ކާރިސާތަކުން ކުޑަކުދީންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

މިއަދު ބޭއްވުނު ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކާރިސާތަކުގައި އަދި އެފަދަ ފުރާނައަށް ގެއްލުންވާފަދަ ހާލަތްތަކުގައި ތިބޭ ކުޑަކުދިންނަށް ފަރުވާދީ އަދި އާންމު ހާލަތަށް ގެނައުމަށްޓަކައި ނަރުހުންނާއި އަދި ޑޮކްޓަރުންނަށް ހިންގި ޓްރެއިނިންގ ޕްރޮގްރާމް މިއަދު އައިޖީއެމްއެޗްގައި ނިންމާލައިފިއެވެ.

"އެޑްވާންސް ޕީޑިއެޓްރިކް ލައިފް ސަޕޯޓް" ނަމުގައި މިމަހު ތިނަކުން ދިހައަކަށް ހިންގި ޕްރޮގްރާމަކީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި، ޔުނިސެފްއާއި، އޮސްޓްރޭލިއާގެ ފެކަލްޓީ އޮފް އެޑަވާންސް ޕީޑިއެޓްރިކް ލައިފް ސަޕޯޓާއި އަދި އައިޖީއެމްއެޗް ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.

މިޕްރޮގްރާމަކީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ތަމްރީނުދީ، އެބޭފުޅުންގެ ހުނަރުވެރިކަން އިތުރުކޮށް އަދި ކާރިސާތަކުގައި މަރުވާ ކުދީންގެ އަދަދު ވީހާވެސް މަދުކުރުމުގެ މަގުސަދުގައި ހިންގުނު ޕްރޮގަރާމެކެވެ.

މިޕްރޮގްރާމްގައި ވަނީ އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލާއި، އޭޑީކޭގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި، ކުޑަކުދިންގެ ޑިޕާޓްމެންޓްގައި މަސައްކަތްކުރައްވާ އެހެނިހެން ޑޮކްޓަރުންނާއި ނަރުހުންނާއި އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި މަސައްކަތްކުރައްވާ ލެކްޗަރާއިން ބައިވެރިވެފައެވެ.

މިއަދު ބޭއްވުނު ޓްރެއިން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދެވެ. މިރަސްމިއްޔާތުގައި ވަނީ މިޕްރޮގްރާމްގައި ބައިވެރިވި ބޭފުޅުންނަށް ހަނދާނީ ލިޔުން ދެއްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ، އަތޮޅުތަކާއި އަދި ރަށްރަށުގައި މަސައްކަތް ކުރާ ނަރުހުންނާއި އަދި ޑޮކްޓަރުންނަށް އިތުރު ހުނަރު ބޭނުންވާ ކަމަށެވެ.

އަތޮޅުތަކުގައި ސިއްހީ ހިދްމަތްތައް ދިނުމުގައި މިހާރު ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވައި، ކުރިމަގުގައި މިފަދަ ޕްރޮގްރާމްތައް ހިންގުމުގައި ރާއްޖެތެރޭގައި ތިއްބެވި ޑޮކްޓަރުންނާއި، ނަރުހުންނަށް އިސްކަންދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް