މަދީނާގެ އުތުރުގައި ވާ، 3,533 ފޫޓު އުސްމިނުގެ އުހުދު ފަރުބަދަ. މިއީ ކާފަރުންނާ ދެކޮޅަށް މުސްލިމުން ކުރި ދެވަނަ ހަނގުރާމަ ކުރެވުނު ސަރަހައްދު -- ފޮޓޯ: ވިކިޕީޑިއާ

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލާމަސީލު ޤިޔާދަތާއި ކެތްތެރިވެ ވަޑައިގަތުމާއި، ސާބިތުވެވަޑައިގެންހުންނެވުމާއި، ކެރިވަޑައިގަތުމުގެ ތާރީޚީ ހަނދާނެއް

  1. ހިންދު ބިންތި ޢުތުބާ (އޭނާއަކީ ހަނގުރާމައިގައި ބައިވެރިވި އަންހެނުންގެ ވެރިޔާއެވެ. ޤުރައިޝުންގެ ކޮމާންޑަރއިންޗީފަކަށް ހުންނެވި އަބީ ސުފްޔާނުގެ އަނބިކަނބަލުންނެވެ. އޭނާ ހުންނެވީ އޭނާގެ ބައްޕަ ޢުތުބާގެ ބަދަލު ހިއްޕަވާ ހިތްޕުޅުން ކެތްމަދުވެފައެވެ.
  2. ފާޠިމާ ބިންތި ވަލީދު (އޭނާއަކީ ޚާލިދު ބުނުލް ވަލީދުގެ ކޮއްކޮއެވެ. އަބޫޖަހުލުގެ އަޚު ޙާރިޘު ބިން ހުޝާމުގެ އަނބިކަނބަލުންނެވެ. އޭނާ ފޯރި އާއި ޖޯޝާއެކު ނިކުމެވަޑައިގަތީ އަބޫޖަހުލުގެ ބަދަލު ހިއްޕެވުމަށެވެ.)
  3. އުއްމު ޙަކީމު ބިންތި ޙާރިޘު (އޭނާއަކީ ޢިކްރިމާ ބިން އަބީ ޖަހުލުގެ އަނބިކަނބަލުންނެވެ. އަބޫ ޖަހުލަށް ބޮޑުބޭބެ ވިދާޅުވާ ބޭކަނބަލެކެވެ. އޭނާގެ ބޭނުންފުޅަކީ އަބޫޖަހުލުގެ ބަދަލުހިއްޕެވުމެވެ.)
  4. ރައިޠާ ބިންތި މުނައްބަހު ބިން ޙައްޖާޖު (އޭނާއަކީ ޢަމްރު ބުނުލް ޢާޞުގެ އަނބިކަނބަލުންނެވެ. އޭނާ ބޭނުންފުޅުވީ އޭނާގެ ބައްޕަގެ ބަދަލުހިއްޕެވުމަށެވެ.)
  5. ޙައްނާސު (އޭނާއަކީ މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހުގެ މަންމައެވެ. ނަމަވެސް އޭނާއަކީ ހަރުކަށި މުޝްރިކާއެކެވެ.)
  6. ބުރުޒާ ބިންތި މަސްޢޫދު އައްޘަޤަފީ (އޭނާއަކީ ޞަފުވާން ބިން އުމައްޔަތުގެ އަނބިކަނބަލުންނެވެ. އޭނާގެ ބޭނުންފުޅަކީ އޭނާގެ އެބޭބެ އުމައްޔަތުގެ ބަދަލުހިއްޕެވުމެވެ.)

