މޯލްޑިވްސް ގެޓްއަވޭޒްގެ ޓީޓީއެމް ފެއާ ފަށައިފި

ޓްރެވަލް ޓްރޭޑް މޯލްޑިވްސް ފެއާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ އަފްރާހް

މޯލްޑިވްސް ގެޓްއަވޭޒް އިން އިންތިޒާމުކޮށްގެން ބާއްވާ ރާއްޖޭގެ ބައިނަލްއަގުވާމީ ޓްރޭޑް ޝޯ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް މިއަދު ހެނދުނު ފަށައިފި އެވެ.

ދަރުބާރުގޭގައި ކުރިޔަށްދާ މި ފެއާ މިއަދު ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ 200 އަށް ވުރެ ގިނަ މަންދޫބުންނާ އެކު ޓީޓީއެމް ފެއާ ފަށާފައިވާ އިރު، މި ފެއާގެ ތެރެއިން މައިގަނޑު ދެ ހަރަކާތެއް ކުރިޔަށް ދާނެ އެވެ. އެއީ ބީއެމްއެލް ހޮޓެލިއާ ސަމިޓާއި ޓޫރިޒަމް ކެރިއާ ފެއާ އެވެ. މީގެ އިތުރުން ވެސް ވިޔަފާރި ނެޓްވޯކިންގްގެ ގިނަ ހަރަކާތްތަކެއް ކުރިޔަށްދާނެ އެވެ.

ޓްރެވަލް ޓްރޭޑް މޯލްޑިވްސް ފެއާ ފެށުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ---ސަން ފޮޓޯ/ އަފްރާހް

މޯލްޑިވްސް ގެޓްއަވޭޒްގެ މި ހަރަކާތުގެ މަގްސަދަކީ 2020 ވަނަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެ މިލިޔަނަށް އިތުރުކޮށް، އަދި އެ އަހަރާ ހަމައަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދު 3.5 ބިލިޔަނަށް އިތުރު ކުރުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޓޫރިޒަމް ދާއިރާގެ މިފަދަ ހަރަކާތްތަކަކީ މުހިންމު ހަރަކާތްތަކެއް ކަމަށާއި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ޓީޓީއެމް ފެއާ ފެށުމުގެ ރަސްމިއްޔާތުގައި ޓީޓީއެމްގެ ޕްލެޓިނަމް ޕާޓްނާ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ 2020 ވަނަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެ މިލިޔަނަށް އިތުރުކުރުމަށް ބީއެމްއެލްއިން އެއްބާރުލުން ދޭނެ ކަމަށެވެ.

ޓްރެވަލް ޓްރޭޑް މޯލްޑިވްސް ފެއާ ފެށުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވާހަކަ ދައްކަވަނީ ---ސަން ފޮޓޯ/ އަފްރާހް

"ދެހާސް ވިހި ވަނަ އަހަރު އަންނަންވާއިރަށް އަހަރަކު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ތިޔަ ކުރައްވާ މަސައްކަތްތުގައި އަޅުގަނޑުމެން ފުރިހަމައަށް ބައިވެރިވާނެކަމުގެ ޔަގީންކަން އަރުވަން،" އެންޑްރޫ ހީލީ ވިދާޅުވި އެވެ.

މާދަމާގެ ނިޔަލަށް ޓީޓީއެމް ފެއާ ދަރުބާރުގޭގައި ކުރިޔަށްދާ އިރު، ޓީޓީއެމް ނިންމާލުމުގެ ގޮތުން ބާއްވާ ގާލާ، މާދަމާރޭ އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯތުގައި އޮންނާނެ އެވެ.

comment ކޮމެންޓް