމެއް ނެތް ކަމަށާއި އެ މައްސަލަ އެޖެންޑާ ކުރާ ދުވަހު މަސީހު މަގާމުން ދުރުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި މަސަތްކަތަކަށް މިއައި ހުކުމަކުން ހުއްޓުމެއް ނެތް. އަޅުގަނޑުމެންގެ މަސަތްކަތް ދާނީ ކުރިއަށް. އަޅުގަނޑުމެންގެ މިބަދަހި ގުޅުމަށް ބަދަލެއް ނާންނާނެ މިހުކުމުގެ ސަބަބަކުންނެތް،" އިބޫ ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އިއްޔެ އިއްވި ހުކުމުގައިވާގޮތުން އިއްޔެއިން ފެށިގެން، ޕާޓީން ވަކިވާ، ނުވަތަ ވަކިކުރާ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ އެވެ. އަދި ޕާޓީން ވަކިވި ކަމަށް ބަލާނީ އިލެކްޝަން ކޮމިޝަނުން އެ މެމްބަރަކު ޕާޓީން ވަކިވިކަން އަންގާ ދުވަހުން ފެށިގެން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

comment ކޮމެންޓް