ޢަރަބީންނަކީ އެބައިމީހުންގެ އަންހެނުންގެ ޙާޒިރުގައި ހަނގުރާމަކުރާއިރު ވަރަށް ހިތްވަރާއި ފަންވަރާއެކު ހަނގުރާމަކުރާ ބައެކެވެ. ނަމަވެސް ޙުނައިނު ހަނގުރާމައިގައި ސާބިތުވީ ، ފިލައިގެންދާ ބަޔަކު ރިއާޔަތްކުރާ އެއްވެސް އެއްޗެއް ނުހުންނަކަމެވެ. ޠާއިފުގެ މަޝްހޫރު އަސްކަރީ މާހިރު ދުރައިދު ބިން ޞިއްމާ ބުނިގޮތަށް ހަނގުރާމައެއްގައި ބައެއްގެ ފައިތިލަ މައިދާނުން އުފުރިއްޖެނަމަ އަންހެނުންނަކަށްވެސް އެބަޔަކު ނުހުއްޓުވެއެވެ. ހަނގުރާމައިގެ މައިދާނުގައި ކަމުފޮޅަނީ ހިތްވަރުގަދަ ފިރިހެނުންނާއި ތޫނު ކަނޑިތަކެވެ.

ބަދުރު ހަނގުރާމަޔަށް އަހަރު ފުރެންވާއިރަށް ޤުރައިޝުންގެ ތައްޔާރީތައް ފުރިހަމަކޮށް ނިންމައިލިއެވެ. އެބައިމީހުންގެ ލަޝްކަރުގައި ތިންހާސް ޖަމަލު ސަވާރުންނާއި، ދުއިސައްތަ އަސްވާރުން އެކުލެވެއެވެ. ޤުރައިޝުންގެ އިތުރަށް އަޙާބީޝުންނާއި، ކިނާނަތުވަންހައިގެ މީހުންނާއި ތިހާމަތުގެ މީހުންވެސް އޭގެތެރޭގައި ތިއްބެވެ. ދަގަނޑު ދަހަނާ އެޅި ހަތްސަތޭކަ ވަރަކަށް މީހުންވެސް ހިމެނެއެވެ.

މުޅި ލަޝްކަރުގެ ކޮމާންޑަރއިންޗީފަކީ އަބޫސުފްޔާނެވެ. އަސްވާރުންގެ ކޮމާންޑަރަކީ ޚާލިދުބުނުލް ވަލީދެވެ. ޚާލިދުގެ އެހީތެރިޔަކީ ޢިކްރިމާ ބިން އަބީ ޖަހްލެވެ. ޤުރައިޝުންގެ އާދަކާދައިގެ މަތީން ދިދައިގެ ވެރިންނަކީ ޢަބްދުއްދާރު ވަންހައިގެ ފަހުލަވާނުންނެވެ.

ޤުރައިޝުންގެ ވަރުގަދަ ލަޝްކަރު މަދީނާއާ ދިމާޔަށް ފިރުކިގަތީ ހިޖްރައިން ތިންވަނަ އަހަރުގެ ޝައްވާލުމަހުގައެވެ. (މާރޗް 625 މ.) ކުރީންވެސް ދެންނެވި ފަދައިން އެ ލަޝްކަރުގެ އެންމެ އިސްވެރިޔަކީ އަބޫސުފްޔާނެވެ. އޭނާއަކީ ވަރަށް ޤާބިލު އަސްކަރީ މާހިރެކެވެ. ތަޖްރިބާކާރު ކޮމާންޑަރެކެވެ. އޭނާ ބަދުރު ހަނގުރާމައިގައި ޤުރައިޝުންނަށް ކުރެވިފައި ހުރި ކުށްތައް ދިރާސާކުރައްވައި އެކަންކަން ތަކުރާރުވިޔަ ނުދެއްވަން ވަރަށް ބޮޑަށް މަސައްކަތްކުރެއްވިއެވެ. ހަނގުރާމައިގެ މައިދާނަކަށް އޭނާ ހައްދަވާނީ މަދީނާކަން ނުވަތަ އެހެން ތަނެއްކަން މުސްލިމުންނަށް އެނގުނަ ނުދެއްވަން ތަފާތު ފިޔަވަޅުތައް އެޅުއްވިއެވެ. އެހެންކަމުން އިސްލާމި ދައުލަތުގެ ޖާސޫސުންނަކަށްވެސް އެކަން މުޅީން ޔަޤީނެއް ނުކުރެވުނެވެ. މައްކާގެ ލަޝްކަރުގެ އެންމެންގެ ހިތްތަކަށްވެސް ވެރިވެފައި އޮތީ ބަދަލުހިފުމުގެ ވަރުގަދަ ރޫޙެވެ. އެންމެންގެވެސް ލޭދިޔައީ ބޮކިޖަހައިފައިކެކެމުންނެވެ.

