އިލްހާމުގެ ހަތަރު ކޮއްކޮ ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފި

ކވ. އިސްމާއީލް އިޒްްހާން، އާދަމް ޒާލިފް، ހުސައިން މައުރޫފް، އަލީ އާދިލް --- ފޮޓޯ: ފޭސްބުކު

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ ހަތަރު ކޮއްކޮއެއް ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށްފިއެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި އެ ހަތަރު ބޭފުޅުން އަދާކުރައްވަމުންދިޔަ ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ވަޒީފާއިން ވަކިކޮށްފައިވަނީ، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އަލީ އާދިލް އާއި އެ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރެއްގެ މަގާމުގައި ހުންނެވި އިސްމާއިލް އިޒްހާންގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމުގައި ހުންނެވި ހުސެއިން މައުރޫފާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އާދަމް ޒާލިފް އެވެ.

މިކަމާ ގުޅޭގޮތުން، ސަރުކާރުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އިލްހާމްގެ ހަތަރު ކޮއްކޮއެއް ވަޒީފާއިން ވަކިކޮށްފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ސޮއިކޮށް އަދި ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވެ ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

އިލްހާމް ޕީޕީއެމުން ވަކިވީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބޭނުންވާތީ ކަމަށް އޭނާ ޕީޕިއެމަށް މިއަދު ފޮނުވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް