އަހަރެންގެ ހިތް އަނބުރާދީ

"ޝީޒް އެ ސްލަޓް....." މެހެރީނާ ހަށަން ބަދެލަމުން ފުންނޭވައެއްލިއެވެ. އެހެން ބުނެވުނީ ބާރަށް ކަމުގައިވިޔަސް ހައިކަލްމެންނަކަށް ފާހަގައެއް ނުވިއެވެ. އެވަގުތު ކޮންމެވެސް މީހަކު ބެލްޖެހުމުން މެހެރީނާ ދޮރު ހުޅުވާލައިފިއެވެ. ދޮރުމަތީގައި ހުރީ ރައުދާއެވެ. ރަތްކުލައިގެ ހެދުމެއްލާފައި ލުއިކޮށް މޭކަޕްކޮށްލާފައި ހުރިއިރު ޝާހީ ގޮތެއްހުއްޓެވެ. ހައިކަލްގެ ދެފަރާތުގައި އޭނަގެ މަންމައާއި ބައްޕައެވެ. ޒައިތޫންވެސް ހީވީ ރައުދާ ނުފެނި އެތައް ޒަމާނެއްވުމުން ޝަކުވާކުރިހެންނެވެ.

"އަނހަ ރައުދާ؟ އަވަހަށް އިށީދޭ. ކިހިނެއް؟ " ޒައިތޫން ހީލާފައި ތެދުވެ ރައުދާގެ އަތުގައި ހިފާ ބޭންދީ އޭނައާއި ކައިރީގައެވެ. އެއީ ހައިކަލް ދެކޭހިތްވި މަންޒަރެއްނޫނެވެ. މަންމަމެން ސަލްވާ ހުރިކަމަށްވެސް ހަދާނުލާ ރައުދާއަށް ކީ ހޫނު މަރުހަބާގެ ސަބަބުން އޭނަގެ ހިތުގައި ޝަކުވާ އުފެދުނެވެ. އެކަމާއި ހިތްހަމަނުޖެހިފައިކަން ހުރިކަން އަންގަންވެގެން ވަގުތުން ތެދުވެގެން ދާން ބޭނުންވިއެވެ. އަޒަލްއާއި އާޒީންވެސް މަންމަ ފެނުމުން ކައިރިއަށް އައިގޮތަށް ވާހަކަދައްކައިލީ ކޮންމެހެން ސަލްވާ ބާކީކޮށްލާކަށް ނޫނެވެ. އެކުދިން ހެދިގޮތުން ސަލްވާ ރީއްޗަށް ބާކީވިތަން ފެނިފާ މެހެރީނާގެ ހިތް އުފަލުން ފުންމައިގަތެވެ. ސަލްވާ ފޯނާއި ކުޅެލަކުޅެލާ އިނެވެ. ހައިކަލް ކުޑަކޮށް ތެދުވާން އުޅުނުތަން ފެނިފާ ކުއްލިއަކަށް ރައުދާ ސަމާލުކަން ދިނެވެ.

"ހައިކަލް. މާއިޒްގެ ވާހަކައެއް ދައްކާލަންވެފައި އެބައޮތް. ވަރަށް މުހިއްމުކަމެއް އެހެންވެ ލަސްކުރެވޭކަށްވެސް ނެތް. އަޅުގަނޑު އަދި މަންމަމެންނާއިވެސް އެވާހަކަ ހިއްސާކޮށްލާނަން. އެކަމަކު ކުރިން ހައިކަލް ވަގުތުކޮޅެއް ދީފާނަންތަ؟ " ރައުދާ ވާހަކަދައްކަން ފެށުމުން ހައިކަލް ސަލްވާއާއި ދިމާލަށް ބަލައިލިއެވެ.

"ސަލްވާ. ދާންވީނު ރޫމަށް ޖައްސާލަން..." ހައިކަލްބުނެލިއެވެ. ސަލްވާ އެކަނި ބާކީވެފައި އިނުމުގެ މާނައެއް ނެތެވެ. އޭނަ ތެދުވެގެންގޮސް ސަލްވާ އަތަށް ތަޅުދަނޑިވެސް ދިނެވެ. ސަލްވާ ސިޑިން މައްޗަށް އަރައިގެން ދިޔައީ އަވަސް އަރުވާލާފައި ކަހަލަ ގޮތަކަށެވެ. ސަލާމަތް ނުވެވިފައި އިންފަދައެވެ. އެހެން އެންމެންވެސް އެކި ދިމާލަށް ގޮސް ލޯމަތިން ގެއްލުނީ ހައިކަލްއަށް އާއު ރައުދާ ވާހަކަދައްކާލަން ވަގުތު ދިނުމަށެވެ. މެހެރީނާ ސަލްވާގެ ފަހަތުން ގޮސް މަތީބަޔަށް އެރިއެވެ.

