ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަނީ

ސްޕްރީމް ކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވަކި ހާލަތެއް މެދުވެރިވުމުން ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދި ދައުލަތުގެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު 4:30 ހަށް ތާވަލުކޮށްފި އެވެ.

މިއަދު އެމައްސަލަ ތާވަލު ކޮށްފައިވީ ނަމަވެސް މިއަދު އޮތީ ހުކުމް ކަމެއް ނުވަތަ އަޑުއެހުމެއް ކަމެއް ނޭންގެ އެެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވަމުން އެޓާނީ ޖެނެރަލް އަނިލް ވިދާޅުވެފައިވަނީ އެ މައްސަލައަކީ ދިވެހި ރައްޔިތުންގެ ފަރާތުން ހުށަހަޅާ ދުސްތޫރީ މައްސަލައެއް ކަމަށެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނީ، މެމްބަރަކު މަޖިލީހަށް އިންތިހާބުވާއިރު ހުރި ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެގޮތަށް ކަނޑައަޅަނީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި 74 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ މާނަކޮށްގެން ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

އަނިލް ވިދާޅުވީ ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރުގައި ރައްޔިތުންގެ ތާއީދު ހޯދައިގެން މަޖިލީހަށް އިންތިހާބުވުމަށްފަހު، ވޯޓު ދިން ރައްޔިތުންނަށާއި، ޕާޓީއަށް ގައްދާރުވެ ޕާޓީ ބަދަލުކުރުމަކީ އަމަން އަމާންކަމާއި ގައުމުގެ ސިޔާދަތަށް ނުރައްކާ ކަމެއް ކަމަށެވެ. އެހެން ކަމުން ދައުލަތުން ގަބޫލު ކުރާ ގޮތުގައި އެއީ ޑިމޮކްރަސީއާވެސް ޚިލާފު ކަމެއް ކަމަށާއި، އެއީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަަށް އަނިލް ވިދާޅުވިއެވެ.

އަނިލް ވިދާޅުވީ، މެމްބަރަކު މެމްބަރު ކަމަށް އަންނަނީ ވަކި ސިޔާސީ ފިކުރެއްގައި އެ ޕާޓީއެއް ނުވަތަ އެ ފިކުރެއް ކުރިއެރުވުމަށް ކަމަށާއި، މެމްބަރަކު އެ ފިކުރަކާ ޚިލާފުވެ އެ ޕާޓީން ވަކިވެ ނުވަތަ ޕާޓީ ބަދަލުކުރުމަކީ އެ ޕާޓީއަށާއި، ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ.

އަނިލް ވިދާޅުވީ މީގެ ކުރިން ދުސްތޫރީ ނިޒާމަށް ހަމަލާތަކެއް ދީފައިވާ ކަމަށާއި، އެގޮތުން 2015 ވަނަ އަހަރު ސަރުކާރު ވައްޓާލުމުގެ ނަމުގައި ނުކުމެ ގައުމުގެ އަމާންކަން ނަގާލަން މަސައްކަތް ކުރި ކަމަށް ވިދާޅުވި އެވެ. އަދި އޭގެ އިތުރުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލުމަށް ލޯންޗު ގޮއްވާލައި ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

comment ކޮމެންޓް