އަލްވޭސް ޕީއެސްޖީއަށް

ޕީއެސްޖީއަށް ސޮއިކުރި ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ޑަނީ އަލްވޭސް: އޭނާ އެ ކްލަބާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ---

ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ޑަނީ އަލްވޭސް، ޔުވެންޓަސްއިން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް ސޮއިކޮށްފިއެވެ.

މެންޗެސްޓާ ސިޓީން ހޯދުމަށް މަސައްކަތް ކުރަމުންދިޔަ އަލްވޭސް، ޕީއެސްޖީއާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޕީއެސްޖީއަށް އަލްވޭސް ސޮއިކުރިކަން އެ ކްލަބުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޕީއެސްޖީއަށް ސޮއިކުރި އަލްވޭސްއަށް ހަފްތާއަކު 230،000 ޕައުންޑް ލިބޭނެއެވެ. ޕީއެސްޖީގައި އަލްވޭސް ބޭނުންކުރާނީ 32 ނަންބަރުގެ ޖާޒީއެވެ. އެއީ ކުރިން ޕީއެސްޖީގައި އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްއާއި ބްރެޒިލް ޑިފެންޑަރު ޑޭވިޑް ލުއިޒް ބޭނުންކުރި ޖާޒީއެވެ.

"ޕީއެސްޖީއަށް ސޮއިކުރެވުމުން ވަރަށް އުފާކުރަން. ފާއިތުވެދިޔަ އަހަރުތަކުގައި މި ކްލަބު ވަރުގަދަ ވެގެންދިޔަ ތަން އަހަރެންނަށް ފެނިގެންދިޔަ. އަދި މިހާރު މި ކްލަބަކީ ޔޫރަޕްގެ ވަރުގަދަ ކްލަބެއް. އެހެން ކްލަބުތަކަށް އެހީތެރިވީ ގޮތަށް އަހަރެން މި ކްލަބަށް ވެސް އެންމެ ރަނގަޅު ކުޅުން ދައްކާ، އެހީތެރިވާނަން. އަހަރެން ޕީއެސްޖީއާ ގުޅުނީ ކާމިޔާބު ހޯދަން،" ޕީއެސްޖީއަށް ސޮއިކުރުމަށްފަހު އެ ކްލަބުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އަލްވޭސް ބުންޏެވެ.

އަލްވޭސްއަކީ ބާސާއާއި ޔުވެންޓަސްގެ އިތުރުން ސެވިއްޔާއަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. އުމުރުން 34 އަހަރުގެ އަލްވޭސް، ބާސާގައި އަށް އަހަރު ދުވަހު ހޭދަކުރުމަށްފަހު ޔުވެންޓަސްއާ ގުޅުނީ މިދިޔަ އަހަރުގައެވެ.

comment ކޮމެންޓް