"ކަލޭ ތިއީ ދޮންބެގެ ފައިފުއްސަކަށް ވާން އެކަށީގެންވާ މީހެއްނޫންކަން ރައުދާމެންނަށް ބަލައިލީމަ ވިސްނިއްޖެއެއްނު. ހައިކަލް ރައުދާ އަދި ދެކުދިން އެއްތާކު ތިބިއިރު ކިހާ ކިއުޓް. ސަލްވާ ދަމާ ނުނެރެނީސް މިގެއިން ނިކުންނަން އުޅޭ. މިއީ އެންމެ ފަހުގެ އިންޒާރު. ހަމަ ސެހާދަތް މިބުނީ. ނޫނީ ކަރުބުޑުގައި ހިތި ރަހަލާނެ. ދޮންބެގެ އިއްޒަތާއި ގަދަރަށްޓަކާ މީހަކު މަރާލަންވެސް މި މެހެރީނާ ފަހެއްނުޖެހޭނެ. ހީޒް އަވަރ އެވްރީތިން. ކަލޭ.. ކަލޭ ހަމަ ލަދެއްވެސް ނުގަނޭތަ؟ ރާއްޖެތެރެއިން މާލެ އަންނަމީހުން ދެން ހިތް މޮޅުކަން، ޗީ ޗީ...އެމެރިކާއަށް ދެވުނީމަ ވަކިން ފެންވަރު އޮޅިއްޖެ ދޯ. ޑޮކްޓަރ ހައިކަލްގެ ފައިސާފެނިފައި މިހާރު މޮޔަވެފައި ތިހިރީ......" މެހެރީނާ ހިތަށް އެރިހާ އެއްޗެއް ކިޔާލައިފިއެވެ. ސަލްވާ ކޮޓަރިއަށް ވަންނާން އުޅުމުން ކޮށްޕާލީ ވިސްނާވެސް ނުލާ ހުއްޓައެވެ. ސަލްވާގެ ކޯތާފަތް ދޮރު ދާރައިގާ ޖެހުނުގޮތަކުން އަޑެއްލައްވާލެވުނެވެ. އެވަރުންވެސް އެތެރެއަށްވަދެ އަދި ޝޯލްވެސް ދަމައިގަތެވެ. ސަލްވާ ބިރުންގޮސް މުށި ދެލޯ ތަންމިނަށް ބޮޑުކޮށްލެވިއްޖެއެވެ. މިހުރިހާ ދުވަހު މެހެރީނާ މިވަރެއްނުދައްކައެވެ. ހަމަ ރީއްޗަށްވެސް މެހެރީނާ ސައިކޯ ވީބާވައެވެ.

"ޕްލީޒް މެހެރީން ދައްތާ. ކީއްކޮށްދޭންވީ. ތިހެން ނަހަދަބަލަ...." ސަލްވާގެ ހިތް ތެޅެމުންދިޔައީ ބާރުބާރަށެވެ. ހައިކަލް އަންނާނެނަމައެވެ. މެހެރީނާއަށް ހެޔޮ ވިސްނުން ދެއްވާނެނަމައެވެ. މެހެރީނާ އެދިޔަ ބާރުމިނުގައި ޑްރެސިންޓޭބަލް މަތިން ސެންޓު ފުޅިއެއް ނެގިއެވެ.

އެފުޅި މާބްލްމަތީގައި ޖެހީނުން ތަޅާލާފައި ސަލްވާގެ މޫނުގައި ޖަހަންވެގެން އުޅުމުން ދެއަތް ދިއްކޮށްލެވުނީ ބޭ އިޚުތިޔާރުގައެވެ. ބިއްލޫރި ހެރުނީ އަތްތިލައަށެވެ. ނަމަވެސް މިހާ ކެރިގެން ކޮޓަރިއާއި ހަމަޔަށް ފޯރާ މިގޮތަށް އަނިޔާކުރަން ކެރޭނެކަމަށް ސަލްވާ ހިޔެއްނުކުރެއެވެ. ދިލަތޫނު ތަދަކާއިއެކު ހޯސްލާފައި ލޭއޮހެން ފެށުމުން ސަލްވާ ބިއްލޫރިގަނޑުގައި ހިފާ ދަމައިގަތެވެ. އެވަރުންވެސް ލޭމަނާވާގޮތެއް ނުވިއެވެ. ފޮތިގަނޑަކުން ބާރަށް އޮޅާލިއެވެ.

"ކަލޭ އެއްވެސް ކަމެއް ކުރާނެކަމެއް ނެތް. އަނަގަ މައިތިރިކޮށްގެން ކަލެއަށް ދުވަސްކޮޅަކަށް ރޯޒްމެހެލްގެ ރަނިކަން ކުރެވޭ ކަމަށްޓަކާ އަހަރެމެންނަށް ޝުކުރުކުރޭ. އެނގޭތަ؟ ދޮންބެ އަހަރެމެންގެ މަންމަ ކައިރީ ބުނި އަޑު މި ދެ ކަންފަތުން އެހިން ކަލޭ ދުވަސްކޮޅަކަށޭ އިނީ. ރައު އާއި ދޮންބެ ވަރަށް އަވަހަށް ގުޅޭނެ. ދޮންބެވެސް ނޫޅޭ މޮޔަވެގެނެއް. ދޮންބެ ޖެންޓްލްމޭންއަކަށްވީމަ ސިމްޕަތީވެގެން ދެން ތަންކޮޅެއް ރަގަޅަށް ހެދިޔަސް ތީ ކުޑަދުވަސްކޮޅެއްގެ މެހެމާނެއް. ދެންވެސް މައިތިރިވެގެން ހުންނާތި. އެއްވެސް ޝަކުވާއެއް ކޮށްފިއްޔާ އަދި އިތުރަށް ފަޅި ސިކުންތުކޮޅަކަށްވެސް ނުބަހައްޓާނަން............" މެހެރީނާ އިންޒާރު ދީފައި ނުކުމެގެން ދާން ހިނގައިގަތެވެ. ސަލްވާ ހުރީ ހިރިލާން ނުކުރިފައެވެ. މެހެރީނާގެ ދުލުގެ ވިހައާއިއެކު ގަޔަށް އަތްލާފަނެކަން އޭނަ ދަނެއެވެ.

