ރައީސް ޔާމީން ދީލައިލީ ނޫސްވެރިންނަށް، މިއީ ރަނގަޅު ފެށުމެއް!

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް ޔާމީން، އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު: ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ރައީސް ޔާމީން ރޭ ޖަވާބު ދެއްވި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އަބްދުﷲ ޔާމީނަކީ މީޑިއާއާ ބީރައްޓެހި ބޭފުޅެކޭ ކިޔަތެވެ. ނޫސްވެރިން ހިތަށް އަރާ ކޮންމެ ސުވާލެއް އެމެނިކުފާނަށް ނުކުރެވޭނެއޭ ވެސް ބުނެތެވެ. އެމަނިކުފާނަކީ ނޫސްވެރިން ދުރު، ތަހުތުގައި އަބަދު ވެޑުވިގެން އިންނަވާ ރައީސެކެވޭ ވެސް ބުނެ އުޅެ އެވެ. ކަން ހިނގަނީ އެ މަގުން ކަމަށް ވެސް ބަޔަކު ބުނެފާނެ އެވެ. ނަމަވެސް ރޭގައި ކަން ހިނގީ އެ މަގުން ހެއްޔެވެ؟

ސިޔާސީ ކޮޅިގަނޑުގައި ބޯކުރަމުންދާ ކަޅު ވިލާގަނޑާ އެކު މަސްރަހު ހަލަބޮލިވެފައި ވަނިކޮށް، ރައީސް ޔާމީން ރޭ ވަނީ ނޫސްވެރިނާ ބައްދަލުކުރައްވާފަ އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް މަޖިލީހަށް ވެއްދި މައްސަލައަކަށް ފަހު، އެއީ މީޑިއާއާ ބައްދަލު ކުރި ފުރަތަމަ ފަހަރެވެ. ލައްކަ ސުވާލެއްކޮށް، ނޫސްތަކުގައި ފަލަ ސުރުހީ އަޅާލަން ނޫސްވެރިން ތިބީ ކެތްމަދުވެފަ އެވެ.

މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ޕީޕީއެމާ ރޭ ގުޅިވަޑައިގެންނެވި ރަސްމިއްޔާތުގައި ކޮންމެ ނޫސްވެރިއަކަށް ކުރެވޭނީ އެއް ސުވާލު ކަމަށް ޕީޕީއެމުން އެންގި އެވެ. އެ ގޮތަށް އެންގެވީ އެ ޕާޓީގެ ސެކަރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ހަލީލެވެ.

ނަމަވެސް ރައީސް ދީލާލެއްވީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ. ނޫސްވެރިންގެ ސުވާލުތަކުގައި "މަންތިރި އަޅުވަން" ހަލީލު ޖެއްސެވި "މަޅިތައް" މޮހެލެއްވީ ރައީސެވެ. ވިދާޅުވީ ބޭނުންފުޅު ސުވާލެއް ކުރެއްވުމަށް ފުރުސަތު ނޫސްވެރިންނަށް ދެއްވުމަށެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިޔަކު ރައީސާއެކު ފޮޓޯއެއް ނަންގަވަނީ: ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް، ރައީސް ޔާމީން ވަނީ ނޫސްވެރިން ބޭނުންވި ސުވާލުތަކަށް ޖަވާބު ދެއްވާފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރެސް ކޮންފަރެންސް މެދުތެރެއިން "ނިންމާލަންވީ ނޫންތޯ" އޭ ވިދާޅުވެ، ރައީސަށް ދެންނެވުމުން ވެސް ރައީސް ތަކުރާރު ކުރެއްވީ ސުވާލުތަކަށް ފުރުސަތު ދެއްވައި، ޖަވާބު ދެއްވުމަށެވެ.

ނޫސްވެރިން ހިތްފުރޭ ވަރަށް ރައީސް ޖަވާބު ދެއްވި އެވެ. ސުވާލު ހުސްވަންދެން ޖަވާބު ދެއްވި އެވެ.

