ޞަޙާބީންގެ މަތިވެރިކަން -3

25 ޖޫން 2017: ސްޓޭޑިއަމް ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ ފިތުރު އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

.

އެންމެ ހެޔޮ އުންމަތް

"މީސްތަކުންނަށްޓަކައި ނެރުއްވުނު އެންމެ ހެޔޮ އުންމަތްކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި ނުބައިކަންތައް ނަހީކުރަމުއެވެ. އަދި ތިޔަބައިމީހުން ﷲއަށް އީމާންވަމުއެވެ." (އާލުޢިމްރާނު :110)

މި އާޔަތުގައި އަންގަވައިފައިވާ ޚައިރު އުންމަތުގެ (އެންމެ ހެޔޮ އުންމަތުގެ) މުރާދަކީ ޞަޙާބީންގެ ޖަމާޢަތްކަމުގައި ޢިލްމުވެރީން ވިދާޅުވެފައިވެއެވެ. ޤުދުރަތުގެ ޚާއްޞަ އިހްތިމާމަކާއެކު އެ ޖަމާޢަތް ނެރުއްވައި މައިދާނަށް ގެންނަވައިފައިވުމަށް އިސްވެދިޔަ އާޔަތުގައިވަނީ އިޝާރަތް ކުރައްވައިފައެވެ. އެ ޞަޙަރާގެ މަޝްރުޢަކީ ޞަޙާބީންގެ އާދަޔާ ޚިލާފު ޖާމާޢަތް އެ މަޝްރޫޢެއްގެ ދަށުން ޙާޞިލުކުރެއްވުނު މަޝްރުޢެވެ. އެ ޖަމާޢަތަށް ޕްރޮފެސަރ ޑީ.އެސް.މާރގޯލީތު (1858-1940) ނަންދެއްވައިފައިވަނީ ބަޠަލުންގެ ޤައުމެއް (a nation of heroes) ގެ ނަމުންނެވެ.

ރަސޫލާގެ ޞަޙާބީންނަކީ ކޮން ބައެއްތޯއެވެ. އާދެ، އެބޭކަލުން ގުޅިވަޑައިގެންފައިވަނީ އިސްމާޢީލްގެފާނުގެ ނަސްލާއެވެ. އެނަސްލުގެ އިސް ކާފާކަލުންނަކީ އިސްމާޢީލް ބިން އިބްރާހިމް ޢަލައިހިއްސަލާމެވެ. މީގެ ހަތަރުހާސް އަހަރު ކުރިން އިބްރާހިމް ޢަލައިހިއްސަލާމް އެކަލޭގެފާނު ތުއްޕުޅު ދަރިކަލުން އިސްމާޢީލްގެފާނާއި އެކަލޭގެފާނުގެ މައިކަނބަލުން ހާޖަރު ޢިރާޤު ކަރައިން ޙިޖާޒުކަރަ (ޢަރަބިކަރަ)ޔަށް ގެންދަވައި އެތާނގެ ޞަޙަރާއަށް އެދެމައިކަނބަލުން ދޫކޮށްލެއްވިއެވެ.

އޭރު އެ ސަރަޙައްދަކީ ގަސްގަހާގެއްސެއް ފެނެއްނެތް ހިސާބެކެވެ. އެތާކު އިންސާނީ އެއްވެސް އާބާދީއެއް ނެތެވެ. އޭރު އެއީ މުޅީންވެސް ފިޠުރަތުގެ ފުރިހަމަ ދުނިޔެއެކެވެ. އެތަނުން ފެންނަނީ ޞަހަރާއާއި، ފަރުބަދަތަކާއި، ބިމާއި، އުޑާއި، އިރާއި، ހަނދާއި، މިފަދަ ތަކެއްޗެވެ. އިންސާނާ ރޭދުވާ ހޭދަކުރާން ޖެހިފައި އޮތީ އެތަކެތީގެ މެދުގައެވެ. އެތާކު ރަށްވެހިކަމެއް ނެތެވެ. ތަމައްދުނުގެ އެއްވެސް އަސަރެއްނެތެވެ. ހަތަރުފަރާތަށް ފެތުރިފައިއޮތީ ފިޠުރަތުގެ ހައިބަތުން ފުރިފައިވާ ނިޝާންތަކެވެ. މަޖަލާއި އަރާމުގެ ސަބަބަކަށްވާނެ އިތުރު އެއްޗެއް އެތާކު ނެތެވެ. އެތާނގައި ދިރިއުޅުމަކީ ކަނޑައެޅިގެންހުރި ގޮންޖެހުމެކެވެ. އިންސާނާއަށް މަޖްބޫރުވެފައި އޮތީ މެދުކެނޑުމެއްނެތި އެ ގޮންޖެހުމާކުރިމަތިލާށެވެ. އެ އުނދަގޫ ވެށީގައި ދިރިހުރުމަށްޓަކައި ބުރަ މަސައްކަތްކުރާށެވެ.