މަދީނާއަށް ޚަބަރުލިބުން

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބޮޑުބޭބޭފުޅު އަލްޢައްބާސް ބިން ޢަބްދުލް މުއްޠަލިބު ރަޟިޔަﷲ ޢަންހު އޭރުހުންނެވީ މައްކާގައެވެ. އިސްލާމްކަން ވަންހަނާ ކުރައްވައިގެންނެވެ. އެކަލޭގެފާނު ގެންދެވީ ޤުރައިޝުންގެ ޙަރަކާތްތައް ވަރަށް ރަނގަޅަށް ބައްލަވަމުންނެވެ. ޤުރައިޝުންގެ ލަޝްކަރު ހަރަކާތް ކުރަން ފެށުމާއެކު އެކަލޭގެފާނު ވަރަށް ތަފްޞީލު ސިޓީފުޅެއް ލިޔުއްވައި ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ފޮނުއްވިއެވެ.

ޢައްބާސް ރަޟިޔަﷲ ޢަންހުގެ ޤާޞިދު މަދީނާއަށް އައީ ވަރަށް ހަލުވިކޮށް ދަތުރުކޮށްފައެވެ. އޭނާ މައްކާ އާއި މަދީނާއާ ދެމެދުގެ ފަސްސަތޭކަ ކިލޯ މީޓަރުގެ ރާސްތާ ކަޑައްތުކުރީ އެންމެ ތިންދުވަހުންނެވެ. އޭނާ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފައިންޕުޅުދެކެ އަތްޕުޅަށް ސިޓީފުޅު އެރުވިއެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭރު ހުންނެވީ ޤުބާ މިސްކިތުގައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެސިޓީފުޅު ވިދާޅުވެދެއްވީ އުބައްޔު ބިން ކަޢުބު ރަޟިޔަﷲ ޢަންހުއެވެ. އުބައްޔުގެ އަރިހުގައި އެޚަބަރު ސިއްރު ކުރައްވަން ވިދާޅުވެފައި އަވަސް އަވަހަށް ވަޑައިގަތީ މަދީނާއަށެވެ. މަދީނާއަށް ވަޑައިގެން މުހާޖިރުންނާއި އަންޞާރުންގެ ޤާއިދުންނާއި މަޝްވަރާކުރެއްވިއެވެ.

ހަމައެވަގުތު މުސްލިމުން ދިމާވި ކުއްލި ހާލަތާ ކުރިމަތިލުމަށް ތައްޔާރުވާން ފަށައިފިއެވެ. މުސްލިމުން އަބަދުވެސް ހަތިޔާރު އަޅައިގެން ތިބޭން ފަށައިފިއެވެ. ނަމާދުކުރާއިރުވެސް ހަށިގަނޑުން ހަތިޔާރު ވައްކެއްނުކުރެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަށިފާރަވެރިކަމަށް އަންޞާރުންގެ ޚާއްޞަ ޔުނިޓެއް ޢައްޔަންކުރިއެވެ. އެޔުނިޓުގެ އިސް ވެރީންގެ ގޮތުގައި ތިއްބެވީ ސަޢުދުބިން މުޢާޛު އާއި، އުސައިދު ބިން ޙުޟައިރު އާއި، ސައުދު ބިން ޢުބާދާއާ ތިން ބޭކަލުންނެވެ. (ރަޟިޔަﷲ ޢަންހުމް) ކުއްލި ހަމަލާއަކުން މަދީނާ ޙިމާޔަތްކުރުމަށްޓަކައި މަދީނާއަށް ވަދެވޭންހުރި ހުރިހާ މަގުތަކެއްގައި ފޯރިމަރާން ފެށިއެވެ.

