މާކް ޒަކަބާގް ޓޮޓެންހަމް ގަންނަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި

ފޭސްބުކްގެ ބާނީ މާކް ޒަކަބާގް -- ފޮޓޯ: ގެޓީ

ފޭސްބުކްގެ ބާނީ، މާކް ޒަކަބާގްގެ އެހީތެރިކަމާއެކު އެމެރިކާގެ ކުންފުންޏަކުން ޕްރިމިއަރ ލީގު ކްލަބު ޓޮޓެންހަމް ހޮޓްސްޕާ ގަންނަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ކްލަބުން ދޮގުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާގެ އިންވެސްޓްމަންޓު ކުންފުންޏެއް ކަމަށްވާ އައިކަނިކް ކެޕިޓަލްއިން ވަނީ އެއް ބިލިއަން ޕައުންޑުގެ އަގަކަށް ނޯތުލަންޑަން ކްލަބު ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެހެންނަމަވެސް މިވަގުތު މުޅިން އާ އަމިއްލަ ސްޓޭޑިއަމެއް ބިނާކުރުމުގެ މަރުހަލާގައި އަވަދިނެތި މަސައްކަތްކުރަމުންދާ ޓޮޓެންހަމުން ވަނީ، އެ ކްލަބު ގަންނަން އުޅޭކަމަށް ފެތުރިގެން އުޅޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫންކަމަށް ބުނެފައެވެ.

ޓޮޓެންހަމްއިން ބުނީ، ކްލަބުގެ އާ ސްޓޭޑިއަމް ބިނާކުރުމަށްޓަކައި ފަންޑު ހޯދުމަށް ގިނަ ފަރާތްތަކަކާ މަޝްވަރާކުރެވިފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން، ބޭންކުތަކާއި އެނޫންވެސް އިންވެސްޓްމަންޓް ކުންފުނިތަކުން ގިނަ ހުށަހެޅުންތަކެއް ލިބުނު ކަމަށެވެ.

މަޝްވަރާކުރެވުނު ފަރާތްތަކުގެ ތެރޭގައި ބޭންކް އޮފް އެމެރިކާ މެރިލް ލިންޗް އިންޓަނޭޝަނަލް ލިމިޓެޑާއި ގޯލްޑްމަން ސެންކްސް ބޭންކް ޔޫއެސްއޭ އަދި އެޗްއެސްބީސީ ހިމެނޭ ކަމަށެވެ.

"ކްލަބުގެ ބޯޑުން މިއިން އެއްވެސް ފަރާތަކާ މަޝްވަރާކޮށްފައެއް ނުވޭ، އެހެން ބަޔަކަށް ވިއްލާލުމާ ގުޅޭގޮތަކުން،" ޓޮޓެންހަމްގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް