ދެރުފިޔާގެ އާ ފައިސާފޮތި މާދަމާ ނެރެ، ބޭނުންކުރަން ފަށަނީ

މިހާރު ބޭނުންކުރާ ދެ ރުފިޔާގެ ކޮއިންތަކެއް --- ސަން ފޮޓޯ/ ޔާމިން ސައީދު

ދެރުފިޔާގެ އާ ފައިސާފޮތި ތައާރަފުކޮށް، އިގްތިސާދުގައި ދައުރުކުރުމަށް މާދަމާ ނެރޭނެއެވެ.

މަރުކަޒީ ބޭންކުން މީގެ ކުރިން ވަނީ، މިހާރުު ގެންގުޅޭ ދެރުފިޔާގެ ފައިސާފޮއްޗަށް ވުރެ ލުއި ފޮއްޗެއް ނެރޭނެކަން އިއުލާންކޮށްފައެވެ.

މި ފައިސާފޮތީގެ ސިފައާ ގުޅޭ މާ ބޮޑު މައުލޫމާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިހާތަނަށް އާންމުކޮށްފައި ނުވި ނަމަވެސް، އެއީ މިހާރު ބޭނުންކުރާ ދެރުފިޔާގެ ފައިސާފޮއްޗަށް ވުރެ ލުއި އެއްޗެކެވެ.

މަރުކަޒީ ބޭންކުން މިއަދާ ހަމައަށް، ދެރުފިޔާގެ އާ ފައިސާފޮތީގެ ދެ ސްޓޮކެއް ގެނެސް، ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވެއެވެ. ދެވަނަ ސްޓޮކު ގެނެސްފައިވަނީ އިއްޔެއެވެ.

މަރުކަޒީ ބޭންކުގެ ތަރުޖަމާނު މަންސޫރު ޒުބައިރު "ސަން"އަށް ވިދާޅުވީ، ދެރުފިޔާގެ އާ ފައިސާފޮތި މާދަމާ ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިކަން ފަށާނީ މާދަމާ ހެނދުނު އެމްއެމްއޭއިން ބާއްވާ ޚާއްސަ ރަސްމިއްޔާތަކާ އެކުގައެވެ.

"މާދަމާ ހެނދުނު ކޮއިން ނެރުން އޮންނާނެ. އަދި މާދަމާއިން ފެށިގެން އެ ބޭނުންކުރަން ވެސް ފަށާނެ،" މަންސޫރު ވިދާޅުވިއެވެ.

މަންސޫރު ވިދާޅުވީ، މާދަމާ ދެރުފިޔާގެ އާ ފައިސާފޮތި ނެރުނު ނަމަވެސް، ކުރީގެ ދެރުފިޔާގެ ފައިސާފޮތިވެސް ބޭނުންކުރަމުން ދާނެ ކަމަށެވެ. ކުރީގެ ފައިސާފޮތި ބަދަލުކުރުމަށް އެތަކެތި އެމްއެމްއޭއާ ހަމައަށް ކޮންމެހެން ގެންނާކަށް ނުޖެހޭނެ ކަމަށާއި، އެހެން ނަމަވެސް އެމްއެމްއޭއާ ހަމައަށް އަންނަ ކުރީގެ ކޮއިންތައް އެ އޮތޯރިޓީއަށް ނަގައި، އޭގެ ބަދަލުގައި އާ ކޮއިންސް ނެރޭނެކަމަށް މަންސޫރު ވިދާޅުވިއެވެ.

"މި ހުންނަނީ ނޫންތޯ ކުރީގެ ބައި ރުފިޔާވެސް މިހާރު ބޭނުންކުރާ. އެގޮތަށް ކުރީގެ ދެރުފިޔާވެސް ބޭނުންކުރާނެ. އެއީ ހަމަ ލީގަލް ޓެންޑަރ. އެކަމަކު އެމްއެމްއޭއާ ހަމައަށް ވަންނަ ކޮއިންތައް އަޅުގަނޑުމެން ބަދަލުކުރާނެ،" މަންސޫރު ވިދާޅުވިއެވެ.

"ރަން ދިހަ ފަހެއް" ނޫޓު ސީރީޒްގެ ތެރެއިން ނެރޭ ފަސް ރުފިޔާގެ އާ ނޫޓުވެސް އެމްއެމްއޭއިން ވަރަށް އަވަހަށް ނެރޭނެއެވެ.

comment ކޮމެންޓް