ޤުރައިޝުން އުޙުދުގެ ވާދީގައި އަސްކަރުގާހު ހެދުން

ޤުރައިޝުންނާއި އެބައިމީހުންގެ އެކުވެރީންގެ ގުޅިފައިވާ ލަޝްކަރު އައިސް ފޭބީ އުޙުދުގެ ވާދީއަށެވެ. މަދީނާގެ އުތުރުން ބިއުރު ރޫމާއިން ފެށިގެން ޣާބާއާ ހަމައަށް އެލަޝްކަރު ފެތުރިފައިއޮތެވެ. އަސްކަރީގޮތުންނާއި، ޖިއޮގްރަފީ ގޮތުންވެސް އެތަނަކީ މަދީނާގެ ރަށްބޭރުގައި އެލަޝްކަރަށް އެންމެ ފަހިކޮށް އޮތްދިމާއެވެ. އެތަނުން އެބައިމީހުންގެ ސޫފިތަކަށް ފަސޭހައިން ވިނަ ލިބޭން ހުއްޓެވެ. ލަޝްކަރުގެ ފަހަތުންނާއި، ކަނާތް ފަރާތުންނާއި ވާތްފަރާތުން ކުއްލިޙަމަލައެއް ދެވުމުގެ އެކަށޭނަކަންވެސް ވަރަށް ކުޑައެވެ. ޚަންދަޤު ހަނގުރާމައިގައިވެސް އަބޫސުފްޔާން އެނާގެ ލަޝްކަރު ބޭލުއްވީ އެތަނަށެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤުރައިޝުންގެ އަސްކަރުގާހުގެ މަޢުލޫމާތު ހޯއްދަވަން ތިންބޭކަލަކު ފޮނުއްވިއެވެ. ފަޟާލާގެ ދެ ދަރިކަލުންގެ ކަމުގައިވާ އަނަސު އާއި މުއުނިސު އާއި ޙައްބާބު ބިން މުންޒިރުއާއި ތިން ބޭކަލުންނެވެ. (ރަޟިޔަﷲ ޢަންހުމް) އެބޭކަލުން މައްކާގެ ލަޝްކަރުގެ ތެރޭގައި ބުރު ޖައްސަވައި ބޭނުންފުޅު މައުލޫމާތު ފުރިހަމަޔަށް އެއްކުރެއްވިއެވެ.

އެދުވަހަކީ ހުކުރުދުވެހެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުސްލިމުންގެ މަޝްވަރާ މަޖްލިސެއް ބޭއްވެވިއެވެ. އިތުރު ސާހިބާއަށް ފެނިވަޑައިގެންނެވި ހުވަފެންފުޅެއްގެ ވާހަކަފުޅުވެސް އެމަޖްލީހުގައި ވިދާޅުވެދެއްވިއެވެ. އިތުރު ސާހިބާއަށް ހުވަފެންފުޅުގައި ފެނިވަޑައިގެންފައި ވަނީ ގެރިތަކެއް ކަތިލެވުނުތަނާއި، އެމާތް ސާހިބާގެ ކަނޑިކޮޅުގެ މިޔައިގައި ކޮންމެވެސް ވަރެއްގެ ދެރަކަމެއް (މިޔަވެއްޓިފައި ހުރި ތަންކޮޅެއް) ހުރިކަމަށާއި، އެމާތް ސާހިބާގެ އަތްޕުޅު ވަރަށް ރައްކާތެރި ދަހަނާއަކަށް ވެއްދެވުނު ތަނެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ހުވަފެންފުޅުގެ ތައުބީރުވެސް ވިދާޅުވެދެއްވިއެވެ. ގެރިތަކެއް ކަތިލެވުނުތަން ފެނިވަޑައިގަތުމުގެ ތަޢުބީރެއްކަމުގައި ވިދާޅުވެދެއްވީ ޞަޙާބީންގެ ތެރެއިން ބައެއްބޭކަލުން ޝަހީދުވެ ވަޑައިގެންނެވުމެވެ. އެމާތްސާހިބާގެ ކަނޑިކޮޅުގައި މިޔަވެއްޓިފައި ހުރިތަންކޮޅެއް ހުރުމުގެ މުރާދަކީ އަހްލުބައިތުންކުރެ ކޮންމެވެސް ބޭކަލަކު ޝަހީދުވުންކަމުގައި ވިދާޅުވިއެވެ. ރައްކާތެރި ދަހަނާއަކީ މަދީނާކަމުގައި ވިދާޅުވިއެވެ.

އެއަށްފަހު ދިފާއީ ޙިކުމަތު ޢަމަލީއާ ބެހޭގޮތުން ކައުސާހިބާއަށް ފެނިވަޑައިގަންނަވާ ގޮތްކޮޅުވެސް ވިދާޅުވެދެއްވިއެވެ. އިތުރު ސާހިބާއަށް ފެނިވަޑައިގެންނެވީ މަދީނާގެ އާޠާމު(ކޯއްޓޭ)ތަކަށް އަންހެނުންނާއި ކުޑަކުދީން ފޮނުއްވައިލެއްވުމަށްފަހު މުސްލިމުން ރަށުގައި ތިބެގެން ހަނގުރާމަކުރުމެވެ. އިތުރުސާހިބާ ހަދީޘުކުރެއްވިއެވެ. މުޝްރިކުން އެބައިމީހުންގެ ކޭމްޕުގައި ތިބޭން ޖެހުމުން އެކަންވާނީ މަޤްޞަދެއްނެތް ތިބުމަކަށެވެ. އެތިބުމަކީ މާފަސޭހަ ތިބުމަކަށްވެސް ނުވެދާނެއެވެ. މުޝްރިކުން މަދީނާއަށް އަރަން ދިމާކޮށްފިނަމަ ރަށުގެ މަގުތަކާއި ގޯޅިތަކުގައި އަހަރެމެން އެމީހުނާ ހަނގުރާމަކުރާނީއެވެ. އަންހެނުންނަށްވެސް އާޠާމުތަކުގެ މަތީން ހިލައުކައި މުޝްރިކުންނަށް ގެއްލުންދެވޭނެއެވެ. އަންޞާރުންނާއި މުހާޖިރުންގެ ހަރުބޭކަލުން އެހުށަހެޅުއްވުމަށް ތާއީދުކުރެއްވިއެވެ. މުނާފިޤުންގެ ރައީސް ޢަބްދުﷲ ބިން އުބައްޔުވެސް އެހުށަހެޅުއްވުމަށް ތާރީފުކުރިއެވެ. އޭނާގެ ބޭނުމަކީ ކޮންމެހެން އިޚްލާޞްތެރިވުމެއްނޫނެވެ. ކޮންމެވެސް ގޮތަކުން ހަނގުރާމަޔާ ދުރުހެލިވެ ހުރެ އެކަމުގެ ހުތުރުން ސަލާމަތްވުމެވެ.

ކޮންމެއަކަސް ނިޔާފުޅުގައިވަނީ އެހެން ގޮތެކެވެ. މުސްލިމުންނަށް ލިބޭ ޢިބްރަތަކަށް މިހަނގުރާމަވުމެވެ. މުސްލިމުންގެ ތެރޭގައި ތިބި އިޚްލާސްތެރީން ވަކިވެ އެނގުމެވެ. އެންމެ މުހިންމު ދަނޑިވަޅުގައި މުނާފިޤުންނާއި މުއުމިނުންނާ ވަކިވުމެވެ. މުއުމިނުންގެ އަތުކުރީގައި ލޫދެމުންދިޔަ ހަރުފަތައް ފާޅުވެ އެނގި ފެނިވުމެވެ.

