ނިއު ޔޯކު ސިޓީން މީދާ މަދު ކުރުމަށް 32 މިލިއަން ޑޮލަރުގެ ޕްލޭނެއް

ނިއު ޔޯކް (ޖުލައި 13): އެމެރިކާގެ ނިއު ޔޯކް ސިޓީގައި މީދަލުގެ އާބާދީ މަދު ކުރުމަށް 32 މިލިއަން ޑޮލަރުގެ ޕްލޭނެއް އިއުލާންކޮށްފި އެވެ.

އިއްޔެ އިއުލާން ކުރި އެޕްލޭނުގެ ދަށުން އަންނަ އަހަރު ނިމެންވާ އިރަށް މީދަލުގެ އާބާދީ 70 ޕަސެންޓަށް މަދު ކުރުމަށް ރާވާފައިވެ އެވެ. ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި އެސިޓީގައި މީދަލުގެ އާބާދީ ދެ މިލިއަނަށް އަރަ އެވެ.

ނިއު ޔޯކް ސިޓީގެ މޭޔަރު ބިލް ޑި ބްލާސިއޯ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ގިނަ ފައިސާ ހަރަދު ކުރާނީ ސަރުކާރުން އާއްމުންނަށް ދޫކޮށްފައިވާ ގެތަކުގެ ހާލަތު ރަނގަޅު ކުރުމަށާއި މަގުމަތީގައި ހުންނަ ކުނި ވަށިގަނޑުތަކަށް މީދަލަށް ނުވަދެވޭ ގޮތަށް ހެދުމަށެވެ.

ނިއު ޔޯކް ސިޓީން އެޕްލޭން އިއުލާންކޮށްފައި ވަނީ މީދަލުގެ ސަބަބުން ޖެހޭ ބައްޔެއްގެ ސަބަބުން މިދިޔަ ފެބްރުއަރީ މަހު އެކަކު މަރުވެ ދެ މީހެއްގެ ހާލު ސީރިއަސްވި ކަމަށް ސިއްހީ އޮފިޝަލުން ބުނެފައި ވަނިކޮށެވެ.

މީގެ ކުރިން 2015 ވަނަ އަހަރުވެސް ނިއު ޔޯކް ސިޓީގެ ހެލްތް ޑިޕާޓްމެންޓުން ވަނީ އެފަދަ 3.5 މިލިއަން ޑޮލަރުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. (ރޮއިޓާސް)

comment ކޮމެންޓް