ބަހުގެ އެދުރުން ޒަމާނީވެއްޖެ، ދެން ބޭނުމީ ޒަމާނީ ބަދަލުތަކެއް!

ބަހުގެ ކުށްތައް ބުނެދިނުމަށް ސޯޝަލް މީޑިއާގައި ދައުރުކުރާ ޕޯސްޓްތައް--

ތަފާތު ސުރުހީއެއް ޖަހައި ހަބަރެއް ނުވަތަ ރިޕޯޓެއް ދޫކޮށްލާއިރު ހިތާހިތާ ކިޔާލެވެ އެވެ." އާދަމް ނަސީރު" ވިދާޅުވާނީ ކީކޭބާ އެވެ. މިއީ އެއް ނޫސްވެރިއަކު އަނެއް ނޫސްވެރިއަކާ ވެސް ކުރާ ސުވާލެކެވެ. ސަބަބަކީ ނޫސްތަކުގައި ހުންނަ ބަހުގެ ކުށްތައް ފާހަގަކޮށް އެކަމުގެ ރަނގަޅުގޮތް ބުނެދިނުމަށް އާދަމް ނަސީރު ސޯޝިއަލް މީޑިއާ މެދުވެރިކޮށް ހިންގާ ހަރަކާތްތެވެ. އެއީ އެތައް މީޑިއާއެއް ބަހުގެ ކަންކަމަށް ޒިންމާދާރު ކުރުވި ސަބަބެކެވެ.

ނަސީރުގެ އެމަސައްކަތައް ނުވަ އަހަރު

ލިޔުންތަކުގައި ހުންނަ ކުށްތަކުގެ އިތުރުން ބަހުގެ ގަވައިދުތައް ބުނެދިނުމަށް "ސުޓޭޓަސް"ތައް ލިޔެ އަދި ހުއްޓާލަނީއެއް ނޫނެވެ. ބަހުގެ ގަވައިދުތައް ބުނެދިނުމަށް ކުރު ވީޑިއޯތައް ހަދައި ވާހަކަތަކުގެ ގޮތުގައި ވެސް ހުށައަޅައިދެ އެވެ. މީގެ ނުވަ ވަރަކަށް އަހަރު ކުރިން އާދަމް ނަސީރު ފެށި އެ މަސައްކަތުގެ ސަބަބުން އޭގެ ހެޔޮ ބަދަލު އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަހުގެ ކުށްތައް ބުނެދިނުމަށް ސޯޝަލް މީޑިއާގައި ދައުރުކުރާ ޕޯސްޓްތައް--

"ނޫސްތަކުން އެބަހުރި ބޮޑެތި ބަދަލުތަކެއް ގެނެސްފައި، އެގޮތުން ދައުލަތުގެ އިދާރާތަކުުން ބުނާނީކަމަށް ލިޔަމުން އައި އައުން ވިދާޅުވާނީކަމަށް އިސްލާހްކޮށްފައިވޭ، މީހުންގެ ތަރުހީބު ވެސް ބޮޑު، މެސެޖުކޮށް ވެސް އަހައި ހަދާ ބަހުގެ ކަންކަން،" ނަސީރުގެ ކިޔަވައިދިނުން ފުޅާކުރިގޮތް ކިޔައިދެމުން ވިދާޅުވި އެވެ.

ނަސީރު އެކަން ތަކުރާރުކޮށް ކުރަމުންދަނިކޮށް ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވަނީ އެމަސައްކަތް ނުހަނު ފޯރީގައި ފައްޓަވައިފަ އެވެ. އަދި އޭގެ ނަތީޖާ ވަރަށް ވެސް ރަނގަޅެވެ.

"އަޅުގަނޑު ކުރިން އެހާ ފޭސްބުކް ބޭނުމެއް ނުކުރަން، ދޭތެރެއަކުން ވަދެލަނީ، އެހެން އުޅެނިކޮށް ފެންނަނީ ފަހަތަށް ކުލައައިސް ފޮޓޯއެއްހެން ހާލަތު(ސުޓޭޓަސް) ލިޔެވޭތަން، ދެން އަޅުގަނޑު ބެލީ ތާނައިން ލިޔެވޭތޯ، ބެލިއިރު ތާނައިން ވެސް ލިޔެވޭ، އެހެންވެ އަޅުގަނޑު ލިޔެލީ "ބަނގުރަލުގެ މައްސަލައިގައެއް" ނޫނޭ، "ބަނގުރާގެ މައްސަލައިގައި" އޭ، އެލިޔުމާ އެކު ވަރަށް ތަރުހީބު ލިބުނު،" މަސައްކަތް ފެށި ގޮތް ހިއްސާކުރަމުން އަޝްރަފް ވިދާޅުވި އެވެ.

މީގެ ކުރިން ސޯޝަލް މީޑިއާ އާއި ބީރައްޓެހި އަޝްރަފް މިއަދު ސޯޝަލް މީޑިއާއާ ވަރަށް ގާތްވެއްޖެ އެވެ. އާންމުކޮށް މީހުން ބޭނުންކުރާ ބަހުގެ ކުށްތައް ކޮންމެ ދުވަހު ވެސް ބުނެދެ އެވެ. އަދި އޭގެ ސަބަބުން އުފައްދާ ސުވާލުތަކަށް ޖަވާބު ވެސް ދެއްވަ އެވެ.

"ޒުވާނުން މިހިންގަނީނޫންތޯ ބައެއް ޕޭޖުތައް، އެކުދިން މިހާރު އަޅުގަނޑަށް ފޮނުވާނެ ޕޯސްޓެއް ކުރުމުގެ ކުރިން ކުށްހުރިތޯ ބެލުމަށް. އަޅުގަނޑު ވަގުތުން ކުށް އިސްހާލުކޮށް ފޮނުވަދެން. ޒުވާނުން ވެސް ބޭނުން ވަނީ ރަނގަޅު، ރީތި، ދިވެހި ބަހުން ވާހަކަ ދައްކަން،" އަޝްރަފް އަށް ލިބުނު ކާމިޔާބީ ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.

ބަހުގެ ކުށްތައް ބުނެދިނުމަށް ސޯޝަލް މީޑިއާގައި ދައުރުކުރާ ޕޯސްޓްތައް--

އާދަމް ނަސީރު މީގެ އެތައް އަހަރެއް ކުރިން ފެށި އެ މަސަތުގައި އެތައް އެދުރުންނެއް ދަނީ ހަރަކާތްތެރިވަމުންނެވެ. ދިވެހި ބަހުން ވާހަކަ ދެއްކުމާއި ލިޔުމުގައި ބޭނުންކުރާ ކުށް ބަސްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްލާހުކޮށްދޭން ވަނީ ފަށައިފަ އެވެ. ނަތީޖާ އަކީ ފަސޭހަކަމާ އެކު އެތައް ބަޔަކަށް ކުށްތައް އެނގިގެންގޮސް އިސްލާހު ކުރުމުގެ ފުރުސަތު ލިބިގެން ދިއުމެވެ.

ފޮންޓެއް ނެތް، ބޮޑު ގޮންޖެހުމެއް

އާދަމް ނަސީރު ސޯޝަލް މީޑިއާތަކުގައި ބަހުގެ ކުށްތައް ބުނެދެމުން އަންނަނީ މުޅިންހެން ލެޓިން އިންނެވެ. ދިވެހިން ލިޔާނަމަ ނަސީރު ލިޔަނީ ފޮޓޯއެއް ގައި ލިޔެފަ ޕަބްލިޝްކުރާ ގޮތަށެވެ. ނަސީރު ވިދާޅުވާ ގޮތުން އޭނާ ސުޓޭޓަސް ލިޔުމުގައި ދިވެހި އަކުރު ބޭނުން ނުކުރަނީ ފޮންޓް ހުތުރުވީމަ އެވެ.

"ހުތުރު ފޮންޓުން ލިޔުނީމާ ހުންނަނީ ކޮމާވެސް މިހެންވެފައި، ލެޓިންއިން ލިޔަނީ ރީތިކޮށް ލިޔެވޭތީ،" ނަސީރު ވިދާޅުވި އެވެ.

އަޝްރަފަށް ވެސް އެ މައްސަލަ ކުރިމަތިވެ އެވެ. އަޝްރަފް ވިދާޅުވީ އައިޕޯން ގެންގުޅުއްވާ ބޭފުޅުންނަށް ރީތި ފޮންޓަކުން، އޭނާގެ ސްޓޭޓަސް ފެނުނު ނަމަވެސް ބައެއް އެހެން ވައްތަރުގެ ފޯނުތަކާއި ކޮމްޕިއުޓަރުތައް ގެންގުޅުއްވާ ބޭފުޅުންނަށް އެ އެ ރަނގަޅަށް ނުފެނިގެން ގުޅުއްވައި ޝަކުވާ ކުރައްވާ ކަމަށެވެ.

އެހެން އެކަން ދިމާވާ ސަބަބެއް ކަމަށް ކޮމްޕިއުޓާ ސޮފްޓުވެއާ އިންޖީނިއަރިން ދާއިރާ އިން ޑިގްރީ ހާސިލްކޮށްފައިވާ ސަން މީޑިއާގެ ޗީފް ޓެކްނޮލޮޖީ އޮފިސާ އަހުމަދު ހަސަން ވިދާޅުވީ އެގޮތަށް ދިމާވަނީ މޭޖާ އޮޕެރޭޓިން ސިސްޓަމްތަކުގައި ދިވެހި ރީތި ފޮންޓުތައް އެމްބެޑްކޮށްފައި ނުވާތީ ކަމަށެވެ.

"މިހާރު މިވާގޮތަކީ ފޮންޓް އެމްބެޑްކޮށްފައި ނުހުންނާތީ ބޮލި ފޮންޓް މިފެންނަނީ، ރީތި އެތައް ފޮންޓެއް ހުއްޓާ އެމްވީ ބޮލި މިއިންނަނީ ދީފައި، އެހެންވެ އެފޮންޓް ފެންނަނީ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ހައްލުކުރެވޭނީ ވިންޑޯސްއަށް ވެސް އަދި އެހެން އޮޕަރޭޓަރުން މެދުވެރިކޮށް ދިވެހި ފޮންޓް އެމްބެޑްކޮށްގެންނެވެ. އެކަން ފަސޭހައިން ކުރެވޭނީ ދައުލަތުގެ އިދާރާއަކަށްކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ވިދާޅުވީ އެންސީއައިޓީއާ އެކު އެއްބަސްވުމެއް ހަދައި އޭގެ ދަށުން ސޯޝިއަލް މީޑިއާއާ އާއި ޓެކްނޮލޮޖީގެ އެކިއެކި ދާއިރާތަކުގައި ދިވެހި ރީތި ފޮންޓެއް ބޭނުން ކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މައިކުރޮސޮފްޓާ ވާހަކަ ދައްކަމުން ދަނީ، އަޅުގަނޑުގެ އުންމީދަކީ އެކަން ވަރަށް އަވަހަށް ހަމަޖެހިގެންދިއުން،" އަޝްރަފް ވިދާޅުވި އެވެ.

ހަމަ އެހެންވެ ޒަމާނީ ރަދީފުތަކަކާއި ބަހުގެ ގަވައިދުތައް ފަސޭހައިން ބުނެދީ އޮޓޮމެޓިކް އުސޫލެއްގެ ދަށުން ލިޔެފައިވާ ދިވެހި ލިޔުންތަކުގެ ކުށް ބުނެދޭ ފަދަ ނިޒާމްތަކެއް އަންނަން ޖެހެ އެވެ.

ކޮންމެ އަކަސް މިޒަމާނަކީ ފޮތާއި ޖަލްސާތައް ބާއްވައިގެން ބަހުގެ ހަމަތައް ބުނެދެވޭނެ ޒަމާނެއް ނޫނެވެ. ޒަމާނާ އެކު ވާން ޖެހޭ ބަދަލުތައް މިވަނީ ފެންނަން ފަށައިފަ އެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ބަހުގެ އިލްމު އަދި ހެދޭ ގޯސްތައް އެނގި އިސްލާހުކުރުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. އަދި ވެސް ބަހާއި ޓެކްނޮލޮޖީއާ ރައްޓެހި ކުރަންވީ އެވެ. ފޯނުތަކާއި ޑެސްޓޮޕްތަކުގައި ރީތި ދިވެހި ފޮންޓު ފަސޭހައިން ބޭނުން ކުރެވޭގޮތް ހަދަންވީ އެވެ.

comment ކޮމެންޓް