ގޮނޑިގެއްލޭ މައްސަލައިގެ ތެރެއަށް ވަނުމަށް އަނާރާ ހުށަހަޅުއްވައިފި

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ---

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މެމްބަރަކު އިންތިޚާބުވެވަޑައިގަތް ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީ މާނަކޮށްދޭން އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއެއަށް ވަނުމަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހުށަހަޅުއްވައިފި އެވެ.

އަނާރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިން ވެސް ވަނީ އެ މައްސަލައަށް ތަދައްޚުލްވާން ހުށަހަޅުއްވާފައެވެ.

އޭނާ އެ މައްސަލައަށް ތަދައްޚުލްވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވަމުން އެޓާނީ ޖެނެރަލް އަނިލް ވިދާޅުވީ، އެ މައްސަލައަކީ ދިވެހިރައްޔިތުންގެ ފަރާތުން ހުށަހަޅާ ދުސްތޫރީ މައްސަލައެއް ކަމަށެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނީ، މެމްބަރަކު މަޖިލީހަށް އިންތިހާބުވާއިރު ހުރި ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެގޮތަށް ކަނޑައަޅަނީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި 74 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ މާނަކޮށްގެން ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރުގައި ރައްޔިތުންގެ ތާއީދު ހޯދައިގެން މަޖިލީހަށް އިންތިހާބުވުމަށް ފަހު، ވޯޓު ދިން ރައްޔިތުންނަށާއި، ޕާޓީއަށް ގައްދާރުވެ ޕާޓީ ބަދަލުކުރުމަކީ އަމަން އަމާންކަމާއި ގައުމުގެ ސިޔާދަތަށް ނުރައްކާ ކަމެއް ކަމަށެވެ. އެހެން ކަމުން ދައުލަތުން ގަބޫލު ކުރާ ގޮތުގައި އެއީ ޑިމޮކްރަސީއާ ވެސް ޚިލާފު ކަމެއް ކަމަށާއި، އެއީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަަށް އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ، މެމްބަރަކު މެމްބަރު ކަމަށް އަންނަނީ ވަކި ސިޔާސީ ފިކުރެއްގައި އެ ޕާޓީއެއް ނުވަތަ އެ ފިކުރެއް ކުރިއެރުވުމަށް ކަމަށާއި، މެމްބަރަކު އެ ފިކުރަކާ ޚިލާފުވެ އެ ޕާޓީން ވަކިވެ ނުވަތަ ޕާޓީ ބަދަލުކުރުމަކީ އެ ޕާޓީއަށާއި، ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ.

އޭނާ ވިދާޅުވީ، ޑިމޮކްރަސީގައި ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އޮންނަނީ މެމްބަރަކު ހޮވޭ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ކަމަށާއި އެކަން އެހެން ކަނޑައަޅާފައި ވަނީ، އަމަން އަމާންކަން ގާއިމް ކުރުމަށް ކަމަށެވެ.

comment ކޮމެންޓް