ދިވެހި ވެޓަރަންސް ވޮލީ ޓީމް ލަންކާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

ސްރީ ލަންކާގައި ޖުލައި 6-8އަށް ބޭއްވި ސިޔަނެ ތަރޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ވެޓަރަންސް ވޮލީބޯލް ޓީމް -- ފޮޓޯ: ވެޓަރަންސް ވޮލީ ޓީމް

ސްރީލަންކާގެ ގަމްޕަހަގައި ކުރިއަށްދިޔަ "ސިޔަނެ ތަރޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓް"ގައި ވާދަކޮށް، ރާއްޖޭގެ ވެޓަރަންސް ވޮލީބޯޅަ ޓީމުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ލަންކާގެ ގަމްޕަހަ ސިޔަނަ ތަރު ޓީމާ ވާދަކޮށް، ރާއްޖޭ ޓީމުން މެޗު ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ސެޓުންނެވެ.

ސްރީ ލަންކާގައި ޖުލައި 6-8އަށް ބޭއްވި ސިޔަނެ ތަރޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ވެޓަރަންސް ވޮލީބޯލް ޓީމް ލަންކާގެ ގަމްޕަހަ ސިޔަނަ ތަރު ޓީމާއެކު ފައިނަލް މެޗުގެ ކުރީން -- ފޮޓޯ: ވެޓަރަންސް ވޮލީ ޓީމް

ފައިނަލް މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށް ފަހު ގަމްޕަހަ ޓީމުން ގެންދިޔައީ 26-24 އިންނެނެވެ. އެހެން ނަމަވެސް ރާއްޖޭ ޓީމުން ވަނީ، ކުޅުން އިތުރަށް ރަނގަޅުކޮށް ގޭމުތެރެއަށް ވަދެ، ޖެހިގެން އައި ތިން ސެޓުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. ރާއްޖޭން ސެޓްތައް ގެނައީ 25-19، 25-21 އަދި 25-17 ޕޮއިންޓުންނެވެ.

"އަޅުގަނޑުމެންގެ ކުޅުންތެރީންނަށް ފުރަތަމަ ސެޓުގައި ތަންކޮޅެއް ބޮޑަށް ހާސްވާގޮތްވީ. އެހެން ނަމަވެސް ފަހުން ކޯޗުގެ އިރުޝާދާއެކު ކުޅުންތެރިން ހަމައަކަށް އެޅި، ދެންކުޅުނު ތިން ސެޓުވެސް ހަމަ ވަރަށް ރަނގަޅަށް ކުޅެގެން ކާމިޔާބުކުރީ،" މެޗާ ބެހޭގޮތުން ގައުމީ ވެޓަރަންސް ވޮލީ ޓީމުގެ މެނޭޖަރު މުހައްމަދު ރަމީޒް (ރާމްބެ) ސަން ސްޕޯޓްސްއަށް ބުންޏެވެ.

ސްރީ ލަންކާގައި ޖުލައި 6-8އަށް ބޭއްވި ސިޔަނެ ތަރޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ވެޓަރަންސް ވޮލީބޯލް ޓީމް -- ފޮޓޯ: ވެޓަރަންސް ވޮލީ ޓީމް

މުބާރާތުގެ ޝަރަފްވެރި ޗެމްޕިއަންކަން ހޯދައި ދިވެހީން ފަހުރުވެރިކޮށްދިން ދިވެހި ވެޓަރަންސް ވޮލީޓީމުން ބުނީ، "މިއީ ވަރަށް އުފާވެރި ދުވަހެއް" ކަމަށެވެ.

ރާއްޖޭގެ ކުރީގެ މަޝްހޫރު ސެޓަރު ފަތުހުﷲ ވަހީދު (ފައްލޯ) ވަނީ މުބާރާތުގެ އެންމެ މޮޅު ސެޓަރުގެ މަގާމު ހޯދައިފައެވެ. އެންމެ މޮޅު ސްޕައިކަރަކަށް ބާރު ޝޮޓު ޖެހުންތެރިޔާ ސާމިލް އާދަމް ހޮވުނު އިރު، އެންމެ މޮޅު ރިސާިވަރަކަށް ހޮވުނީ ރާއްޖޭ ޓީމުގެ އިބްރާހީމް ނިޒާރެވެ. އަދި މުބާރާތުގެ ބެސްޓް އޯލް ރައުންޑް ކުޅުންތެރިޔާގެ މަގާމު ލިބުނީ ރާއްޖޭ ޓީމުގެ ފަލާހް އިބްރާހީމް އަބޫބަކުރަށެވެ.

ސްރީ ލަންކާގައި ޖުލައި 6-8އަށް ބޭއްވި ސިޔަނެ ތަރޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ވެޓަރަންސް ވޮލީބޯލް ޓީމް -- ފޮޓޯ: ވެޓަރަންސް ވޮލީ ޓީމް

މިއީ ރާއްޖޭގެ ވެޓަރަންސް ވޮލީބޯލް ޓީމު ވާދަކުރި ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތެވެ.

ޓީމުގެ މެނޭޖަރު ބުނީ، "މިއީ ވަރަށް ރަނގަޅު ފެށުމެއް. މި ކާމިޔާބީއާކުއެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަދި މިއަށްވުރެ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއަށް ރީތި ވަނަތައް ހޯދައިދޭނަން،" ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނު ކަމަށާއި އޭގެ ތެރޭން ހާއްސަކޮށް ވޮލީބޯލް އެސޯސިއޭޝަން، ކުޅިވަރާބެހޭ ވުޒާރާ، ތިލަފުށި ކޯޕަރޭޝަން، އަދި އެޗްޑީސީގެ ނަން ފާހަގަކޮށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ރާއްޖޭގެ ވެޓަރަންސް ވޮލީބޯލް ޓީމުން ބުންޏެވެ.

ރާއްޖޭގެ ވޮލީގެ ތާރީޚުގައި ދުށް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރީންތަކެއް ހިމެނޭ ވެޓަރަންސް ވޮލީ ޓީމުގެ ކެޕްޓަނަކީ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިއާ މުޙައްމަދު އަނީސް (ތަރި އަނީސް) އެވެ. ވައިސް ކެޕްޓަނަކީ ފައްލޯ އެވެ.

ރާއްޖޭގެ ވެޓަރަންސް ޓީމުގެ ކުޅުންތެރީން ލަންކާގެ ގަމްޕަހާގައި ހުންނަ ޔަތީމުޚާނާއަކަށް ޒިޔާރާތްކުރުން -- ސަން ފޮޓޯ

މީގެ އިތުރުން ކުރީގެ ނަން މަޝްހުރު ކުޅުންތެރީންގެ ތެރޭގައި ހިމެނޭ އިބްރާހީމް ނިޒާރު، އަހްމަދު ޝަރީފް، ނިޒާމް އަހްމަދު، އިބްރާހީމް އާދިލް، އިބްރާހީމް ޝަރީފް، އިބްރާހީމް ރަޝީދު، އިސްމާއިލް ޝިއާބު، ވަހީދު އަހްމަދު، ސާމިލް އާދަމް، އަހްމަދު އަދީލް، ފަލާހް އިބްރާހީމް އަބޫބަކުރު އަދި އިހްސާން ނަސީރު މިޓީމުގައި ހިމެނެއެވެ.

ވެޓަރަންސް ވޮލީ ޓީމުގެ ކޯޗަކަށް ސައްޔިދު އަލީ ހަމަޖައްސާފައި ވާއިރު އެސިސްޓެންޓް ކޯޗަކީ އަބްދުލް ހަމީދެވެ.

comment ކޮމެންޓް