ކުރިއަށް އޮތީ އަހަރެންގެ ހަޔާތުގެ އެންމެ މުހިއްމު ސީޒަން: ނޭމާ

ބާސެލޯނާގެ ބްރެޒިލް ތަރި، ނޭމާ -- ފޮޓޯ: އޭއެފްޕީ/ގެޓީ

ކުރިއަށް އޮތް 2017-2018 ފުޓްބޯޅަ ސީޒަނަކީ ބާސެލޯނާގެ ތަރި ނޭމާގެ ހަޔާތުގައި އަންނާނެ އެންމެ މުހިއްމު ފުޓްބޯޅަ ސީޒަންކަމަށް އޭނާ ބުނެފިއެވެ.

ނޭމާ ބުނީ، ކުރިއަށް އޮތީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ވަރަށް މުހިއްމު ސީޒަނެއް ކަމަށާއި އަދި އެއީ ކާމިޔާބީއާ އުފަލުން ފުރިގެންވީ ސީޒަނަކަށް ވާނޭކަމަށް އުންމީދުކުރާ ކަމަށެވެ.

ލުއިސް އެންރީކޭގެ ފަހު ސީޒަންގައި ބާސާއަށް ރަނގަޅު ކާމިޔާބީއެއް ނުލިބި ހުސްއަތާ ސީޒަން ނިންމާލަން ޖެހުނު އިރު، ބްރެޒިލްގެ ސުޕަރސްޓާ ކުޅުންތެރިޔާ ދަނީ، ކޭމްޕު ނޫގެ އާ ކޯޗު އާނެސްޓޯ ވަލްވަޑޭއާއެކު އެ ކްލަބުން ރަނގަޅު ކާމިޔާބީތަކެއް ހޯދާނޭކަމުގެ ހުވަފެންތައް ދެކެމުންނެވެ.

"އަހަރެން އުންމީދުކުރަނީ ކުރިއަށް އޮތް ސީޒަން ވެގެންދާނީ އުފަލާއި ކާމިޔާބުން ފުރިގެންވީ ސީޒަނަކަށްވުން،" ބްރެޒިލްގެ ހުނަރުވެރި ފޯވާޑް އީއެސްޕީއެންއަށް ބުންޏެވެ.

"އަހެރެން މިދަނީ އެކަމަށް ތައްޔާރުވަމުން. މި ވެގެންދާނީ އަހަރެންގެ ހަޔާތުގެ އެންމެ މުހިއްމު ސީޒަނަށް."

ނޭމާ ބުނީ، ކުރިއަށް އޮތް ސީޒަނާ ކުރިމަތިލުމަށް ކެތްމަދުވެފައިވާ ކަމަށާއި އަދި އެކަމަށް ފުރިހަމައަށް ތައްޔާރުވަމުންދާ ކަމަށެވެ.

comment ކޮމެންޓް