ލިންކް ރޯޑުގައި ދުއްވި ކާރެއް ރުކެއްގައި ޖެހި ފުރޮޅާލައި ފަސް ޒުވާނަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގެ ލިންކު ރޯޑުގައި މިރޭ އެކްސިޑެންޓްވި ކާރާއި، ކާރު ޖެހުމުން ވެއްޓުނު ރުއް -- ސަން ފޮޓޯ: ކިޔުންތެރިއެއް

އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް، ކޮންޓްރޯލް ނުކުރެވިގެންގޮސް ރުކެއްގައި ޖެހި، ކާރު ފުރޮޅާލައި އޭގައި ތިބި ފަސް ޒުވާނަކަށް އަނިޔާ ވެއްޖެއެވެ.

އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރ މުޙައްމަދު ނަޖީބު ސަންއަށް ވިދާޅުވީ، ކާރު އެކްސިޑެންޓެއްގައި އަނިޔާ ލިބުނު ފަސް ޒުވާނަކު މިރޭ 8:30 ކަންހާއިރު އެ ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުންދާ ކަމަށެވެ.

އައްޑޫ ސިޓީގެ ލިންކު ރޯޑުގައި މިރޭ އެކްސިޑެންޓްވި ކާރާއި -- ސަން ފޮޓޯ: ކިޔުންތެރިއެއް

އޭނާ ވިދާޅުވީ، ހޮސްޕިޓަލަށް ގެނެސްފައި ވަނީ، 18 އަހަރުގެ މީހަކާއި، 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 21 އަހަރުގެ ދެމީހުން ކަމަށެވެ.

"އޭގެ ތެރޭން އެކި މީހުންނަށް، ތަންތަން މަށައިގެން ދިއުންފަދަ އެކިވަރުގެ އަނިޔާތައް ލިބިފައި ހުރީ. އަދި 18 އަހަރުގެ ޒުވާނާގެ ކަރަށް ތަންކޮޅެއް ސީރިއަސް އަނިޔާއެއް ލިބިފައިވާކަމަށް ޑޮކްޓަރު ވިދާޅުވަނީ. އަދި އަނިޔާގެ ތަފްސީލު ދޭކަށް ނޭނގެ،" ނަޖީބު ވިދާޅުވިއެވެ.

"18 އަހަރުގެ ކުއްޖާގެ ހާލު ތަންކޮޅެއް ސީރިއަސް، އެހެން ނަމަވެސް ދެންތިބި މީހުންގެ ހާލު ސީރިއަސްއެއް ނޫން. ފަސް މީހުންނަށް ވެސް ދަނީ މި ހޮސްޕިޓަލްގައި ފަރުވާދެމުން."

އައްޑޫ ސިޓީގެ ލިންކު ރޯޑުގައި މިރޭ އެކްސިޑެންޓްވި ކާރުގައި ތިބި 5 ޒުވާނުންގެ ތެރޭން 18 އަހަރުގެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނުކަމަށްވޭ -- ސަން ފޮޓޯ: ކިޔުންތެރިއެއް

މަންޒަރު ދުށް މީހަކު ސަންއަށް މައުލޫމާތުދެމުން ބުނީ، މިރޭ އިރާކޮޅު އެ ހާދިސާ ހިނގީ، ލިންކު ރޯޑުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭސް ކާރެއް، ކޮންޓްރޯލުން ނެއްޓި އާރްއޭއެފް "ރުށްފަށާ" ސަރަހައްދުގައި ހުރި ރުކެއްގައި ޖެހުމުން ކަމަށެވެ.

"ކާރު ޖެހުނުލެއް ބާރުކަމުން އެ ރުށް ވެސް ވެއްޓުނީ. ކާރު ފުރޮޅެމުންގޮސް ހުއްޓުނީ އެ ސަރަހައްދުގައި އޮތް އެމްއާރްޑީސީގެ ޕިކަޕެއްގައި ޖެހިފައި،" މައުލޫމާތު ދިންމީހާ ކިޔައިދިނެވެ.

އައްޑޫ ލިންކް ރޯޑުގައި މިރޭ ހިނގި ނުރައްކާތެރި އެ އެކްސިޑެންޓުގައި ކާރުން ޖެހި ރުކެއް ވެއްޓިފައިވާއިރު، އެކްސިޑެންޓްވި ކާރަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

comment ކޮމެންޓް