75 މިލިއަން ޕައުންޑްގެ އަގަކަށް ލުކާކޫ ޔުނައިޓެޑަށް

އެވަޓަން ދޫކޮށް، ބެލްޖިއަމް މިޑްފީލްޑަރު ރޮމެލޫ ލުކާކޫ 75 މިލިއަން ޕައުންޑްގެ އަގަކަށް މެންޗެސްޓާ ޔުނައިޓެޑާ ގުޅިއްޖެ އެވެ.

އުމުރުން 24 އަހަރުގެ ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފައިވާ އިރު، ޗެލްސީން ވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތްކޮށްފަ އެވެ. ޔުނައިޓެޑަށް ސޮއިކުރުމުގެ ކުރިން އޭނާ ވަނީ ކުރިން އެމެރިކާގައި އެ ކްލަބުގެ މެޑިކަލްގައި ވެސް ބައިވެރިވެފަ އެވެ.

ޔުނައިޓެޑާ އެކު އެމެރިކާގައި ޕްރީ ސީޒަން ޓްރޭނިންތަކުގައި ލުކާކޫ ބައިވެރިވާނެ އެވެ. އިނގިރޭސި އެންމެ ކާމިޔާބު ކްލަބު ޔުނައިޓެޑަށް ލުކާކޫ ސޮއިކުރުމާ ގުޅިގެން އިނގިރޭސި ޗެމްޕިއަން ޗެލްސީން މިހާރު ދަނީ ރެއާލް މެޑްރިޑްގެ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާ ހޯދުމަށް މަސައްކަތްކުރަމުންނެވެ.

ޔުނައިޓެޑަށް 75 މިލިއަން ޕައުންޑަށް ލުކާކޫ ސޮއިކުރުމާ ގުޅިގެން އޭނާ މިހާރު ވެފައި ވަނީ އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި ދެވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. އެންމެ އަގުބޮޑު ކުޅުންތެރިޔަކީ މިދިޔަ ސީޒަނުގައި ޔުވެންޓަސް އިން 89.5 މިލިއަން ޕައުންޑަށް ޔުނައިޓެޑާ ގުޅުނު ފްރާންސް ފޯވަޑް ޕައުލް ޕޮގްބާ އެވެ.

ޔުނައިޓެޑާ ލުކާކޫ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިހާރު ޕޮގްބާއާ އެކު އެމެރިކާގައި ޗުއްޓީ ހޭދަކުރަމުންދާ ލުކާކޫ، އަންނަ އާދީއްތަ ދުވަހު ޔުނައިޓެޑްގެ ޓީމު އެމެރިކާގެ ލޮސް އެންޖެލަސްއަށް ދިއުމުން އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާނެ އެވެ.

ލުކާކޫއާ ގުޅޭ ގޮތުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ، ލުކާކޫއަކީ ޔުނައިޓެޑަށް ވަރަށް ރަނގަޅު ކުޅުންތެރިއެއް ކަމަށާއި ލުކާކޫއަކީ ވަރަށް ރަނގަޅު ކުޅުންތެރިއެއް ކަމަށެވެ. އަދި ލުކާކޫއާ އެކު އަނެއްކާ ވެސް މަސައްކަތް ކުރުމަށް ފުރުސަތު ލިބުމުން އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ލުކާކޫ ވަނީ ކުރިން ވެސް މޮރީނިއޯގެ އިރުޝާދުގެ ދަށުން ޗެލްސީއަށް ކުޅެފަ އެވެ. ނަމަވެސް އޭރު މޮރީނިއޯއަށް އޭނާއަކީ އެހާ ރަނގަޅު ކުޅުންތެރިއަކަށް ވެފައެއް ނުވެ އެވެ. ލޯނުގެ ދަށުން އެވަޓަނަށް ކުޅުމަށް ފަހު ޗެލްސީއަށް އެނބުރި އައުމާ އެކު 2014 ވަނަ އަހަރު އެވަޓަނަށް ލުކާކޫ ވިއްކާލިއިރު، ޗެލްސީގެ ކޯޗުކަމުގައި ހުރީ މޮރީނިއޯ އެވެ.

comment ކޮމެންޓް