ފަޚުރަށް ވުރެ ބޮޑަށް ބޭނުމީ ރައްޔިތުންނަށް އިގްތިސާދީ ފައިދާ: މުއިއްޒު

ޖުލައި 5، 2017: ހުޅުލެއާއި މާލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު އެޅެމުންދާތީ، ސަރުކާރުން ބޭނުން ވަނީ އެ ބުރިޖު އެޅުމުގެ ފަޚުރަށް ވުރެ ބޮޑަށް، ބުރިޖުގެ ފަރާތުން ރައްޔިިތުންނަށް އިގްތިސާދީ ފައިދާ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބުރިޖުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބެލުމަށް ޓަކައި ބޭއްވި ޓުއާއަށް ފަހު މިދިޔަ ބުދަ ދުވަހު މީޑިއާއާ ވާހަކަ ދައްކަވަމުން، ހައުސިންގް މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ މާލެ އާއި ހުޅުލެއާ ދެމެދު ބުރިޖެއް އެޅުމުގެ ވާހަކަ ޒަމާނުއްސުރެއް ދެކެވެމުން އައިސް، ކުރީގެ ސަރުކާރުތަކުގައި ބުރިޖުގެ އެކިއެކި ކަންކަން ކޮށްފައިވާ ކަމަށެވެ.

"ކުރިން ހުރީ ވަކިވަކި، ސްޕޮންޓޭނިއަސް މަސައްކަތްތަކެއް ކޮށްފައި އެކި ސަރުކާރުތަކުގައި. ބައެއް ސަރުކާރުތަކުން ދިރާސާތައްކޮށް، މަޝްވަރާތައް ކޮށްފައި އެބަހުރި. ތާރީހަށް ކުރިޔަށް ދާ ނަމަވެސް ތަފާތު ކަންކަން އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

ޖުލައި 5، 2017: ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ނަމަވެސް ކުރީގެ އެއްވެސް ސަރުކާރަކުން ބްރިޖު އެޅުމުގެ މަސައްކަތެއް ނުކުރާ ކަމަށާއި، ބުރިޖު އެޅޭ ފެންވަރުގެ މަސައްކަތެއް ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

"ބުރިޖު މަސައްކަތުގެ ބިސްމި އެޅިގެން ދިޔައީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެ، ޗައިނާއަށް ފުރަތަމަ ކުރެެއްވި ދަތުރުފުޅުގައި. އެއީ ބުރިޖުގެ މަސައްކަތް ފެށިގެން އައި ގޮތަކީ. އޭގެ ކުރިން ބުރިޖު އެޅުމުގެ އެއްވެސް ކަމެއް ހިނގާފައެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިންގް މިނިސްޓަރު ވިދާޅުވީ މިކަންކަން ހިނގިކަން ރައްޔިތުން ވެސް ހެކިވާނެ ކަމަށެވެ.

ޖުލައި 5، 2017: ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ނަމަވެސް ބުރިޖުގެ ބޭނުމަކީ ފަޚުރެއް ހޯދުން ނޫން ކަމަށާއި، ފަޚުރަށް ވުރެ ބޮޑަށް ސަރުކާރުން ބޭނުން ވަނީ ރައްޔިތުންނަށް އިގްތިސާދީ ފައިދާ ލިބުން ކަމަށެވެ.

"ރައްޔިތުން ހިތްހަމަ ޖެހޭ ފެންވަރެއްގައި މަސައްކަތް ކުރިޔަށް ގެންގޮސް ނިންމައިދޭނަން. އޭގެ ފުރިހަމަ ނަފާ ލިބިގެންދާނެ. މިއީ ހަމައެކަނި ފަޚުރަށް ޓަކައި ކުރާ ކަމެއް ނޫން. ފަޚުރަށް ވުރެ ބޮޑަށް އިގްތިސާދީ ފައިދާ ރައްޔިތުންނަށް ލިބިގެން ދިއުން [ބޭނުމަކީ]،"

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ ކޮންކްރީޓު ތަނބުތައް ޖެހުމުގެ މަސައްކަތް ހަލުއި ސްޕީޑުގައި ކުރިޔަށްދާ އިރު، ބުރިޖުގެ ޑެކު އެޅުމަށް ޓަކައި އައިބީމްތައް މިދިޔަ ބުރާސްފަތު ދުވަހު ވަނީ ޖަހަން ފަށައިފަ އެވެ.

ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގް ކޯޕަރޭޝަނުން ބުރިޖު އެޅުމުގެ މަސައްކަތް ކުރާ އިރު، ސަރުކާރުން އެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައި ވަނީ އަންނަ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުމަށެވެ. އެހެން ނަމަވެސް އެކުންފުނިން ބުނީ، އަންނަ އަހަރުގެ ޖުލައި 26ގެ ނިޔަލަށް ބުރިޖު ހުޅުވޭވަރު ކޮށްދޭނެ ކަމަށެވެ.

comment ކޮމެންޓް