ބެކްގްރައުންޑް ނެށުންތެރިންގެ ގޮތުގައި ކެރިއަރު ފެށި ބޮލީވުޑް ފަންނާނުން!

ބޮލީވުޑަކީ ފާޑެއްގެ ތަނެކެވެ. ފިލްމީ އާއިލާ އަކަށް އުފަން ފަންނާނުންނަށް ދާއިރާގައި ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑެވެ. ހުނަރުގެ ގޮތުން އަދި އެންމެ މޮޅު ނޫން ނަމަވެސް، އެ ތަރިންނަށް ފިލްމުތައް ހުށަހަޅަ އެވެ. ލީޑު ރޯލުތަކެވެ. އެމީހުންނަށް ފިލްމީ ދާއިރާ އަށް ނުކުތުމަކީ ވެސް މާބޮޑު އުނދަގުލެއް ނޫނެވެ.

އެހެން ނަމަވެސް އެއްވެސް ފިލްމީ ބެކްގްރައުންޑެއް ނެތް މީހުންނަށް ދާއިރާއިން ކުރިއަށް ދިއުމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ. ހުނަރުން ފުރިގެންވީ ނަމަވެސް، ފިލްމުތައް ލިބޭ މިންވަރު ދަށްވެ އެވެ. އަދި އެފަދަ ފަންނާނުން ބޮލީވުޑަށް ނުކުތުމަށް ވެސް މަގު ކޮށަށް ޖެހެނީ އަމިއްލަ އަށެވެ.

މިހާރު ބޮލީވުޑުގެ އެންމެ ފާހަގަ ކޮށްލެވޭ ބައެއް ފަންނާނުންނަށް ބަލައިލާއިރު 'ހީރޯ' އެއްގެ ފަހަތުގައި ނަށަމުން ނަށަމުން 'ހީރޯ' އަކަށް ވެފައިވާ ފަންނާނުން ވެސް މަދެއް ނޫނެވެ. އެމީހުން ދާއިރާގައި ފައިތިލަ ސާބިތު ކުރީ އަމިއްލަ މަސައްކަތުން، ހުނަރު ދައްކައިގެންނެވެ.

މި ލިޔުމުގައި މި ބަލައިލަނީ ބެކްގްރައުންޑު ނެށުންތެރިންގެ ގޮތުގައި ކެރިއަރު ފެށި ބައެއް ފަންނާނުންނަށެވެ.

1. ސުޝާންތު ސިންގ ރާޖްޕުތު

ފިލްމު 'އެމް.އެސް.ދޯނީ' ގެ އެކްޓަރު ވަނީ ފިލްމީ ދާއިރާގައި މިހާރު ބޮޑެތި ކުރިއެރުމާއި ކާމިޔާބީ ހޯދައިފަ އެވެ. ޓީވީ ޑްރާމާ 'ޕަވިއްތުރަ ރިޝްތާ' އިން އާންމުންގެ ލޯބި ހޯދުމަށް ފަހު މިހާރު ސުޝާންތު ވަނީ ފިލްމީ ދާއިރާގައި ވެސ ްފައިތިލަ ސާބިތުކޮށްފަ އެވެ. ސުޝާންތު އޭނާގެ ބޮލީވުޑް ކެރިއަރު ފެށީ ކޮރިއޯގްރާފަރު ޝާމަކް ދަވާރުގެ ޑާންސް ގްރޫޕުގަ އެވެ. ސުޝާންތު ވަނީ ގިނަ އަދަދެއްގެ ފިލްމާއި ޝޯވ ތަކުގައި ނަށައިފަ އެވެ. އެގޮތުން ފިލްމު 'ދޫމް' ގެ 'ދޫމް މަޗާލޭ' ލަވައިގައި ރިތިކް ރޯޝަންގެ ފަހަތުން ސުޝާންތު ފާހަގަ ވާނެ އެވެ.

2. ޝާހިދު ކަޕޫރު

ސުޝާންތު ފަދައިން، ކުޅަދާނަ އެކްޓަރު ޝާހިދު ކަޕޫރު ވެސް ބޮލީވުޑް ކެރިއަރު ފެށީ ޝާމަކްގެ ޑާންސް ގްރޫޕުގަ އެވެ. ޝާހިދު އަކީ ހުނަރުން ފުރިގެންވާ މީހެއް ކަމަށް ޝާމަކް ވަނީ އޭރު ވެސް ބުނެފަ އެވެ. ފިލްމަކުން ފެނުމުގެ ކުރިން ޝާހިދު ފެނިގެން ދިޔައީ 'ދިލް ތޯ ޕާގަލް ހޭ' އަދި 'ތާލް' ފަދަ ފިލްމުތަކުގައި ބެކްގްރައުންޑް ނެށުންތެރިއެއްގެ ގޮތުގައެވެ.

3. ރޭމޯ ޑިސޫޒާ

ރޭމޯ އަކީ މިހާރު ބޮލީވުޑުގެ އެންމެ ހުނަރުވެރި އެކްޓަރުން ނައްޓުވާ މީހާ އެވެ. ފަންނާނުން މިހާރު ހަދަން ޖެހޭނީ ރޭމޯ ބުނާގޮތެވެ. ކުރިން މަންޒަރު ވަރަށް ތަފާތެވެ. ކުރިން ރޭމޯ ފެނިގެން ދިޔައީ އަކްޝޭ ކުމާރު ފަދަ ތަރިންގެ ފުރަގަހުންނެވެ. 'ޑާންސް އިންޑިއާ ޑާންސް' އިން މަޝްހޫރުކަން ހޯދި ރޭމޯ އަކީ މިހާރު އާންމުންގެ އިތުރުން ބޮލީވުޑް ފަންނާނުން އެންމެ ލޯބިވާ އެއް ކޮރެއޯގްރާފަރެވެ.

4. ފަރާ ޚާން

ފަރާ އެންމެ ފުރަތަމަ ކޮރެއޯގްރާފް ކުރި ލަވަ އަކީ ފިލްމު 'ޖޯ ޖީތާ ވަހީ ސިކަންދަރު' ގައި ހިމެނޭ 'ޕެހެލާ ނަޝާ' އެވެ. އޭގެ ކުރިން ފަރާ ވަނީ ނެށުންތެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. 1986 ވަނަ އަހަރު ރިލީޒް ކުރި ގޯވިންދާގެ ފިލްމު 'ސަދާ ސުހާގަން' ގައި ހިމެނޭ ޕާޓީ ލަވަ 'ހަމް ހޭ ނޯޖަވާން' ގެ ބެކްގްރައުންޑު ނެށުންތެރިންގެ ތެރޭގައި ފަރާ ހިމެނެ އެވެ.

5. ސަރޯޖް ޚާން

ސަރޯޖް ޚާން އަކީ ހުރިހާ ކޮރެއޯގްރާފަރުންގެ މަންމަ އެވެ. މާދުރީ ދިކްޝިޓް އަކީ ސަރޯޖްގެ ފަރުމާއެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ސަރޯޖް ވެސް އޭނާގެ ކެރިއަރު ފެށީ ބެކްގްރައުންޑް ނެށުންތެރިއެއްގެ ގޮތުގަ އެވެ. 1950 ގެ އަހަރުތަކުގެ ގިނަ ފިލްމުތަކެއްގައި ސަރޯޖްގެ ނެށުން ފެނިގެންދާނެ އެވެ.

comment ކޮމެންޓް