ވަޒީފާގެ އިންޓަވިއުގައި ތިމާގެ ތައާރަފްދޭނެ އެންމެ ރަނގަޅު ގޮތަކީ ކޮބާ؟

ވަޒީފާތަކަށް ކުރިމަތިލާއިރު ވަޒީފާދޭ ފަރާތްތަކުން ބާއްވާ އިންޓަވިއުތަކަށް އަޅުގަނޑުމެންގެ ތެރެއިން ވަޒީފާގެ މައިދާނުގައި އުޅޭ އެންމެންހެން ހުންނާނީ ހާޒިރުވެފަ އެވެ.

މިފަދަ އިންޓަވިއުތަކުގައި އެންމެ ފުރަތަމަ ވެސް ކުރެވޭ ސުވާލަކީ "ޓެލް އަސް އެބައުޓް ޔުއަސެލްފް" ނުވަތަ "ތިމާއާ ބެހޭ ކުރު ތައާރަފް" އެއް ދިނުމަށެވެ.

މިއީ ބައެއް ބޭފުޅުން ދެކޭ ގޮތުގައި އެހައި މުހިންމު ސުވާލެއް ނޫނެވެ. ނަމަވެސް މުޅި އިންޓަވިއު ބިނާވެގެން ދަނީ މިސުވާލަށް ރިއާޔަތްކޮށް އަދި މިސުވާލާ ވިއްދައިގެންނެވެ. އިންޓަވިއުއެއްގެ މިމޫނުމަތީ ސުވާލަކީ ތިމާއަށް ވަޒީފާ ކަށަވަރުވުމާއި ނުވުމުގައި އިސްދައުރެއް އަދާ ކުރާ ސުވާލެކެވެ.

ވީމާ މިސުވާލަށް އެންމެ އެކަށީގެންވާ ގޮތަށް ޖަވާބުދާރީވުމަކީ ތިމާއަށް އެވަޒީފާއެއް ކަށަވަރު ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މިފަހަރު މިބަލާލަނީ މިސުވާލަށް ޖަވާބުދާރީ ވުމުގައި ވިސްނަންވީ މުހިންމު ކަންކަމަށެވެ.

1. ފުރަތަމަ ތިމާގެ ކުރު އަދި ފޮނި ތައާރަފެއް ދޭށެވެ. މީގައި ހިމެނޭނީ ތިމާއަށް ކިޔާ ފުރިހަމަ ނަމާއި، ކިޔެވި ސްކޫލާއި ތިމާގެ ތައުލީމީ ފެންވަރެެވެ.

2. ތިމާގެ ސީވީގައި ހިމެނޭ 'އެޗީވްމަންޓްސް' ނުވަތަ ކިޔެވުމުގެ އަދި ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ އެތަންތަނުގައި ތިމާއަށް ލިބިފައިވާ ޝަރަފުތަކާއި ވަނަތަކެވެ.

3. ކުރު އެކަމަކު ތަފްސީލީގޮތަކަށް ތިމާގެ މަސައްކަތުގެ ހުނަރު ތަކުގެ ވާހަކަ ހިމަނާށެވެ. އަދި މިގޮތަށް މަސައްކަތު ހުނަރު ކިޔައިދޭ އިރު ތިމާ ކުރިމަތިލީ ވަޒީފާގައި އެފަދަ ހުނަރުތަކުގެ ބޭނުން ހިފޭނެ ގޮތާއި ތިމާގެ އެ ހުނަރުތަކުގެ ސަބަބުން އެވަޒީފާއަށް ހޮވައިފި ނަމަަ ކުންފުންޏަށް ލިބޭނެ ފައިދާތަކަށް އަލިއަޅުވާލާށެވެ.

މި ދެންނެވުނު މައިގަނޑު ތިން ކަމަކީ މިސުވާލަށް ޖަވާބު ދެއްވާއިރު ވިސްނަންވީ ތިން ކަންތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު