މިނިވަން ދުވަހުގެ ޖާފަތުގެ ކޭޓަރިން ތިންވަނަ ފަހަރަށް ނިއުޕޯޓަށް

2016 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ޖާފަތުގެ ތެރެއިން: މިއަހަރުގެ މިނިވަން ދުވަހުގެ ޖާފަތުގެ ކޭޓަރިންގްވެސް ލިބުނީ ނިއުޕޯޓަށް -- ފޮޓޯ/ ނިއުޕޯޓް

މި އަހަރުގެ މިނިވަން ދުވަހު މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ރަސްމީ ޖާފަތުގެ ކޭޓަރިންގްގެ ކަންކަން ކުރުމަށް އަނެއްކާ ވެސް ނިއުޕޯޓަށް ލިބިއްޖެކަން "ސަން"އަށް އެނގިއްޖެ އެވެ.

މިއީ ނިއުޕޯޓަށް މި މަސައްކަތް ލިބުނު ތިންވަނަ އަހަރެވެ.

އިތުބާރުހުރި ގޮތަކަށް "ސަން"އަށް އެނގިފައިވާ ގޮތުގައި، މި އަހަރުގެ މިނިވަން ދުވަހުގެ ޖާފަތް ތައްޔާރުކުރަނީ 2،000 މީހުންނަށެވެ.

ނިއުޕޯޓުން މިއަހަރު ވެސް ހުށަހެޅި ބިޑު ކާމިޔާބުކޮށްފައިވާ އިރު، "ސަން"އަށް އެނގިފައިވާ ގޮތުގައި އެކަމުގެ އެއްބަސްވުމުގައި މާދަމާގެ ވަގުތެއްގައި ސޮއިކުރާނެ އެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، މިނިވަން ދުވަހުގެ ޖާފަތުގެ ކޭޓަރިންގްގެ މަސައްކަތް އެއްވެސް ފަރާތަކާ އަދި ހަވާލުކޮށް، ސޮއިކޮށްފައި ނުވާ ކަމަށެވެ.

"ތިޔަ ސުވާލު ކުރެއްވި މި ވަގުތާ ހަމައަށް އެ މަސައްކަތް އެއްވެސް ބަޔަކަށް ހަވާލެއް ނުކުރޭ. އެކަމަކު ވަރަށް އަވަހަށް ނިންމަން އޮތް ކަމެއް މިއީ،" ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވި އެވެ.

ނިއުޕޯޓަށް މިނިވަން ދުވަހުގެ ޖާފަތުގެ ކޭޓަރިންގް އެންމެ ފުރަތަމަ އެވޯޑުވެގެން ދިޔައީ 2015 ވަނަ އަހަރު، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖާފަތަށެވެ. އެ ޖާފަތުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ނިއުޕޯޓަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. ދައުވަތު އެރުވިގެން ޖާފަތަށް ދިޔަ ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ.

މިނިވަން50 ގެ ޖާފަތުގެ ކޭޓަރިންގް އެވޯޑުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލައި، ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނިއުޕޯޓަށް އެކަން ހަވާލުކުރީ އެތަނުގެ ފެންވަރު ނުބަލައި ކަމަށާއި، ނިއުޕޯޓަކީ އެފަދަ ރަސްމިއްޔާތުތަކަށް ޖާފަތް ތައްޔާރުކުރުމުގެ ތަޖުރިބާ ހުރި ތަނެއް ނޫން ކަމަށެވެ.

ޖެހިގެން އައި 2016 ވަނަ އަހަރުވެސް މިނިވަން ދުވަހުގެ ޖާފަތުގެ ކޭޓަރިންގްގެ ކަންކަން ކުރުމަށް ލިބުނީ ނިއުޕޯޓަށެވެ. އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެ މަސައްކަތް މިދިޔަ އަހަރު ކުރީ ވަރަށް ކުޑަ އަގަކަށެވެ. އެ އަގުގެ އިތުރުން ވެސް، ނިއުޕޯޓުން ވަނީ އަމިއްލައަށް ވެސް ފައިސާ އެކަމަށް ޚަރަދުކޮށް، އިސްލާމީ މަރުކަޒުގައި 3،000 މީހުންނަށް ޖާފަތް ތައްޔާރުކޮށްދީފަ އެވެ.

comment ކޮމެންޓް