ރީކޯ މޫސާ މަނިކް ޕީޕީއެމްއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ޕީޕީއެމްއަށް ސޮއިކުރެއްވުން -- ފޮޓޯ: ޕީޕީއެމް2018

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު، ވެރިކަން ކުރާ ޕީޕީއެމްއަށް މިރޭ ސޮއިކުރައްވައިފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި، ރީކޯ މޫސަ ޕީޕީއެމްއަށް ގުޅިވަޑައިގެންނެވުމަށް ފުރުއްވި މެމްބަރޝިޕް ފޯމު، ޕީޕީއެމްގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ހަވާލުކުރެއްވިއެވެ.

އިދިކޮޅު އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި، އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރެއްވި ރީކޯ މޫސަ، އެމްޑީޕީން ވަކިކޮށްފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަންވެސް ފާޅުކުރައްވައިގެން ހުންނެވި ރީކޯ އެ ޕާޓީން ވަކިކުރީ، ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކަށް ކުޑަކުރުމަށް މަޖިލީހުގައި ނެގި ވޯޓުގައި، އެމްޑީޕީން ކަނޑައެޅި ވިޕްލައިނާ ޚިލާފަށް ވޯޓު ދެއްވުމުންނެވެ.

އަޅުގަނޑު ގަސްތެއް ނުކުރަން އަޅުގަނޑަކީ ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، ބޮލުގައި ގޯނި އަޅައިގެން ވަންނާނެ ޕާޓީއެއް ނެތިފައި، ތޮށިގަނޑު މަތީގައި އެކަނި އިނދެ ނެތިގެން ދާންޖެހޭނެ މީހެއް ކަމަށް. ރީކޯ މޫސާ މަނިކު

އިލެކްޝަންސް ކޮމިޝަނުން، މޫސަގެ ނަން އެމްޑީޕީގެ ދަފުތަރުން ވަކިކުރީ 28 ނޮވެމްބަރު 2016ގައެވެ.

މިރޭ ޕީޕީއެމްއާ ގުޅިވަޑައިގެންނެވި މޫސަ ވިދާޅުވީ، އޭނާ ޕީޕީއެމްއާ ގުޅިވަޑައިގަތީ އެޕާޓީގެ މުސްތަޝާރު ރައީސް ޔާމީނުގެ ފަރާތުން އެކަމަށް އަމިއްލައަށް އެދިވަޑައިގެން، އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ.

މޫސަ ވިދާޅުވީ ޕީޕީއެމްއާއި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށް އޭނާއަށް މަސައްކަތްތަކެއް ކޮށްދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މިވަގުތު ސިޔާސީ މަސައްކަތްތައް ކުރުމަށް އެންމެ ރަނގަޅު ޕާޓީއަކީ ޕީޕީއެމް ކަމަށެވެ.

"އަޅުގަނޑު ގަސްތެއް ނުކުރަން [އަޅުގަނޑަކީ] ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، ބޮލުގައި ގޯނި އަޅައިގެން ވަންނާނެ ޕާޓީއެއް ނެތިފައި، ތޮށިގަނޑު މަތީގައި އެކަނި އިނދެ ނެތިގެން ދާންޖެހޭނެ މީހެއް ކަމަށް،" އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގައި މަސައްކަތްކުރި ގިނަ މެމްބަރުންތަކެއް އެޕާޓީން ވަކިވެފައިވާ އިރު، މޫސަ ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭ އިރު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތް ކުރާއިރު، ޕާޓީގެ ތެރޭގައި "ކޫސަނި ކަންކަން" ދޫކޮށްލާފައި، ގައުމައިގެން ކުރިޔަށްދާން ޖެހޭ ކަމަށެވެ.

އެމްޑީޕީއިން މޫސަ ވަކިކުރުމަށްފަހު، އޭނާ ގެންދެވީ ސަރުކާރު ނިސްބަތްވާ ޕީޕީއެމްއާ ވަރަށް ގާތުން މަސައްކަތް ކުރައްވަމުންނެވެ. މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްއިން ކުރިޔަށް ގެންދިޔަ އެންމެ ފަހު ކެމްޕޭން ޖަލްސާގައި މޫސަ ވަނީ ޕީޕީއެމްގެ ޕޯޑިއަމްގައި ފުރަތަމަ ފަހަރަށް ވާހަކަވެސް ދައްކަވައިފައެވެ.

comment ކޮމެންޓް