ސަލްވާ ކޮޓަރި ސާފުކުރަން ހުރިއިރު އޭނަގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ.

އޭނަ ހެއްދެވިފަރާތަށް ދުޢާކުރިއެވެ. އޭނަގެ އެއްވެސް ކުށެއްނެތި ލިބެމުން ދާ އަނިޔާތަކުން ރައްކާތެރިކޮށް ދެއްވުމަށް އެދުނެވެ. ކެތްތެރިކަން ދެއްވުމަށް އެދުނެވެ. ނަމަވެސް އޭނަ ކެތްކުރާނީ ކިހިނެއްހެއްޔެވެ؟ މިއަދު މެހެރީނާ އެބުނީ އާ ވާހަކައެކެވެ. ދުވަސްކޮޅެއްގެ މެހުމާނެކޭ ކިޔައިގެން އެދިން އިންޒާރު ހިތުން ފިލުވައިލަން އުޅުނަސް އެކަމެއްނުވިއެވެ. ރައުދާއާއި ހައިކަލް ވާހަކަދައްކަން މަޑުކުރީވެސް އެކަމުގެ ހެއްކެއްބާވައެވެ. މެހެރީނާ އެބުނީ ތެދުވާހަކައަކަށް ވެދާނެކަމާއިމެދު ޝައްކެވެ. ކައިވެންޏަށްފަހު ހައިކަލް އުޅުނުގޮތާއި މެދު ވިސްނާލެވުނެވެ. ތަފާތު ޚިޔާލުތައް ސިނކުޑިއަށް އުދަގޫކުރާން ފެށުމުން ސަލްވާއަށް ކަރުނަތައް ނުހިފެހެއްޓިގެން ރޮވެންފެށިއެވެ. ފާޚާނާއަށްވަދެ ދޮރު ތަޅުލުމާއިއެކު ހުރިތަނަށް ތިރިވެވިއްޖެއެވެ.

ހައިކަލް އާއި ރައުދާއަށް އެކަނި ވަގުތުކޮޅެއް ދީފައި އެންމެން އެކި ދިމަދިމާލަށްގޮސް ސިޓިންރޫމް ހުސްވުމުންވެސް ހައިކަލް ހުރީ ކޮޅަށެވެ. އިށީންނަން ބޭނުންނުވެފައެވެ. ރައުދާ ފުން ނަޒަރަކުން ހައިކަލްގެ މޫނަށް ބަލާލައިފިއެވެ.

"ކިޔާބަލަ......." ހައިކަލް ސީރިޔަސްކަމުގެ އިންތިހާއެވެ.

"ކުދިންގެ ކަންތަކާ ޑިސްކަސްކުރަން ޖެހޭއިރު ތިގޮތަށް ދުރުވެގެން އުޅުމުން ވަރަށް އުދަގޫވޭ......" ރައުދާ ވާހަކަދައްކަން ދެއްކީ އެހެން ބަހަނާއެކެވެ. ހައިކަލް ގެ މޫނުމަތިން ޝުއޫރެއް ނުފެނުނެވެ. އެފުން ދެލޯ ކަނޑެކޭ އެއްފަދައެވެ. އެލޮލުގައިވާ އެއްޗެއް ތަރުޖަމާ ކުރަން ނޭގުނުހިދު ބައެއްފަހަރު ރައުދާގެ ހިތް އުއްމީދުން ފުރުނެވެ. އޭނަގެ ކޮޅަށް ހައިކަލް ގެ ހިތް ދީލާލާނެ ހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް އަމިއްލަ ދަރިންގެ އުމުރުގެ އަންހެންކުއްޖަކާއިއެކު އުޅޭކަށް ހައިކަލްފަދަ ހަރުދަނާ ފިރިހެނަކަށް ފަސޭހައެއްވެސް ނުވާނެއެވެ.

"ކުދިންގެ ކޮންކަމެއް؟ " ހައިކަލް ފޫހިވާގޮތްވިއެވެ. ރައުދާ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އޭނަގެ ފަހަތުން އުޅެނީ މުޅިން އެހެން ބޭނުމެއްގައިކަން ހައިކަލްއަށް ނޭގެނީއެއްނޫނެވެ. އެކަން ރައުދާއަށް ކާމިޔާބެއްނުވާނެއެވެ.

