އިދިކޮޅު ފަރާތްތައް ހިމެނޭ ގޮތަށް 2343 މީހެއްގެ އަތުން ފައިސާ ހޯދަން ފޮނުވައިފި

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު --- ސަން ފައިލް ފޮޓޯ

އޮޑިޓާ ޖެނެރަލް ނެރެފައިވާ 314 އޮޑިޓް ރިޕޯޓެއްގެ ތެރެއިން 138 މައްސަލައެއް ބަލައި 2343 މީހުންނާ މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާއަށް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުން މުނައްވަރު ވިދާޅުވީ މި ސަރުކާރަކީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އަޅަންފެށި ފުރަތަމަ ސަރުކާރު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޕީޖީ އަދި އޭޖީގެ މަސައްކަތުން މި މައްސަލަ ޝަރީއަތަށް ފޮނުވިގެންދާނެ،" މުނައްވަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ 2343 މީހުންގެ ތެރޭގައި ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރައްވާ ފަރާތްތަށް ހިމެނޭނެކަން ޔަގީން ކަމަށެވެ.

"މި ފަރާތްތަކުގެ މައްސަލަތައް އޮޑިޓާ ޖެނެރަލްގެ އިންޑިޕެންޑެންޓް ރިޕޯޓަކުން ބައްލަވާފައި އެހެރީ. މިފަދަ ޚިޔާނާތްތަކެއް އެބަހުއްޓޭ. މިފަދަ ކޮރަޕްޝަން މައްސަލަތަކެއް އެބަހުއްޓޭ،" މުނައްވަރު ވިދާޅުވި އެވެ.

އެމައްސަލަތަކުން އެކަނި ވެސް 3.6 ބިލިއަން ރުފިޔާ އަނބުރާ ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ދައުލަތަށް ދައްކަވަން ޖެހޭ ފައިސާތައް ދައްކަވާފައިވާ ކަމަށާއި އެކަމަކީ އެފައިސާތަކަކީ އެބޭފުޅުން ދައްކަވަން ޖެހޭ ފައިސާތަކެއްކަން އަމިއްލަފުޅަށް ގަބޫލުކުރާކަން އެނގޭ ހެއްކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުގެ އަމާޒަނީ އެ ހުރިހާ ފައިސާއެއް ހޯދުން ކަމަށާއި އެންމެ ލޯ ލާރިއެއް ވެސް ނުހޯދައި ނުބާއްވާނެ ކަމަށް ވެސް މި ސަރުކާރުގެ ދެވަނަ ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ދިވެހި ރައްޔިތުންގެ ލާރި އިނގޭތޯ. އެބޭފުޅުން ޚިޔާނާތްތެރިވެފައި. އަޅުގަނޑުމެންގެ ސަރުކާރުން، ދައުލަތުން ނަގާފައި ހުރި ފައިސާތަކެއް،" މުނައްވަރު ވިދާޅުވި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވުޖޫދަށް އައިފަހުން ދައުލަތަށް ލިބެންޖެހޭ 1.6 ބިލިއަން ރުފިޔާ ވަނީ ހޯދާފައި ކަމަށާއި ބައެއް ވިޔަފާރިވެރިން ދައުލަތަށް ދައްކަން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ފައިސާހުރި އިރު، އެ ފައިސާ ނުދައްކައި ބަހަނާތައް ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން މިކަހަލަ ކަންތައްތަކަށް ނުބަލައި ނުހުންނާނަން. މި ހުރިހާ އެއްޗެއް ބެލުމަށް ފަހު އަޅުގަނޑުމެން ޝަރީއަތުން ދާނީ އެ ފައިސާ ދައުލަތަށް ހޯދަމުން. މިއީ އަޅުގަނޑުމެން ރައްޔިތުންގެ ހައްގު. މިއީ އަޅުގަނޑުމެން ރައްޔިތުންނަށް ތަރައްގީ ގެނައުމަށް ޓަކައި ކޮންމެހެން ބޭނުންވާ ފައިސާ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް