ސިދާރުތުއާ އެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ: ޖެކްލީން

ބޮލީވުޑް އެކްޓަރު ސިދާރްތު މަލޯތުރާ އާއެކު ފިލްމު 'ޖެންޓްލްމޭން'ގައި ކުރެވުނު މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، ސިދާރްތު އާއެކު ލޯބީގެ މަންޒަރުތައް ނަގަން ވަރަށް ފަހޭސަ ކަމަށް ބަތަލާ ޖެކްލީން ފާނަންޑެޒް ބުނެފި އެވެ.

'ޖެންޓްލްމޭން' އަކީ ސިދާރްތު އަދި ޖެކްލީން އެކުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމެވެ.

އަންނަ އޯގަސްޓު މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރާ އެ ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ ރާޖް އަދި ޑީކޭ އެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ފޮކްސް ސްޓާ ބެނާގެ ދަށުންނެވެ.

ޖެކްލީން ބުނީ އޭނާ އަކީ އަބަދު ވެސް އުފަލުން ހުންނަ މީހެއް ކަމަށާއި، އެހެން ނަމަވެސް މަންޒަރުތައް ނެގުމުގައި އެހާބޮޑަށް ފަސޭހަވެގެން ދިޔައީ ސިދާރްތުގެ "އެނާޖީ" ގެ ސަބަބުން ކަމަށެވެ.

ސިދާރްތު ބުނީ ޖެކްލީން އާއެކު ލޯބީގެ މަންޒަރުތައް ނެގުމުގައި އެއްވެސް ކަހަލަ އުނދަގުލެއް ނުވި ނަމަވެސް، ޖެކްލީން އަބަދުވެސް އުފަލުން ހުންނާތީ އެކަމާ ކުޑަކޮށް ހަސަދަވެރިވެވޭ ކަމަށެވެ.

"މުޅި ދުވަހު ބުރަކޮށް މަސައްކަތް ކޮށްފައި ވެސް ހެވިލާފައި، އަބަދު ވެސް ވަރަށް އެނަޖެޓިކްކޮށް މީހުން އުޅެނީ ކިހިނެތް؟" ސިދާރްތު ބުނެފައިވެ އެވެ.

ސިދާރްތު އާއި ޖެކްލީން އެކަކު އަނެކަކާ އެކު މަސައްކަތް ކުރަން ފަސޭހަ ކަމަށް ބުނެފައިވާ އިރު، ދެމީހުންގެ ގާތް އެކުވެރި ކަމުގެ ސަބަބުން، ސިދާރްތުގެ ލޯބިވެރިޔާ ކަމަށް ބުނާ، ހުނަރުވެރި ބަތަލާ އާލިއާ ބަޓް އަށް އުނދަގޫވާ ކަމަށް ރިޕޯޓުތައް ވަނީ ފެންމަތިވެފަ އެވެ.

ސިދާރްތު އާއި ޖެކްލީންގެ އެކުވެރިކަން ބަދަހުވެގެން ދިޔައީ ފިލްމުގެ ޝޫޓިންގެ ތެރެއިންނެވެ.

ޝޫޓިން ނިމުނު ފަހުން ވެސް ދެމީހުން އެކުގައި ރެސްޓޯރެންޓުތަކަށް ގޮސް ވަގުތު ހޭދަކުރެ އެވެ. އަދި ސިދާރްތުގެ ގެއަށް ވެސް ޖެކްލީން އެތައް ފަހަރެއްގެ މަތިން ގޮސް، އޭނާގެ އާއިލާ އާއި ބައްދަލުކޮށްފައިވާ ކަމަށް ޚުދު ސިދާރްތު ވެސް ވަނީ ބުނެފަ އެވެ.

ސިދާރްތު އާއި ޖެކްލީންގެ ގާތް ގުޅުމުގެ ސަބަބުން އާލިއާ އާއި ސިދާރްތުގެ ދެމެދުގައި ދާދި ފަހުން ވަރަށް ހޫނު ދެބަސްވުމެއް ވެސް ހިނގާފައިވާ ކަމަށްވެ އެވެ. އަދި ދެމީހުން އެކުގައި ޗުއްޓީ ހޭދަކުރުމަށް ރޭވުމަށް ފަހު، އާލިއާ ވަނީ ހުރިހާ ކަމެއް ވެސް ކެންސަލް ކޮށްފަ އެވެ.

comment ކޮމެންޓް