ފައިސާ އެބަހުރި، ބޭނުމީ ކިޑްނީއެއް

ޝިހާމް ޑައިލަސިސް ހެދުމުގައި: އޭނާ އެދެނީ ކިޑްނީއެއް ދޭނެ މީހެއް-- ފޮޓޯ: ޝިހާމް

އެޒުވާނާއަކީ ހީވާގި ވިޔަފާރިވެރިއެކެވެ. އަމިއްލަ މަސައްކަތުން ކާމިޔާބު ހޯދި ވިޔަފާރިވެރިއެކެވެ. ކުއްލިއަކަށް އޭނާ އަށް އާދަޔާއި ހިލާފަށް ބޮލުގައި ރިއްސަން ފެށިއެވެ. އެއާއެކު ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރުން ބުނީ ލޭމަތި ކަމަށެވެ. އިތުރު ޓެސްޓްތަކަށް ފަހު ޑޮކްޓަރުން ބުނީ ކިޑްނީގައި މައްސަލަތަކެއް އުޅޭ ވާހަކައެވެ. އެއީ 2013 ވަނަ އަހަރެވެ. ދ.ހުޅުދެލި، ޒަމީން، އަހުމަދު ޝިހާމް،35، އަދިވެސް ވަނީ އެބަލިން އަރައި ނުގަނެވިފައެވެ.

"ލަންކާއަށް ދިޔައީ 2013 ގައި، ގޮސް ދެއްކީމަ ބުނީ ދެ ކިޑްނީގެވެސް 50 ޕަސެންޓް ގޮހޭ އިނގީ، ހަ އަހަރު ހިފަހައްޓާނޭ، އެއަށްފަހު ދެން ޖެހޭނީ ބަދަލުކުރަންށޭ ޑޮކްޓަރު ބުނީ،" ކުޑަ ތިން ކުދިންގެ ބައްޕަ، ޝިހާމް ހާލަތު ކިޔައިދެމުން ބުންޏެވެ.

އޭރުންސުރެ ޝިހާމް ދިޔައީ ބޭސް ކަމުންނެވެ. ނަމަވެސް ފަހުން ޖެހުނީ ޑައިލަސިސް ހަދަން ށެވެ. އެގޮތުން މިދިޔައަހަރުގެ ފަހު ކޮޅުން ފެށިގެން މިއަދާއި ހަމައަށް އޭނާ އުޅެނީ ހަފްތާއަކު ތިން ފަހަރު ޑައިލަސިސް ހަދާންށެވެ.

ކޮންމެ ލޭގެ ގުރޫޕެއްވިޔަސް ގުޅޭނެ

ކިޑްނީއިން ހަށިގަނޑަށް ދެމުންދާ ހިދުމަތް މިއަދު އެހޯދަނީ ޑައިލަސިސް ހަދައިގެންނެވެ. ނަމަވެސް އެއީ ވަގުތީ ފަރުވާއެކެވެ. ޑޮކްޓަރުންގެ ލަފާއަކީ ކިޑްނީ ބަދަލުކުރުމެވެ.

އެއް ކިޑްނީގެ އެހީގައި އިންސާނާއަށް ދުނިޔޭގައި އުޅެވޭއިރު ކިޑްނީ ދިނުމަކީ މީހުން ކޮށް އުޅޭކަމެކެވެ. ނަމަވެސް އެކަން ވާނީ ހާއްސަ ގަވައިދެއްގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުއެވެ. ކިޑްނީ ހަދިޔާކުރާމީހާއާއި ކިޑްނީލަށްވަންޖެހޭ މީހާގެ ކިޑްނީ ދިމާވޭތޯ ޓެސްޓްތަކެއް ހަދަންޖެހެއެވެ.

އެކަމުގައި ޝިހާމްގެ ނަސީބް ގަދައެވެ. އޭނާއަކީ އޭބީޕޮޒިޓިވް ލޭ ހުންނަ މީހަކަށް ވުމުން ކޮންމެ ލޭ ގުރޫޕެއްގެ މީހެއްގެ ކިޑްނީވެސް އޭނާއާއި ގުޅޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ކިޑްނީއެއް ދޭނެ މީހަކު ރާއްޖެއިން ބޭރުން ހަމަޖެހުނު ކަމަށާއި ނަމަވެސް އެތަނުގެ ގާނޫނުތަކާއި ގަވައިދުތައް ބުނާގޮތުން ކިޑްނީ ދިނުމަކީ ހުއްދަ ކަމަކަށް ނުވާތީ އެކަން ކާމިޔާބް ނުވިކަމަށް ޝިހާމް ބުންޏެވެ.

"ލަންކާ އިންޑިއާއިންވެސް ނުވި، ގާނޫނު ބުނާގޮތުން ކިޑްނީ ދޭމީހާއަކީ ދިވެއްސަކަށް ވާންޖެހޭ، ކޮންމެ ބުލަޑު ގުރޫޕެއްވެސް އޯކޭ، ބޭނުމީ ކިޑްނީއެއް،" ޝިހާމް ބުންޏެވެ.

ފައިސާ އެބަހުރި، ނެތީ ކިޑްނީއެއް

ޝިހާމަކީ އަމިއްލަ މަސައްކަތްކޮށް އުޅޭ މީހަކަށް ވުމާއެކު ކިޑްނީ ބަދަލުކުރުމަށް ބޭނުންވާ ހުރިހާ ފައިސާގެ ކަންތައްތަކެއް ވަނީ ހަމަޖެހިފައެވެ. އޭނާއަށް ބޭނުންވަނީ ކިޑްނީ ދޭނެ މީހެކެވެ. ކުޑަ ތިން ކުދިންބެ ބައްޕަ ޑައިލަސިސްގެ ހަދައިގެން ދިރިއުޅޭއިރު އޭނާ އެދިއެދި ހުރީ ކިޑްނީއަކަށެވެ.

ޝިހާމަށް އެހީތެރިވުމަށް

ނަމްބަރު: 9992549 ޝިހާމް

ނޯޓް:

ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް