ފަތުރުވެރިކަމަށް ތިން ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފިން: ބީއެމްއެލް

ޓްރެވަލް ޓްރޭޑް މޯލްޑިވްސް ފެއާ ފެށުމުގެ ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ (ކ) ---ސަން ފޮޓޯ/ އަފްރާހް

ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާއާ ގުޅޭ ކަންކަން ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތިން ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ގެޓްއަވޭޒް އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގެ ޕްލެޓިނަމް ސްޕޮންސަރަކީ ބީއެމްއެލް އެވެ. އަދި އެ ފެއާގެ ތެރެއިން ކުރިޔަށް ގެންދާ ހޮޓެލިއާ ސަމިޓުގެ ޓައިޓަލް ސްޕޮންސަރަކީ ވެސް ބީއެމްއެލް އެވެ.

ޓީޓީއެމް ފެއާ ފެށުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އެ ބޭންކުން ދަނީ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

ޓްރެވަލް ޓްރޭޑް މޯލްޑިވްސް ފެއާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ އަފްރާހް

އެގޮތުން، ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ތިން ބިލިޔަނަށް ވުރެ ގިނަ ރުފިޔާއަކީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ލޯނުތަކަށް ދޫކުރި ފައިސާކަން އެންޑްރޫ ފާހަގަކުރެއްވި އެވެ.

ބޭންކުން ޓޫރިޒަމް ދާއިރާގެ ފަންޑިންގްއަށް ކޮށްދޭ މަސައްކަތްތައް ފާހަގަކުރެއްވުމަށް ފަހު، އެންޑްރޫ ވިދާޅުވީ ބީއެމްއެލްގެ ބްރާންޗުތަކާއި އޭޓީއެމްތައް އަދި ކާޑު މެޝިްންތަކުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިސްވެރިންނާއި އެ ދާއިރާގެ މުވައްޒަފުން އަދި ފަތުރުވެރިންނަށް ގިނަ ފަސޭހަތަކެއް ލިބެމުންދާ ކަމަށެވެ.

ރާއްޖެއަށް 2020 ވަނަ އަހަރު ރާއްޖެއަށް ދެ މިލިޔަން ފަތުރުވެރިން ގެނައުމަށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާ އިރު، އެންޑްރޫ ވިދާޅުވީ އެ މަސައްކަތަށް ބީއެމްއެލްގެ އެއްބާރުލުން ވެސް ލިބޭނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ރޭ ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން އެމެރިކަން އެކްސްޕްރެސް (އެމެކްސް)އާ އެކު ޚާއްސަ ހަރަކާތެއް ފަށައިފަ އެވެ.

"އެކްސްޕީރިއެންސް މޯލްޑިވްސް"ގެ ނަމުގައި ފެށި މި ކެމްޕޭނަކީ މައިގަނޑު މަގްސަދަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި "ނަމްބަރ ވަން" މަންޒިލް ގޮތުގައި ހެދުމެވެ.

comment ކޮމެންޓް