ޒުވާން ޞަޙާބީންގެ ވަރަށް ތަނަވަސް އަކްސަރިއްޔަތެއްގެ ބޭކަލުން ހުށަހެޅުއްވީ ހާމަ މައިދާނަކަށް ނުކުމެވަޑައިގެންނެވުމަށެވެ. ޞަޙާބީންގެ ގަދަރުހުރި މާތް ބޭކަލުންކުރެ ބަދުރު ހަނގުރާމައިގައި ބައިވެރިވެ ވަޑައިނުގެންނެވުނު ބޭކަލުންވެސް ވަރުގަދަޔަކަށް ވަކާލާތުކުރައްވަމުން ގެންދެވީ ރަށުން ބޭރަށް ނިކުމެވަޑައިގެން ޤުރައިޝުންގެ ލަޝްކަރާ ކަނޑިއާއި ކަނޑި އެޅުއްވުމަށެވެ. އެބޭކަލުންގެ ނަޒަރުގައި މަދީނާގައި ބަންދުވެވަޑައިގެން ތިއްބެވުމަކީ ބަލިކަށިކަމެކެވެ. ފިނޑިކަމެކެވެ. އޭގެތެރެއިން އެތައްބޭކަލުންނެއް ވިދާޅުވިއެވެ. " އޭމާތް ﷲގެ ރަސޫލާއެވެ. އަޅުގަނޑުމެން ދުޢާކޮށްކޮށް މިތިބެނީ މިފަދަ ދުވަހެއް ދެއްކެވުން އެދިއެވެ. މިހާރު އެދުވަސް މިއޮތީ އައިސްފައެވެ. އަޅުގަނޑުމެންނާއިގެން މަދީނާއިން ބޭރަށް ނިކުމެވަޑައިގަންނަވާށެވެ. އަޅުގަނޑުމެން ބިރުގެންފިކަމަށް ޤުރައިޝުންނަށް ހީވިޔަ ނުދެއްވާށެވެ."

މިދެންނެވި ޖޯޝީ ބޭކަލުންގެ ތެރެއިން އެންމެ ކުރިޔަށް ހުންނެވި އެއްބޭކަލަކީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޮބުވެތި ބޮޑުބޭބޭފުޅު ސައްޔިދުއް ޝުހަދާއު ޙަމްޒާ ބިން ޢަބްދުލް މުއްޠަލިބު ރަޟިޔަﷲ ޢަންހުއެވެ. ޙަމްޒަތުގެފާނު ބަދުރު ހަނގުރާމައިގައި ވަނީ އެކަލޭގެފާނުގެ ކަނޑިކޮޅުގެ ތޫނުކަމާއި ޖައުހަރުގެ މޮޅުކަން ސާބިތުކޮށްދެއްވައިފައެވެ. ޙަމްޒަތުގެފާނު ވިދާޅުވިއެވެ. "ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވި ޒާތުފުޅު ގަންދީ ދަންނަވަމެވެ. މަދީނާއިން ބޭރަށް ނުކުމެ އެކާފަރުންނާ ކަނޑިއާ ކަނޑި އަޅައިފުމަށް ދާންދެން އަޅުގަނޑު ކާއެއްޗެއް އަނގަޔަށް ނުލާނަމެވެ." މުސްލިމުންގެ މެދުގައި ޚިޔާލު ތަފާތުވެ އެއްބަސްވުމަކަށް ނާދެވުމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މަޖްބޫރުވެވަޑައިގެންނެވީ ނަބީބޭކަލެއްގެ ހައިޘިއްޔަތުންނާއި، ކޮމާންޑަރ އިން ޗީފުގެ ހައިޘިއްޔަތުން އަމިއްލަފުޅަށް ގޮތެއް ނިންމެވުމަށެވެ. މުސްލިމުންގެ އަކްސަރިއްޔަތުގެ ވަކާލާތު ޤަބޫލުކުރެއްވުމަށެވެ. އިތުރުސާހިބާއަށް ފެނިވަޑައިގެންނެވި ގޮތްކޮޅު ދޫކޮށްލެއްވުމަށެވެ. އެހެންކަމުން މުސްލިމުންގެ ޢަސްކަރީ އިސްކޮމާންޑުން ނިންމެވީ މަދީނާއިން ބޭރަށް ނިކުމެވަޑައިގެން ހާމަ މައިދާނުގައި މުޝްރިކުންނާ ކުރިމަތިލެއްވުމަށެވެ. މުސްލިމުންގެ އަކްސަރިއްޔަތު އެކަމަށް އުފަލާއެކު މަރްޙަބާކިޔެވެ.

(ނުނިމޭ)

comment ކޮމެންޓް