ރާއްޖޭގެ ވެޓަރަންސް ވޮލީ ޓީމް ލަންކާ މުބާރާތުގެ ފައިނަލަށް

"ސިޔަނެ ތަރޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓް"ގައި ރާއްޖޭގެ ވެޓަރަންސް ޓީމުން ލަންކާގެ އިލެކްޓްރިސިޓީ ބޯޑުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރީން -- ސަން ފޮޓޯ

ރާއްޖޭގެ ވެޓަރަންސް ވޮލީޓީމު ވާދަކުރާ ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތުގެ ފައިނަލުން އެޓީމު ޖާގަ ހޯދައިފިއެވެ.

ސްރީލަންކާގެ ގަމްޕަހާގައި މިހާރު ކުރިއަށްދާ "ސިޔަނެ ތަރޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓް"ގައި ވާދަކުރަމުންދާ ރާއްޖޭގެ ޓީމުން އެ މުބާރާތުގެ ފައިނަލަށް ދިޔައީ، ލަންކާގެ އިލެކްޓްރިސިޓީ ބޯޑުގެ ޓީމު ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

އެ މެޗުގެ ސެޓުތައް ރާއްޖޭ ޓީމުން ހޯދީ، 25-8، 25-12 އަދި 25-18 އިންނެވެ.

ރާއްޖޭގެ ވޮލީގެ ތާރީޚުގައި ދުށް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރީންތަކެއް ހިމެނޭ ވެޓަރަންސް ވޮލީ ޓީމުގެ ކެޕްޓަނަކީ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިއާ މުޙައްމަދު އަނީސް (ތަރި އަނީސް) އެވެ. ވައިސް ކެޕްޓަނަކީ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ.

މީގެ އިތުރުން ކުރީގެ ނަން މަޝްހުރު ކުޅުންތެރީންގެ ތެރޭގައި ހިމެނޭ އިބްރާހީމް ނިޒާރު، އަހްމަދު ޝަރީފް، ނިޒާމް އަހްމަދު، އިބްރާހީމް އާދިލް، އިބްރާހީމް ޝަރީފް، އިބްރާހީމް ރަޝީދު، އިސްމާއިލް ޝިއާބު، ވަހީދު އަހްމަދު، ސާމިލް އާދަމް، އަހްމަދު އަދީލް، ފަލާހް އިބްރާހީމް އަބޫބަކުރު އަދި އިހްސާން ނަސީރު މިޓީމުގައި ހިމެނެއެވެ.

ދިވެހި ވެޓަރަންސް ވޮލީ ޓީމުގެ ކޯޗަކަށް ސައްޔިދު އަލީ ހަމަޖައްސާފައި ވާއިރު އެސިސްޓެންޓް ކޯޗަކީ އަބްދުލް ހަމީދެވެ. ޓީމުގެ މެނޭޖަރަކީ މުހައްމަދު ރަމީޒް (ރާމްބެ)އެވެ.

ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ލަންކާ ގަޑިން 4:00ގައި ގަމްޕަހާގައި ކުޅުމަށް ހަމަޖެހިފައި ވާއިރު، ފައިނަލްގައި ރާއްޖޭ ޓީމަށް ދެކޮޅަށް ނުކުންނާނީ، ގަމްޕަހާ ސިޔަނަތަރު ޓީމެވެ.

ރާއްޖޭގެ ވެޓަރަންސް ޓީމުގެ ކުޅުންތެރީން ލަންކާގެ ގަމްޕަހާގައި ހުންނަ ޔަތީމުޚާނާއަކަށް ޒިޔާރާތްކުރުން -- ސަން ފޮޓޯ

ފައިނަލް މެޗާ ގުޅޭގޮތުން ސަން ސްޕޯޓްސްއާ ވާހަކަދައްކަމުން ގައުމީ ވެޓަރަންސް ވޮލީ ޓީމުގެ މެނޭޖަރު ރާމްބެ ބުނީ، "ހުރިހާ ކުޅުންތެރީންގެ ވެސް އެންމެ ބޮޑު އުންމީދަކީ، އަޅުގަނޑުމެން ވާދަކުރާ ބައިނަލްއަގްވާމީ ފުރަތަމަ ވެޓަރަންސް ވޮލީ މުބާރާތުގެ ތަށި ރާއްޖެއަށް ގެންދިއުން،" ކަމަށެވެ.

ފައިނަލްގައި ރާއްޖޭގެ ޓީމާ ވާދަކުރާ ޓީމުގެ ކުޅުމަށް ބަލާއިރު، އެއީ ދިވެހި ޓީމަށް ބަލި ނުކުރެވޭވަރުގެ ޓީމެއް ނޫންކަމަށާއި، ގައުމީ ވެޓަރަންސް ވޮލީ ޓީމުގެ ކުޅުންތެރީން ތިބީ މި މުބާރާތުގެ ތަށި ރާއްޖެއަށް ގެންގޮސްދީ، ދިވެހީން ފަހުރުވެރިކޮށްދިނުމުގެ އަޒުމުގައި ކަމަށް ރާމްބެ ބުންޏެވެ.

އިއްޔެ ރާއްޖޭގެ ޓީމު ކުޅުނު މެޗުގެ ކުރީން ކެޕްޓަން ތަރި އަނީސްއާ އެކު ގައުމީ ވެޓަރަންސް ވޮލީ ޓީމުގެ ކުޅުންތެރީން ވަނީ، ގަމްޕަހާގައި ހުންނަ ޔަތީމުޚާނާއަކަށް ޒިޔާރަތްކޮށް އެތަނަށް ފައިސާގެ އެހީތެރިކަމެއްވެސް ފޯރުކޮށްދީފައެވެ. އަދި ޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން ވަނީ އެތަނުގައި ތިބި ޔަތީމު ކުދީންނާއެކު މެންދުރުގެ ކެއުމަކަށް އިންސާފުކޮށްފައެވެ.

comment ކޮމެންޓް