ތަމައްދުނުގެ ކިލަނބުކަމާ ދުރުގައި އެ ސާދާ ވެށީގައި ދަރިމައިވުމުގެ ޒަރީޢާއިން އާ ނަސްލެއް އުފެދޭން ފެށިއެވެ. އެއުފެދެމުންދިޔަ މީހުންނަކީތޯއެވެ. އާދެ، އެބައިމީހުންގެ ޙާލަތު އެބައިމީހުން ބައިތިއްބައިފައިވަނީ އިންސާނުންގެ ދެއްކުންތެރިކަމާއި މުއްސަދި ސާމާނުތަކާ ދުރުގައެވެ. އެބައިމީހުން އެއްގޮތަކަށްވެސް މަޞްނޫޢީ އަޚްލާޤެއް ނުދަނެއެވެ. އެބައިމީހުން ދަންނަނީ އެންމެ އެދުރެކެވެ. އެއީ، ފިޠުރަތުގެ މަގުދެއްކެވުމެވެ. ޝައްކެއްނެތެވެ. ފިޠުރަތަކީ ކިތަންމެހައިވެސް މޮޅު އެދުރެކެވެ. އެ ޞަޙަރާގެ ޤައުމު އުފެދި ތައްޔާރުވީ ފިޠުރަތުގެ މޮޅު އެދުރުގެ ބެއްލެވުމުގެ ދަށުންނެވެ.

އާލުޢިމްރާނު ސޫރަތުގެ އިސްވެ ދެންނެވި އާޔަތުގައި އެންމެ ހެޔޮ އުންމަތުގެ ޚާއްޞަ ދެސިފައެއް ބަޔާންކުރައްވައިފައިވެއެވެ. އޭގެތެރެއިން އެއްސިފަޔަކީ އެބައިމީހުންނަކީ ހެޔޮ ކަންތައްކަށް އަމުރުކުރާ އަދި ނުބައިކަންތައް ހުއްޓުވާ ބަޔަކުކަމެވެ. އާދެ، ޙައްޤާ ފުށުއަރާ ކަންތައް ބަރުދާސްތު ނުކުރުމާއި، ޙައްޤަށްވުރެ ދަށުދަރަޖައިގެ އެއްޗަކާ ނުރުހުމަކީ އެބައިމީހުންގެ މިޒާޖެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ވަށައިގެން ހިނގާ ކަންކަމާ އަޅާނުލައި ދިރިއުޅެވޭކަހަލަ ބައެއް ނޫނެވެ. އެބައިމީހުން އުޅޭނެގޮތް ކަނޑައެޅެނީ ޒާތީ މަޞްލަޙަތުގެ ދަށަކުންނޫނެވެ. އަދި ކީއްތޯއެވެ. އެބައިމީހުންނަކީ ފުރިހަމަޔަށް ޙައްޤަށް ލޯބިކުރާބައެކެވެ. ޙައްޤު ނުޙައްޤުގެ ބަޙުޘުގެ ތެރޭގައި ހައްޔަރުވުމާއި، ނުޙައްޤާ އެއްބަސްވެގެން ދިރިއުޅުމަކީ އެބައިމީހުންނަށް ކުރެވޭނެ ކަންކަމެއްނޫނެވެ.

އެބައިމީހުންގެ ދެވަނަ ސިފައެއްކަމުގައި ބަޔާންކުރައްވައިފައިވަނި އެބައިމީހުންނަކީ މާތްﷲއަށް އީމާންވާ މީހުންކަމެވެ. އެހެން ޢިބާރަތަކުން ދަންނަވާނަމަ އެބައިމީހުންނަކީ ބޭރުފުށުގެ ގިރިޓީގެ ތެރެއަށް ގެއްލިފައި ތިބޭނެ ބަޔެއް ނޫނެވެ. އެބައިމީހުންވަނީ އެންމެ މަތިވެރި ހަޤީޤަތް ހޯދައިގެންފައެވެ. އެބައިމީހުންގެ ޝުޢޫރަކީ ދެނެތިބި މީހުންގެ ޝުޢޫރެވެ. އެބައިމީހުން ވަނީ މަޚްލޫޤުތަކުންގެ ދުނިޔޭގެ ފަހަތުން އެދުނިޔޭގެ ޚާލިޤުގެ ސޫރަފުޅު މަޢުރިފާގެ ލޮލުންދެކެފައެވެ.