"މިސާލަކަށް މާޒް. ހައިކަލްއަށް އެނގޭތަ؟ މާޒް ޑިޕްރެސްވެފައިވާ ވަރު. ޑިއުޓީއަށް ގޮސްވެސް އެތާގައި ހުރިހާ އެންމެނަށް ބަވާ ކުރީދުވަހުވެސް އީ އާރު ގައި ހުރެފައި އަތުން ޖެހިޖެހީނުން ޑްރެސިން ސެޓާއިއެކު ހޫރާލީ. ބައެއްމީހުން ހީކުރާނެ ފޮނީއޭ. ތިމާއަށް ތިމާ ފެނިފައޭ. އެހެނެއްނޫން. ހީޒް ޑިޕްރެސްޑް. އެތައް ޝަކުވާއެއް އޮފީހާއި ހަމަޔަށް އާދޭ. އެންމެ ދުވަހަކުވެސް ގަޑިއަކަށް ޑިއުޓީއަކަށް ނުދޭ. އަބަދު ރުޅިގަދަވެ ދެލޯ ހަނިކޮށްލައިގެން......" ރައުދާ ވާހަކަދެއްކިއިރު ހީވަނީ މާއިޒްދެކެ ނިކަން ލޯބިވާ މަޔަކު ހެންނެވެ. ރައުދާ މިވާހަކަ ދެއްކިއިރު ލަދެއް ނުގަނޭބާވައޭވެސް ހައިކަލްގެ ހިތަށް އެރިއެވެ. މާއިޒްއަށް އޭނަގެ ފަރާތުން ލޯބި އުނިވެފައެއް ނުވާނެއެވެ. ރައުދާ މާއިޒް ކުޑައިރު އަނިޔާވެރިވިއެވެ. ޑިޕްރެސްވިއްޔާ ވީ ވެސް ރައުދާއާއި ހެދިއެވެ. އޭގެ ފަހުން އައީ ކެމީލާއެވެ. ކެމީލާއަކަށް މާއިޒްއާއި އެގޮތަށް ޖައްސާލައިގެން އުޅެވިފައެއްނެތެވެ.

"ޑިޕްރެސް ނުވިޔަސް ހިތްހަމަނުޖެހޭ ކަމެއް ދިމާވެގެން މާޒް އެކަހަލަ ކަމެއްކޮށްފާނެ.." ހައިކަލް މާއިޒް ދިފާއުކުރިއެވެ.

"މި މަންޒަރު ފެނުނީމަ ހައިކަލްވެސް ތިހެން ނުބުނާނެ. ޕްލީޒް ކަމް ވިތް މީ.." ރައުދާ އެދުނެވެ.

ރައުދާ ބާރުބާރަށް ގޮސް މާއިޒްގެ ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. މާއިޒްގެ ކޮޓަރި އެފުށް މިފުށުން ޖަހާލާފައި ހުއްޓާ ފެނުނީ މެހެރީނާއަށެވެ. އެއީ މާއިޒް ކުރާނެކަމެއް ނޫންކަން އެނގުނީ ލިޔެފައި ހުރި އެއްޗެހިންނެވެ. މެހެރީނާ އެ ލިޔުންތައް ދޮވެލަން މަސައްކަތްކުރީ މާއިޒްގެ ބޮލުގައި އެކަން އަޅުވާށެވެ. މާއިޒް ސައިކޯޕާތަކަށް ހަދާށެވެ. މެހެރީނާ ވަގުތުން ރައުދާއަށް ގުޅާފައި އެ ޚަބަރުދިނެވެ. އޭނައަށް އެނގޭކޮންމެ ކަމެއް ރައުދާއަށް އެނގޭހާ ސިއްރުވެރި ދެއެކުވެރިންނަށް މިހާރު ވެފައިވެއެވެ. ރައުދާވެސް އެހުރިހާ ކަމެއް މާއިޒްގެ ޑިޕްރެޝަނާއި ގުޅުވިއެވެ.

"ސީ ފޯ ޔޯ ސެލްފް. ޕްލީޒް...." ރައުދާ އެދުނެވެ.

ހައިކަލް ކޮޓަރީގެ ދޮރު މައްޗަށް އަރާފައި ސިހޭގޮތްވިއެވެ. ރައުދާ ބުނީ ދޮގެއްނޫނެވެ. މާއިޒްގެ ކޮޓަރިއަށް ބަލާލުމުން ޑިޕްރެޝަންގައި އުޅޭ ކުއްޖެއްގެ ކޮޓަރިއަކާ ތަފާތެއްނެތެވެ. ރުޅިއައިސްގެން ތަނަށް ކޮށްލި ވަރު މިއޮތީ ފެންނާށެވެ. އެވަގުތަކީ މާއިޒްވެސް ގެއަށް އައިވަގުތެވެ. ރައުދާ ބުނިގޮތަށް ރުޅިވެރިކަން އެކުލެވިފައިވާ މޫނެވެ. އިސްތަށިގަނޑު ހޭވިފައެވެ. ހީވަނީ މޫދުން އަރައިގެން އައިހެންނެވެ. ޓީޝާޓާއި ސޯޓުލައިގެން ހުރިއިރު މޫނު ޓޭންވެފައިވެއެވެ. ހައިކަލް ފެނުމުން މާއިޒް ކުޑަކޮށް ހީލާފައި އަތުގައި ހިފާ ސަލާމްކޮށްލައިފިއެވެ. ދޮރާއި އަރާހަމަވެފައި ލިބުނު ސިހުން މާއިޒް ސިއްރުކުރިއެވެ. ރައުދާ ފާޑަކަށް ހުރެފައި ތިރިއަށް ދާން ހިގައިގަތީ އެދެބަފައިން ވާހަކަދައްކާލާނެ ވަގުތު ދޭންވެގެންނެވެ.

"މާޒް މިއީ ކޮންކަމެއްތަ؟ " ހައިކަލް ސުވާލުކުރިއެވެ.

"އަ.......އެކްޗުއަލީ....އައި އިންވައިޓެޑް އެ ގާލް އޯވާ.........އެންޑް...." މާއިޒްއަށް އެވާހަކަދެއްކުން ފަސޭހައެއްނުވިއެވެ. ހައިކަލްއަށް ވިސްނުނެވެ. ވެދާނެއެވެ. އެ އަންހެންކުއްޖާ ރުޅިގަދަވީއެވެ. ދެބަސްވުމެއް ހިގާފައި އަންހެންކުއްޖަކު ރުޅިގަދަވެއްޖެއްޔާ ކޮށްލާނީ މިކަހަލަ މޮޔަ ކަމެކެވެ. މާއިޒް އަމިއްލައަށް މިހާ ހަޑިއެއް ހާވަފާނެ ކަމާއިމެދު ހައިކަލްވެސް ޝައްކެވެ. ކޮންމެވެސް އެއްޗެހިތަކެއް ލިޔެފައި ހުރިތަންތަން އެކުއްޖަކު އެހެރީ ފޮހެލާފައިކަން ނޭގެއެވެ. ހައިކަލް ހީލާފައި މާއިޒްއާއި ކުޑަކޮށް ވާހަކަދައްކާލާ ހެދުމަށްފަހު ގޭގައި މަސައްކަތްކުރާ މީހަކު ގެނެސްގެން އެތަން ސާފުކޮށްލަން ބުނެފައި އެމީހާއަށް ޑޮލަރުކޮޅެއްވެސް ދިނެވެ. ސަތޭކަ ޑޮލަރު ލިބުމުން އެމީހާގެ ދެލޯ ވިދާލިއެވެ. އަދި އަވަހަށް މަސައްކަތާއި މަޝްޣޫލުވެގަތެވެ. މާއިޒް ބެލްކަނީގައި ހުރި ސަންބެޑްގައި ޖައްސައިލިގޮތަށް ޚިޔާލެއްގެ ތެރެއަށް ފީނައިގަތެވެ.

ސަލްވާ ފެންމާގަނޑު ދަށުގައި ހުއްޓުނުގޮތަށް ކަރުނަތައްވެސް ފެނާއިއެކުވާން ފެށިއެވެ. އެތައް އިރެއްފަހުން ތުވާލިން ފެންހިއްކާލުމަށްފަހު ޕިޖާމާހެދުމެއް ލިއެވެ. ނަސީބަކުން ކަރުނަ ހުއްޓުވުމުގައި ކާމިޔާބުކޮށްފިއެވެ. ރީތވާ މޭޒުދޮށުގައި އިންދާ ހައިކަލް ކޮޓަރިއަށް ވަނެވެ. ސަލްވާ ފެނިފާ ހައިކަލްއަށް ކަމެއް ގޯސްވެއްޖެކަން އެގުނެވެ. އަހާލުމުން ނޭފަތް ދަމާލާފައި ބުނީ ރޯގާޖެހިގެން ކަމުގައެވެ. ބޭސްގެނެސްދެންހެއްޔޭ އަހާލާއިރަށް ބުނީ އަމިއްލައަށް ބޭސް ކައިފާނެކަމަށެވެ.

"އަތަށް ކިހިނެއްވީ..........." ހައިކަލް ސަލްވާގެ އަތުގައި ހިފައިލާފައި އަހައިލީ ކަންބޮޑުވެފައެވެ.

"ސެންޓްފުޅިއާއިއެކު ވެއްޓުނީ.....ފަސްޓް އެއިޑްބޮކްސް ހުރިތަނެއްވެސް ނޭގޭ............." ސަލްވާ މެހެރީނާ ކުށްވެރިކޮށްފިއްޔާ ހައިކަލް މެހެރީނާއާއި ދިމާލަށް ހަޅޭއްލަވާނެއެވެ. ނޫނީ އެވެސް އެކްޓްހެއްޔެވެ؟ ނޫނެކެވެ. މިކަމުގައި އަޑިނޭގޭ ކޮންމެވެސް ކަމެއް އެބައޮތެވެ. ސަލްވާ ތެދުވެގެންގޮސް ހޯދަންފަށާއިރަށް ހައިކަލް ނަގާފައި ބެހެއްޓިއެވެ.

"އައި ކެން ޑޫ އިޓް...." ސަލްވާ ދުރަށް ދާން އުޅުނެވެ.

"އަލަށް ސަލްވާ މިގޮތަށް ރުޅިގަދަވެފައި މިހިރީ. ކީއްވެ....." ހައިކަލް ހިތާ ހިތުން ސުވާލުކޮށްފައިވެސް ސަލްވާގެ އަތުގައި ހިފެހެއްޓިގޮތަށް ދޫކޮށެއްނުލިއެވެ. ސަލްވާ އަތް ވީއްލުވަން އުޅެއުޅެވެސް ކާމިޔާބެއްނުވިއެވެ. ހައިކަލް އެ ޒަޚަމް ސާފުކުރަން އުޅުމުން ސަލްވާ ތުންފަތުގައި ބާރަށް ދަތްއެޅިއެވެ. ތަދުވާނެކަމަށް ހީކުރިއެވެ. ހައިކަލް އުޅުނީ ވަރަށް ބަލައިގެންނެވެ. އޯގާތެރިކަމުގެ އިންތިހާއެވެ. އައިސްޕެކް ގެނެސްދިނުމުންވެސް އަތުލައިގެން އަމިއްލައަށް މޫނުގައި ޖައްސަމުން ހިނގައިގަތީ ބެލްކަންޏާއި ދިމާލަށެވެ. އޭރުވެސް ހުރީ ތުންފިތާލައިގެންނެވެ. ސަލްވާއަށްވެސް ރުޅި އަންނަން އެބައެގެއޭ ހައިކަލްގެ ހިތަށް އެރިއެވެ. ނޭގިނަމަވެސް އޭނައަށް މިއަދު ހައިކަލް ދެކެ ރުޅި އާދެވެނީއެވެ. ހައިކަލް ފަހަތުންގޮސް އެކިގޮތްގޮތުން އަހަން މަސައްކަތްކޮށްވެސް ހިތްހަމަޖެހޭފަދަ ޖަވާބެއް ނުލިބުނެވެ.

"ފައިން......" ހައިކަލްވެސް ހިތްހަމަނުޖެހިގެން ކޮޓަރިން ނުކުމެގެން ދިޔަތަން ފެނިފާ ސަލްވާ ދެރަވީ ވަރު ބަޔާންކުރަން ދަތްޗެވެ. އޭނަ އެނދަށް ވެއްޓިގަތެވެ. ރިމޯޓުން ބެލްކަނީގެ ފަރުދާތައް ދަމާލައިފިއެވެ. ކިތަންމެ ކެތްކުރިޔަސް ހިތަށް އަސަރުކޮށްގެން ރޮވެންފެށިގޮތަށް ހުއްޓާލުމަކީ ކުރެވޭވަރުގެ ކަމަކަށްނުވިއެވެ. ރޮއިރޮއި ވަރުބަލިވެފައިވިފަހުން ނިދި އޭނައާއި އެހީވިއެވެ. ހޭލެވުނުއިރު ހައިކަލް ފެންވަރާލައިގެން ފާޚާނާއިން ނުކުތީއެވެ. އެކަނި ޖިންސްލައިގެން ހުރިއިރު ހާދަ ހިތްގައިމެވެ. ސަލްވާ ބޭނުންވީ ގޮސް ބައްދާލާށެވެ. ސަލްވާ ފާޚާނާއަށްވަދެ މޫނު ދޮވެލާ ހަދައިގެން ނުކުތެވެ. ހައިކަލް ބުމަ އަރުވާލާފައި ހީލާފައި އަދިވެސް ވީކަމެއް ނުބުނާނަންހެއްޔޭ ކިޔާފައި ސުވާލުކުރުމުން ސަލްވާ ކުޑަކޮށް ހީލިއެވެ.

"ރައުދާއާއި ވާހަކަދެއްކީމަ....ވަރަށް އުދަގޫވި......" ސަލްވާ އެހެން ބުނުމުން ހައިކަލް ހޭންފެށިއެވެ.

"އަހަންނަށް ނޭގުނީ ސަލްވާއަކީ ޖެލަސްވާ ޓައިޕް ގާލްއެއްކަމަށް. ދެޓްސް ސޯ ކިއުޓް...." ހައިކަލް ސަލްވާ ލުއިފަތެއްހެން އުފުލާލާފައި ޑްރެސިންޓޭބަލްމަތީގައި ބޭންދިއެވެ. ނިތްކުރިއާއި ކޮންމެ ލޮލެއްގައި ވަކިން ބޮސްދިނެވެ. އިސްތަށިގަނޑާއި ކުޅެލިއެވެ. ހައިކަލް ބަލަންހުރިގޮތުން ސަލްވާގެ މުޅިހަށިގަނޑުވެސް ވިރިގެން ފޭބިފަދައެވެ. ހިތަށް އެތައް އަސަރުތަކެއްކުރިއެވެ. އެ ފުޅާ މޭމަތީގައި ބޯ ޖައްސައިލެވުނެވެ. މެހެރީނާވެސް ހަދަހަދައިގެން ދެއްކިވާހަކައެވެ. ހައިކަލް އެހާ ކެހިވެރިއެއްނުވާނެއެވެ. ކެހިވެރިއަކު މިގޮތަށް އެކްޓެއްނުކުރާނެއެވެ. އެންމެ ފަހަރަކުވެސް ލޯބިވެއޭ ބުނާނެނަމައެވެ.

"ނޭގޭ މިހެންބުނީމަ ފަހަރެއްގައި ވެދާނެ ސެލްފިޝްއީކަމަށް. ނޫނީ މޮޔައީކަމަށް. އެކަމަކު އެކްސްއާއި ވާހަކަދެއްކުމަކީ ރަގަޅުކަމެއްނޫން......."

