ވަކިވާން އެދުނު މެމްބަރުން ގޮނޑި ސަލާމަތް ކުރުމުގެ ފުރުސަތު އެބަ އޮތް: ނިހާން

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާއެކު އެ ގްރޫޕުގެ ލީޑަރު ނިހާން (ވ)-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޕީޕީއެމުން ވަކިވާން ސިޓީލާފައި ތިބި މަޖިލީހުގެ މެމްބަރުން އެ ނިންމުން ބަދަލުކޮށް ޕާޓީއާއެކު މަސަތްކަތް ކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން އެހެން ވިދާޅުވެފައި މި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޕީޕީއެމުން 10 މެމްބަރުން ސޮއި ކޮށް އެ ޕާޓީން ވަކިވާން ސިޓީލާފައިވަނިކޮށެވެ. އަދި ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށެވެ.

އަޅުގަނޑުމެންގެ ދެ އަތް ހަމަ ފުޅާކޮށްފައި ތި ބޭފުޅުންނަށް މަރުހަބާ ދަންނަވަން އެނބުރި ވަޑައިގަންނަވާށޭ، މެމްބަރު ނިހާން

ސްޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ދައުލަތުގެ މީޑިއާ، ޓީވީއެމާ ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ މިއަދު ސްޕްރީމް ކޯޓުން ކުރި ހުކުމާ އެއްގޮތަށް މެމްބަރުން ވަކިކޮށްފިނަމަ އެ މެމްބަރުންނަށް މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށާއި ނަމަވެސް އެ މެމްބަރުން ޕީޕީއެމާއެކު މަސަތްކަތްޕުޅު ކުރައްވަން ބޭނުންނަމަ އަދިވެސް އެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ދެ އަތް ހަމަ ފުޅާކޮށްފައި ތި ބޭފުޅުންނަށް މަރުހަބާ ދަންނަވަން އެނބުރި ވަޑައިގަންނަވާށޭ. އަޅުގަނޑުމެންގެ ޕާލިމެންޓަރީ ގްރޫޕާއެކު މަސަތްކަތްކޮށް ހިތްޕުޅު ހަމަނުޖެހިވަޑައިގަންނަވާ ކަންތައްތައް އިސްލާހު ކުރެއްވެން ހުރި މިންވަރަކުން އިސްލާހުކުރުމުގެ މަގު މި ޕާލިމެންޓަރީ ގްރޫޕްގައި ރައްޔިތުންނަށްޓަކައި އޮންނާނެ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މަޖިލީހުގެ މި ދައުރުގެ ބައިކީ އޮތްބަޔާއި އަންނަ އަހަރު އޮންނަ މަޖިލީހުގެ އިންތިހާބުން ކާމިޔާބީ ޔަގީން ކުރައްވަން ބޭނުންފުޅުވާނަމަ މިއަދުގެ ސަރުކާރާއެކު ޕީޕީއެމުގައި މަސަތްކަތްކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ސްޕްރީމް ކޯޓުގެ ހުކުމަށް ޕީޕީއެމުން ފުރިހަމައަށް ތާއިދު ކުރައްވާކަން ހާމަކޮށް ނިހާން ވިދާޅުވީ ކޯޓުގެ ހުކުމަކީ ގައުމުގެ ހައްގުގައި ނިމިގެންދިޔަ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ސިޔާސީ ޕާޓީއަކަށް ގެއްލުމެއް ނުވާނެ ކަމަށެވެ.

"އެއްވެސް ހާލެއްގައި މެމްބަރެއްގެ އިމްތިޔާޒަކަށް މި ހުކުމުގެ ސަބަބަކުން ހުރަހެއް ނޭޅޭ. މެމްބަރަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަމާ އިނާޔަތަކަށް ވެސް ހުރަހެއް ނޭޅޭ،" ނިހާން ވިދާޅުވި އެވެ.

ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި މިއަދު އިއްވި ހުކުމުގައިވާގޮތުން މިއަދުން ފެށިގެން، ޕާޓީން ވަކިވާ، ނުވަތަ ވަކިކުރާ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ އެވެ. އަދި ޕާޓީން ވަކިވި ކަމަށް ބަލާނީ އިލެކްޝަން ކޮމިޝަނުން އެ މެމްބަރަކު ޕާޓީން ވަކިވިކަން އަންގާ ދުވަހުން ފެށިގެން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

comment ކޮމެންޓް