"ފޮރެސްޓް ސިޓީ"ގެ ނަމުގައި ޗައިނާއިން ތިމާވެއްޓާ ރަށްޓެހި ސިޓީއެއް ހެދުމަށް ތައްޔާރުވެއްޖެ

ޗައިނާގެ ލިއުޖޫ ސިޓީގައި "ފޮރެސްޓް ސިޓީ" އޮންނާނެ ގޮތުގެ ކޮންސެޕްޓް އާޓް

ޗައިނާއަކީ ތަފާތު އެކިކަހަލަ އަދި އާދަޔާ ހިލާފު އިމާރާތްތައް އެގައުމުގައި ގިނަ ތަނެކެވެ. ޑޯނަޓެއްގެ ސިފައިގަ ނުވަތަ ސައިކުރައެއް ރަމްޒުކޮށްދޭ ފަދަ އިމާރާތްތައް އެގައުމުގައި އެބަހުއްޓެވެ. ނަމަވެސް 2016 ގައި ޗައިނާ ސަރުކާރުން ނެރުނު އައު ގަވައިދުގެ ދަށުން އެފަދަ އާދަޔާ ހިލާފު އިމާރާތްތަށް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

މިހެންވުމުގެ ސަބަބުން ޗައިނާގައި ރިއަލް-އެސްޓޭޓް އަދި އިމާރާތް ތަރައްގީކުރާ ފަރާތްތަކުން ގެންދިޔައީ ތަފާތު އަދި ފައިދާކުރުވަނިވި ގޮތްތަކަކަށް އިމާރާތްކުރުމުގެ މަސައްކަތް ބައްޓަން ކުރުމަށެވެ.

މިވިސްނުމުގެ ދަށުން އެންމެ ފުރަތަމަ ވުޖޫދަށް އަންނަން ހަމަޖެހިފައިވަނީ ދެކުނު ޗައިނާގެ ލިއުޖޫ ސިޓީގައި ގާއިމްކުރަން ތައްޔާރުވަމުންދާ ދުނިޔޭގެ ފުރަތަމަ "ފޮރެސްޓް ސިޓީ" އެވެ. މިޕްރޮޖެކްޓްގައި ހިމެނޭ އިމާރާތްތަކާއި މަގުތަކުގެ މޮޑެލްތައް ފަރުމާކޮށް އަދި "ފޮރެސްޓް ސިޓީ" އުފެއްދުމުގައި ހަރަކާތްތެރިވަނީ އިޓަލީވިލާތަށް ނިސްބަތްވާ ކުންފުންޏެއްކަމަށްވާ ސްޓެފަނޯ ބޮއޭރީ އާކިޓޭޓީއެވެ.

ޖުމުލަ 342 އޭކަރުގައި އުފެއްދޭ މި "ފޮރެސްޓް ސިޓީ"ގައި 70 އަށްވުރެން ގިނަ އިމާރާތްތައް ހުންނާނެއެވެ. މީގެ ތެރޭގައި މީހުން ދިރިއުޅުމަށް އެޕާޓްމެންޓްތަކާއި، ފިހާރަތަކާއި، ހޮސްޕިޓަލާއި، ސްކޫލުތަކުގެ އިތުރުން އޮފީސްތައްވެސް ހިމެނެއެވެ. މި ސިޓީގައި ގާތްގަނޑަކަށް 40،000 ގަސް އިންދޭއިރު ގަސްގަހާގެއްސާ ގުޅޭ އެކިކަހަލަ ބައިވަތްތަކުގެ އަދަދު މިލިއަނަކަށް އަރާނެއެވެ.

ބެލެވޭ ގޮތުގައި މިސިޓީގައި ބޭނުންކުރާ ގަސްތަކުގެ ސަބަބުން ގާތްގަނޑަކަށް 10،000 ޓަނުގެ ކާބަންޑައިއޮކްސައިޑް އަދި 57 ޓަނުގެ ތިމާވެއްޓަށް ނުރައްކާވާ ފަދަ މާއްދާތަށް އަހަރެއްގެ މައްޗަށް ނެތިގެންދާނެއެވެ. މީގެ އިތުރުން 900 ޓަނުގެ ސާފު އޮކްސިޖަން ވެސް މިގަސްތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް އުފެދޭނެކަމަށް ބެލެވެއެވެ.

"އަހަރެމެންދިޔައީ މިފަދަ ފޮރެސްޓްތަކެއް އިމާރާތްތަކާއި މަސްހުނިކޮށް ތައްޔާރުކުރާނެ ސިޓީއެއް ތަސައްވުރުކުރަމުން" މި ޕްރޮޖެކްޓްގެ ޓެކްނިކަލް ކަންތައްތައް ބަލަހައްޓާ ސްޓެފަނޯ ބޮއޭރީ އާކިޓޭޓީގެ އިސްވެރިޔާކަމުގައިވާ ސްޓެފަނޯ ބޮއޭރީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރިގޮތުގައި އެމީހުން ހޯދި ހޯދުމުން ޗައިނާއަކީ މިފަދަ ޕްރޮޖެކްޓެއް ފެށުމަށް އެންމެ ރަނގަޅު ގައުމުކަމުގައިވެސް ފެނުނެވެ.

މިޕްރޮޖެކްޓްއަށް ފެށުމަށް ލިއުޖޭގެ މުނިސިޕަލްޓީ އޮފް އާބަން ޕްލޭނިންގް އިން ހުއްދަ ދީފައިވާ ކަމުގައިވިޔަސް މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށައިގަނެވޭނެވަރު ވާނީ 2020ގައެވެ.

comment ކޮމެންޓް