"ހޫމް......." ހައިކަލް ސަލްވާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

"އެއީ ކީއްވެ އެކަން ގޯސްވީ؟"

"ރައުދާއަކީ ކުރީގެ އަންހެނުންނަށްވީމަ. މިހާރު އޭނަވާނީ ހިލޭ މީހަކަށް. ވާހަކަދެއްކުން ހުއްދައެއްނުވާނެ. އެހެންވެ ވަރަށް އުދަގޫވޭ އޭނައާއި ވާހަކަދެއްކީމަ. އެކްސްއިންނާއި އެއްވެސް ކަހަލަ ގުޅުމެއް އޮތިއްޔާ މެރިޖްގައި މައްސަލަތައް ކުރިމަތިވާން ފަށާފާނެ. އެހެންވެ ހިތަށް އެރީ. އިފް ޔޫ ވޯންޓް ޓު ޓޯކް އޭގެ ރަގަޅު ގޮތުގައި އެކަންވެސް ކުރީމަ މައްސަލައެއްނޫން. ހަމަ އޯކޭ މެރީ ކުރީމަ. އަޅުގަނޑުގެ މައްސަލައެއްނެތް ދެ އަންބަށްވިޔަސް މެރީކުރިއްޔާ. ނަމަވެސް މެރީނުކޮށް ހުރެ ވާހަކަ ދައްކަންޏާ............" ސަލްވާ ދީނީގޮތުން އެކަން އޮތްގޮތް ކިޔައިދިނެވެ.

"ސީރިޔަސްކޮށް ސަލްވާއަށް މައްސަލައެއް ނެތްތަ އަހަރެން އެހެން އަންހެނަކާއި ކައިވެނިކުރިޔަސް. ޖޭ އެއްނުވާނެ ހަމަ؟ " ހައިކަލްއަށް މަޖާވިއެވެ.

"ޖޭވާނެ....." ސަލްވާ ޖަވާބުދިނެވެ.

"އެކަމަކު.....ދެންމެ ތިބުނީ އެހެން މީހަކާއި އިންނާށޭ....."

"ނޫން. އެހެނެއްނޫން. އެއްވެސް އަންހެންކުއްޖަކު އެގޮތް ބޭނުންވާނެހެން ހިޔެއްނުވޭ. އެކަނި މަޖުބޫރީ ހާލަތުގައި ފަހަރެއްގައި ގަބޫލުކޮށްފާނެ.. އެހެންވެއްޖެއްޔާ ދެރަވާނެ. ވަރަށް ދެރަވާނެ. ނޭގޭ ކެތްކުރާނެގޮތެއްވެސް............." ސަލްވާގެ ހިތުގައި އަދި ކިތަންމެ ވާހަކައެއް އެބައޮތެވެ. ސަލްވާދެކެ ލޯބިވަންޏާ ހައިކަލް އެހެން އަންހެނަކު ހޯދަން ވީ ސަބަބެއް ނެތެވެ. ދީނުގައި ހުއްދަކަމަކަށްވާއިރު އެކަން ހުއްދަވަނީ ހުރިހާ އަންހެންންނަށް ހަމަހަމަޔަށް ކަންތައްކޮށްދެވޭނެ ނަމައެވެ. ޝަރުތުތަކަކާއި ލައިގެންނެވެ. އެފަދަ ދުވަހެއް ނާންނާނެކަމަށް ސަލްވާ ދުޢާކުރިއެވެ. ހައިކަލް ދެރަނުވާށޭ ކިޔާފައި ބައްދާލިގޮތަށް ހީވީ މުޅި އުމުރަށްވެސް އެއަތުތެރޭގައި އެހެން ހުރެވޭނެހެންނެވެ. މެހެރީނާގެ ވާހަކަތައް ގަބޫލުކުރަން އުޅުނަސް ކުރާނީ ކިހިނެއްހެއްޔެވެ؟ އެއަށްވުރެ ހައިކަލް އުޅެނީ މާ ލޯބިންނެވެ.

އަޒަލް އެކަނިވުމުން ހައިކަލް އަޒަލްއާއި ސުވާލުކުރިއެވެ. އަޒަލްގެ ނައިޓްމެއާއަކީ ކޮބާކަން އެނގެން ބޭނުންވިއެވެ. އަޒަލް ދެރަވެގެންގޮސް ހުރިހާ ވާހަކައެއް ކިޔާދޭން ބޭނުންވިއެވެ. އޭނަގެ ސީޓީ ސްކޭން ރިޕޯޓްތައް އެނދުގެ ގޮދަޑި ދަށަށް ލާފައި ހުރިކަމަށާއި ބަލިވާހަކަ ބުނަން ހިތް އެދުނެވެ. އޭނަވަނީ އެހާވެސް ބިރުގެންފައެވެ. މަރުގެ ތުންފަތްމަތީގައި ވާއިރު އެކަން ފޮރުވައިގެން ހުއްޓާ ބިރުވެރިކަމެއް ކުރިމަތިވެދާނެއެވެ. އަޒަލް އެވާހަކަ ބުނަން އުޅެފާވެސް ވިސްނީ ހައިކަލްގެ އުފާވެރިކަމާއި މެދުގައެވެ. އެކަން އެނގުމުން ބައްޕަގެ އުފާވެރިކަން ނިއުޅިދާނެއެވެ. ބައްޕަ އުފަލުގައި އަބަދު ހިނިތުންވެފައި ހުރުމުން އޭނަވެސް އުފާވެއެވެ. އެނިއުރިޒަމް ކަހަލަ މައްސަލަތައް ނޯމަލްކޮށް އުޅޭ މީހެއްގެވެސް ހުރެދާނެއެވެ. ފޭސްބްލައިންޑްނެސް ވެސް ސީރިޔަސް މައްސަލައެއް ނޫންތާއެވެ. އަޒަލް ވިސްނާލާފައި ބުނީ އޭނައާއި ވިޝާމް އެދުވަހު ކަމަކާއި އަރައިރުންވީ ކަމަށެވެ. ވިޝާމް ކޮންމެވެސް އެއްޗެއް ފޮރުވައިގެން ގެންގުޅުމުން ދެރަވީކަމުގައެވެ. މިހާރު އެކަން ހައްލުވެއްޖެކަމަށެވެ. އަޒަލްގެ އުމުރުގެ ޅަކަމުން އެފަދަ ކޫސަނި މައްސަލަތައް ޖެހޭނެއެވެ. އެއީ އެހާ ވިސްނަންވީ ކަމެއް ނޫނެވެ.

އަޒަލްވެސް އުޅެނީ ވިޝާމްގެ ސަމާލުކަން ހޯދުމުގައެވެ. ވިޝާމް ހުއްޓަސް ހެދުން ބަދަލުކުރާއިރުވެސް ވިޝާމްގެ ބޮލަށް ޝައިތާނާ ސަވާރުވާގޮތެއްނުވެއެވެ. ބިކިނީގައި ކުރިމަތީގައި އެނބުރޭއިރުވެސް އޭނަ ހިތަށް އެއްޗެކޭ ނާރައެވެ. ފޯނަކީ ބައިވެރިޔާފަދައެވެ. އަބަދުހެން ފޯނުގައެވެ. ހުސްގަޔާ ކޮޓަރިތެރޭ ދެކޮޅަށް ހިނގިޔަސް ވިޝާމް ބަދަލެއްނުވާނެކަން އަޒަލްއަށް އެނގުނެވެ. ފިރިމީހާ "ސެޑިއުސް" ކުރާނެ ގޮތްތައް އޭނަ ގޫގުލް ކުރިއެވެ.

ހައިކަލްވެސް އަވަދިނެތި ހޮސްޕިޓަލުގައި މަސައްކަތްފެށިއިރު ސަލްވާވެސް ގަވާއިދުން ކޮލެޖަށްދާންފެށިއެވެ. ރޯޒްމެހެލް ދުވާލު އޮންނަނީ ފަޅުތަނެއްހެންނެވެ. އެންމެންވެސް ގޭގައި ހަމަވަނީ ރޭގަނޑަށެވެ. ވިޝާމްއަށް ފާރަލަމުން އުޅޭ މެހެރީނާ އަށް ވިޝާމްގެ ފަރާތުން ޝައްކުވާފަދަ ކަންތައް ފެނެއެވެ. ވިޝާމް ސަލްވާއަށް ޚާއްސަ ސަމާލުކަމެއްދޭކަން އެނގުމުން އޭނަގެ ހިތް އުފަލުން ނަށައިލިއެވެ. ވިޝާމް ސަލްވާއާއި ދިމާލަށް ބަލައިލަނީވެސް ތަފާތުކޮށެވެ. އެދެލޮލުން މެހެރީނާއަށް ފެންނަނީ އިޝްގެވެ. ދީވާނާ ކަމެވެ. އޭނައަށް ޝައްކެވެ. ވިޝާމްއާއި ސަލްވާއަކީ ދެލޯބިވެރިންނެވެ. މިގެއަށް ދެމީހުން އައިސްގެން މިއުޅެނީ ނުބައި ނިޔަތެއްގައެވެ. ތާއަބަދު ފާރަލާން ހަދައިގެން މެހެރީނާ ހީވެސް ނުކުރާފަދަ މަންޒަރެއް ފެނުނެވެ. ވިޝާމްގޮސް ހައިކަލްގެ ކޮޓަރީގެ ތަޅުގައި ހިފައިލި ވަގުތު މެހެރީނާ ހުރީ އަނެއް ފަރާތު ބެލްކަނީގައެވެ. ފޮތި ދަމާފައި ހުރުމުން ވިޝާމްއަށް އޭނަ އެތާހުރިކަން ނޭގުނީއެވެ.

"މިދެމީހުން ހަމަ ކަންތައް އެބަ ހިންގާލާ. މިވަގުތު ދޮންބެ ގޭގައި ނޫޅެނީކަމަށް ވާނީ. ރެޑްހޭންޑްކޮށް މިއަދު ހިފާނީ......" މެހެރީނާ ވިޝާމް އެކޮޓަރިއަށް ވަންތަން ފޮޓޯ ނެގުމަށްފަހު ފަރުދާތައް ދުރުކޮށްލާފައި ނުކުތްއިރު އޭނަގެ ހިތްވެސް އަވަސްވެފައިވިއެވެ. މިހާ ރީތިކޮށް ފަޅާ އަރާފާނެކަމަކަށް މެހެރީނާ ހީނުކުރެއެވެ.

(ނުނިމޭ)

comment ކޮމެންޓް