ކުއްލި ހާލަތްތަކުގައި ބޭނުން ކުރާނެ ބޭހާއި އާލާތްތައް ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާ ކޮށްފި

ރާއްޖޭގައި ދިމާވާ އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރާ ހެލްތު ކިޓުތަކެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރާއްޖެއަށް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

ރާއްޖޭގައި ދިމާވާ އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރާ ހެލްތު ކިޓުތަކެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ބޭސް، ޑިވައިސަސް އަދި އާލާތްތަކުގެ އިތުރުން އިމަޖެންސީގައި ކުރަންޖެހޭ ކުދި އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ ސަމާނު ވެސް ހިމެނެ އެވެ.

އޭގެން ކޮންމެ ކިޓަކުން ތިން މަސް ދުވަސް ވަންދެން ގާތްގަނޑަކަށް 10،000 މީހުންނަށް ބޭނުން ކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

އެ ތަކެތީގެ ޖުމްލަ އަގަކީ 53،259.90 އެމެރިކާ ޑޮލަރު (821،253.78 ދިވެހި ރުފިޔާ) އެވެ.

ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި ތަކެއްޗާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. އަދި އެތަކެތި ހަވާލު ކޮށްދެއްވީ ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތުރްއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ، މިތަކެތި ބޭނުންކުރާނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ އިތުރުން ރާއްޖޭގެ 13 ސަރަހައްދެއްގެ ހޮސްޕިޓަލްތަކުގައި ކަމަށެވެ. އެ ތަކެތި މިހާރު ހުރީ މާލެ ގެނެސްފައި ކަމަށާއި އަތޮޅު ތެރެއަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

ޑރ. އަރްވިންދު މާތުރްގެ ވާހަކަފުޅުގައި، ދިމާވެދާނެ އެއްވެސް ކަހަލަ ކުއްލި ހާލަތަކަށް ތައްޔާރުވެ ތިބުމަށް ހެލްތު މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަށް ފާހަގަކުރައްވާފައިވެ އެވެ.

އަދި ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް އެންމެ ފެންވަރު ރަނގަޅު ސިއްހީ އެހީތެރިކަން ފޯރުކޮށްދީ ރާއްޖޭގެ ސިއްހީ ނިޒާމް އިތުރަށް ވަރުގަދަކޮށް ދިމާވެދާނެ ކުއްލި ހާލަތަކަށް ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމުގައި އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ޑަބްލިއުއެޗްއޯގެ ފަރާތުން ދިވެހި ރައްޔިތުންނަށާއި ހެލްތު މިނިސްޓްރީއަށް އަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް