ޗެލްސީގެ ކޮންމެ ކުޅުންތެރިއަކަށް ހަދިޔާގެ ގޮތުގައި 11,570 ޑޮލަރުގެ ގަޑިއެއް!

ޗެލްސީގެ ކުޅުންތެރީންނަށް ހަދިޔާކުރި 9,000 ޕައުންޑުގެ އަތުކުރި ގަޑި -- ފޮޓޯ: ޑެއިލީ މެއިލް

އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީގެ ކޮންމެ ކުޅުންތެރިއަކަށް، އެ ކްލަބުގެ ވެރިޔާ، ރޯމަން އަބްރަމޮވިޗްގެ ފަރާތުން މިވަނީ ވަރަށް ބޭނުންތެރި ހަދިޔާއެއް ދީފައެވެ. ފުޓްބޯޅައަށް "މަރުދޭ" ރަޝިއާގެ މަހުޖަނު، އޭނާގެ ކްލަބުން މިދިޔަ ސީޒަންގެ ލީގު ކާމިޔާބުކުރުމުން ވަނީ ކޮންމެ ކުޅުންތެރިއަކަށް އަގުބޮޑު އަތުކުރި ގަޑިއެއް ހަދިޔާކޮށްފައެވެ.

ޗެލްސީގެ ވެރިޔާ ވަނީ، އޭނާއާއި ކްލަބުގެ ބޯޑުގެ ޑިރެކްޓަރުންގެ ފަރާތުން ކުޅުންތެރީންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ކޮންމެ ކުޅުންތެރިއަކަށް، ހަދިޔާކުރި ހަބްލޮޓް ބްރޭންޑްގެ އަތުކުރި ގަޑިއަކީ ގާތްގަނޑަކަށް 11,570 އެމެރިކާ ޑޮލަރު (178،409.4 ދިވެހި ރުފިޔާ)ގެ އަގުހުރި ގަޑިއެކެވެ.

އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކުރުމުން ޗެލްސީގެ ކުޅުންތެރީންނަށް ހަދިޔާކުރި 9,000 ޕައުންޑުގެ އަތުކުރި ގަޑިއާއެކު ދީފައިވާ ލިޔުން-- ފޮޓޯ: ޑެއިލީ މެއިލް

ޗެލްސީގެ އޮފިޝަލް 'ޓައިމްކީޕަރ' ހަބްލޮޓްގެ "ކްލެސިކް ފިއުޝަން 45 ޗެލްސީ ފުޓްބޯލް ކްލަބް އެލް.އީ" ގަޑި ހަދާފައިވަނީ، 45 އެމްއެމް ސްޓެއިން ބޭނުންކޮށްގެން، ޓައިޓޭނިއަމް ޕޮލިޝް ކޮށްފައިވާ ކޭހެއް ވަށައިގެން އަޅުވާފައިވާ ގަޑިއެކެވެ. ގަޑީގެ ދަށްފަރާތް ހަދާފައިވަނީ ނޫކުލައިގެ ޖަވާހިރެއް ކަމަށްވާ 'ސެފިއަރ' އިންނެވެ. ހަބްލޮޓުން ހަދާފައިވަނީ އޭގެ އެންމެ 200 ގަޑިކަމަށް ވެއެވެ.

މިހާރު ދެން ޗެލްސީ ކުޅުންތެރީންނަށް ގަޑިޖެހިގެން އައުމަށް ދައްކާނެ ބަހަނާތަކެއް ނޯންނާނެތާއެވެ.

ޗެލްސީގެ ސީނިއަރ ޓީމުގެ ބައެއް ކުޅުންތެރީން ކަމަށްވާ ވިލިއަންއާއި ޝަލޮބާ ވަނީ، ކްލަބުގެ ފަރާތުން އެ ކުޅުންތެރީންނަށް ޝުކުރު އަދާކޮށް، ދީފައިވާ ހަދިޔާއާއި އެއާއެކު ދީފައިވާ ލިޔުމުގެ ފޮޓޯތަށް އެ ކުޅުންތެރީންގެ ސޯޝަލް މީޑިއާގައި ޝެއާކޮށްފައެވެ.

ގަޑިއާއެކު ދީފައިވާ ލިޔުމުގައި "މިއީ ހަނދާން އާކުރާން ޖެހޭ ކެމްޕޭނެއް" ކަމަށާއި "ނޫކުލައިގެ ދިދަ އަބަދުވެސް އެންމެ މަތީގައި ވިހުރުވުމަށް" ކްލަބުގެ ވެރިޔާއާއި ޑިރެކްޓަރުން އެދިފައިވެއެވެ.

ޗެލްސީގެ ކުޅުންތެރީންނަށް ހަދިޔާކުރި 9,000 ޕައުންޑުގެ އަތުކުރި ގަޑި -- ފޮޓޯ: ޑެއިލީ މެއިލް

ކްލަބުން ހޯދާ މިފަދަ ކާމިޔާބީގެ އަގުވަޒަންކޮށް ބޮޑެތި ކްލަބުތަކުން އަބަދުވެސް މިފަދަ ހަދިޔާތައް ކުޅުންތެރީންނަށް ދެއެވެ. އެގޮތުން، މީގެ އަހަރެއް ކުރީން، ލެސްޓާ ސިޓީން ފުރަތަމަ ފަހަރަށް އިނގިރޭސި ލީގު ކާމިޔާބުކުރުމާ ގުޅިގެން އެ ކްލަބުން ވަނީ ކޮންމެ ކުޅުންތެރިއަކަށް 100,000 ޕައުންޑުގެ އަގުހުރި ކާރެއް ހަދިޔާކޮށްފައެވެ.

comment ކޮމެންޓް