މިދެންނެވި ދެސިފަޔަކީވެސް އިންތިހާ ދަރަޖައިގެ މޮޅު ދެސިފައެވެ. އެހާމެ ނާދިރު ދެސިފައެވެ. އެހެނީ ޙައްޤަށް ލޯބިކުރާ އަދި މަޢުރިފާގެ އަހްލުވެރި ބަޔަކަށް ވެވޭނީ، ނުހަނު ހަރުދަނާ ބަޔަކަށެވެ. އިޚްލާޞްތެރި ބަޔަކަށެވެ. އެފަދަ މީހުންނަކީ އުޞޫލުތަކުގެ ބިންގަލުގެ މަތީގައި ޚިޔާލު ބިނާކުރާ މީހުންނެވެ. އެމީހުންނަކީ އަމިއްލަ އެދުންތަކުގެ ބިންގަލުގެ މަތީގައި ޚިޔާލު ބިނާކުރާ ބައެއްނޫނެވެ. އެމީހުންނަކީ އަމިއްލަ އެދުންތަކުގެ ބިންގަލުގެ މަތީގައި ރައުޔު ބިނާކުރާ މީހުނެއް ނޫނެވެ. އެބައިމީހުންނަކީ މާއްދީ ހަޤީޤަތްތަކުގެ ބަދަލުގައި މަޢުނަވީ ހަޤީޤަތްތައް އެބައިމީހުންގެ ސަމާލުކަމުގެ ނާރެހަކަށް ހަދާ މީހުންނެވެ. އެބައިމީހުންނަކީ މަންފާގެ ބަދަލުގައި ޙައްޤަށްޓަކައި ދިރިތިބޭ މީހުންނެވެ. އެބައިމީހުންނަކީ މަޖްބޫރު ކުރެވުމަކާއި ނުލައި އަމިއްލަ އިޚްތިޔާރުގައި ކަނޑައަޅާ ކަނޑައެޅުމުގައި ޒަރީޢާއިން ރަގަނޅު މަގު ކިޔާރުކުރާ މީހުންނެވެ. އެބައިމީހުންނަކީ އެބައިމީހުން ހަނުހިމޭން ކުރުވުމަށްޓަކައި އެއްވެސް ބާރެއްގެ ބޭނުން ނުކުރި ކަމުގައިވިޔަސް ދަލީލުތަކުގެ ކުރިމަތީގައި އިސްދަށަސް ޖަހައިލައި ހަނުހިމޭންވާ މީހުންނެވެ.

މިދުނިޔޭގައި ބުނެވޭނެ އެންމެ ވަރުގަދަ ބަހަކީ ޙަޤީޤަތަށް އިޢުތިރާފުވުމުގެ ބަހެވެ. މިދުނިޔޭގައި އެންމެ މަތިވެރި ޢަމަލަކީ ޙަޤީޤަތާ އެއް ތައްގަނޑަކަށް ފެތުމުގެ ޢަމަލެވެ. ރަސޫލާގެ ޞަޙާބީންނަކީ އިންސާނިއްޔަތުކަމުގެ މި މަތިވެރި މިންގަނޑަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެތިފައިވާ ނާދިރު އިންސާނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލުން ކަމީ ޝައްކެއް ވަސްވާހެއް އޮތް ކަމެއްނޫނެވެ.

އެބޭކަލުންނަކީ އެބޭކަލުންގެ އިންސާނީވަންތަކަން ފުރިހަމައަށް ރައްކައުތެރި ކުރެވިފައިވާ ފުރިހަމަ އިންސާނުންނެވެ. އެބޭކަލުން ސާބިތުވެތިއްބެވީ އެބޭކަލުން ޚަލްޤު ކުރެއްވުނު ފިޠުރަތުގެ މަތީގައެވެ. އެބޭކަލުންނަކީ ޢަރަބިކަރައިގެ ޞަޙަރާގެ މާޙައުލުގައި ތައްޔާރުކުރެވުނު ދިރިހުރި ފިޠުރަތުގެ އަހްލުވެރި އިންސާނުންނެވެ. ޞަޙާބީންގެ ޖަމާޢަތަކީ ހޮއްވަވައިލެއްވިފައިވާ ޖަމާޢަތެކެވެ. އެބޭކަލުން ނެރުއްވައިފައިވަނީ ޚާއްސަ އިންސާނީ ނަސްލެއްގެ ތެރެއިންނެވެ.

ޞަޙާބީންނަކީ އަނެކުންނަށް ހެޔޮ އެދިވަޑައިގެންނެވުމަށްޓަކައި ދިރިއުޅުއްވި ބޭކަލުންނެވެ. އެބޭކަލުންގެ ހުރިހާވެސް މަސައްކަތްޕުޅަކީ މީސްތަކުން ނަރަކައިން ސަލާމަތްކުރައްވައި އެބައިމީހުން ސުވަރުގެއަށް ވާޞިލްކޮށްދެއްވުމެވެ. އެބޭކަލުންނަކީ އެންމެ ހެޔޮ އުންމަތްކަމުގައި ކަނޑައެޅުއްވީ އެސަބަބަށްޓަކައެވެ.

comment ކޮމެންޓް