އެކަމާ ގުޅޭ ގޮތުން ޑރ. ހަލީލު "ސަން"އަށް ވިދާޅުވީ ރައީސްގެ ޔާމީނަކީ އަބަދުވެސް މީޑީއާއާ ރައްޓެހި ގުޅުމެއް ބާއްވާ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ މަންޒަރު ފެންނާނެ ކަމަށެވެ. ރައީސް ޕްރޮޓޮކޯލުގެ ދަށުން، ސުވާލުތައް ލިމިޓްކޮށްފައިވަނިކޮށް، ރައީސް ޔާމީން ބޭނުންފުޅު ވެގެން ނޫސްވެރިންނަށް ތަކުރާރުކޮށް ފުރުސަތު ދިނުމުން މީޑިއާއެކު ބާއްވަން ބޭނުންވާ ގުޅުން ސާފުވާ ކަމަށް ހަލީލު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންނާއި ފަސާދައިގެ ވާހަކަތަކަށް ވެސް އެމަނިކުފާނު އަމިއްލަފުޅަށް ރޭ ވަނީ ޖަވާބު ދެއްވާފަ އެވެ. އަސޭލާގެ ވާހަކައިން ފެށިގެން ސިހުރު ހާހޫރައިގެ ތުހުމަތުތަކަށް ވެސް ޖަވާބު ދެއްވި އެވެ. ރައީސް ރޭ ހުންނެވީ ނޫސްވެރިންނަށް ދީލައިލާގެންނެވެ.

ސަރުކާރު ދިފާއު ކުރައްވައި، ސިޔާސީ މަސްރަހުން ނަގަން އުޅޭ ބޮޑު ރާޅުގެ ހަގީގަތް ރައީސް ރޭ ތިލަ ކޮށްދެއްވި އެވެ.

ނިންމާލަމުން ރައީސް ޔާމީން ނޫސްވެރިންނަށް ސުވާލެއް ދެންނެވި އެވެ؟

"ހިތްހަމަ ޖެހޭތޯ؟"

ނޫސްވެރިން ބޯ ޖެހާލި އެވެ. ލައްބަ އޭ ވެސް ބުންޏެވެ.

"ގުޑް، ނިންމާލާނީ ދެއްތޯ؟ ވަރަށް ޝުކުރިއްޔާ އިނގޭތޯ؟" ހެވިފައި ހުރެ، ނޫސްވެރިންނަށް ރައީސް ވިދާޅުވި އެވެ. އެއަށް ފަހު އަނެއްކާ ވެސް ރައީސް ޖާގަ ދެއްވީ ނޫސްވެރިންގެ ސެލްފީތަކަށެވެ. ނޫސްވެރިންނާއެކުގަ ހީލުމަށެވެ.

ޖުލައި 11، 2017: ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ، ޕީޕީއެމަށް ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ގޮތުން ކުރި އަރައި، ރައްޔިތުންގެ ލޯބި ހޯދުމުގެ ފޯމިއުލާ ފެށެނީ ރައްޔިތުންނާ ހަމައިންނެވެ. ރައްޔިތުންނާ އެކު ބާއްވާ ގުޅުމުންނެވެ. މިޒާޖާއި ވާހަކަ ދައްކާ ރާގާއި އެހީ ދިނުމަކީ ރައްޔިތުން އެކަމަށް ހިތް ލެނބޭ ކަންކަމެވެ. އެކަންކަން ރައްޔިތުންނަށް ފެންނާނީ މީޑިއާތަކާ ގުޅުން ބޭއްވި ވަރަކުންނެވެ. ނޫސްވެރިންނާ އެކު ބާއްވާ ގުޅުމުގެ ތެރެއިންނެވެ. ފަލަ ސުރުހީތަކުން ޖާގަ ހޯދި ވަރަކުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެފަދަ ފެހި ސިގުނަލެއް ފެނިގެން ދިއުމަކީ އުފަލެކެވެ. މީޑިއާއާ އެކު ގާތް ގުޅުމެއް ބާއްވައި ސުވާލުތަކަށް، ޖަވާބު ބަންޑުންކޮށްލުމުން ސުވާލު މާކެއްގެ ތެރޭގައި ރައްޔިތުން ނުތިބޭނެ އެވެ.

ހަނދާން ވަނީ 2013ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނެވެ. ކެމްޕޭނުގެ ފޯރީގައި ރައީސްގެ ބޮލުގައި އަޅުވަމުން ދިޔަ ތުހުމަތުތަކަށް އަޅުގަނޑަށް ފޯނުން ވެސް ޖަވާބު ދެއްވި އެވެ. ދަންވަރު ކޮށްލާ އެސްއެމްއެސް އަކަށްވިޔަސް ވެސް ހެވެ އެވެ. އެހާ ވެސް މީޑިއާއަށް ސަމާލުކަން ދެއްވަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް 14 ވަރަކަށް މަސް ދުވަހަށްވެފައި ވަނިކޮށް، ރައީސް މި ވަނީ މީޑިއާއާ ގާތަށް ޖެހިލާފަ އެވެ. މިއީ ރަގަނޅު ފެށުމެވެ. މި ގުޅުމަށް ހުރަކަށް ހަލީލަކަށް ވެސް ނުވަދެވުނުތާ އެވެ. ނުހުއްޓުވޭނޭ އޭ ބުނާ ފަދަ އެވެ.

comment ކޮމެންޓް