ހައިލުގެ ދުވަސްވަރު، އެކަހެރި ކުރި ކުއްޖަކު ހަރުފަ ވިހަލައިގެން މަރުވެއްޖެ

ނެޕާލުގެ ލިގުޝެން އަވަށުގައި ނިފާސްކަމުގެ ދުވަސްވަރުގެ ސަބަބުން އެކަހެރިކޮށް އުޅެންޖެހިފައިވާ އަންހެން ކުއްޖެއް --- ފޮޓޯ: ރޮއިޓާސް

ހައިލުގެ ދުވަސްވަރުގެ ސަބަބުން އާއިލާ އަދި އަވަށުން ދުރުގައި ދިރިއުޅެން މަޖުބޫރުކުރުވާފައިވަނިކޮށް ނޭޕާލުގެ އަންހެންކުއްޖަކު ހަރުފަލައިގެން މަރުވެއްޖެ އެވެ.

ތުލްސީ ޝާހް ކިޔާ މިއަންހެން ކުއްޖާ މަރުވެފައި ވަނީ އޭނާގެ ބޮޑުބޭބެގެ ގެރިބަކަރި ގެންގުޅުމަށް އަވަށުން ބޭރުގައި ހަދާފައި ހުރި ޖިފުޓި ގަނޑެއްގައި ހައިލުގެ ދުވަސްވަރުގެ ސަބަބުން އެކަހެރިކޮށް އުޅުމަށް މަޖުބޫރުކުރުވާފައިވަނިކޮށެވެ. މިގޮތަށް އަންހެން ކުދިން އެމީހުންގެ ހައިލުގެ ދުވަސްވަރު އެކަހެރިކޮށް އުޅުމަށް އަވަށުގެ މީހުން މަޖުބޫރުކުރުމަކީ އެގައުމުގެ ހިންދޫއިން އުޅޭ ބައެއް ސަރަހައްދުގައި އޮންނަ "ޗައުޕަދީ" އާދަކާދައިގެ ދަށުންނެވެ.

"ޗައުޕަދީ" އާދަކަދަށަށް ތަބާމީހުން އަންހެންކުދިން އެމީހުންގެ ހައިލުގެ ދުވަސްވަރުގައި ދެކެނީ މުޑުދާރު ބައެއްގެ ގޮތުގަ އެވެ. އަދި މިފަދަ ދުވަސްވަރު ހައިލުގެ ތަހައްމަލު ކުރަންޖެހިފައިވާ އަންހެންކުދިން އެހެންމީހުންނާ އެކުލަވާ އުޅުމަކީ މިފަދަ ތަރައްގީ ނުވާ އަވަށްތަކުގައި މަނާ ނުވަތަ ކުށެއް ކަމުގައި އޮންނަނީ ބެލެވިފަ އެވެ.

ތުލްސީ ޝާހް މަރުވެފައި ވަނީ މިގޮތަށް އެކަހެރިކޮށް އުޅެމުން ގެންދިޔަ ދުވަސްކޮޅެއްގަ އެވެ. އަދި އެއަންހެންކުއްޖާ މަރުވެފައި ވަނީ އޭނާގެ ބޮލަށާއި ފަޔަށް ހަރުފަ ވިހަލުމުގެ ސަބަބުންކަމަށް އެސަރަހައްދުގެ މޭޔަރު ސޫރްޔާ ބަހާދުރް ޝާހީ ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް