ޕަންކިތު އާއި ޕްރާޗީގެ 17 އަހަރުވީ ކައިވެނި ނިމުމަކަށް!

ސްޓާ ވަން އިން 2007 ވަނަ އަހަރު ދައްކަން ފެށި ޑްރާމާ ސިލްސިލާ 'ދިލް މިލްގަޔޭ'ގެ އެކްޓަރު ޕަންކިތު ތާކެރް އާއި އަންހެނުން ޕްރާޗީ ވަކިވެއްޖެ އެވެ.

ދެމީހުންގެ 17 އަހަރުވީ ކައިވެނި ރޫޅާލި އިރު ކައިވެންޏަށް ފިރިހެން ކުއްޖަކު ވެސް ވަނީ ލިބިފަ އެވެ.

ޕަންކިތު ވަނީ ދެމީހުން ވަކިވެފައިވާ ކަން ޔަގީންކޮށްދީފަ އެވެ. މީޑިއާ އަށް ދިން ބަޔާނެއްގައި ޕަންކިތު ބުނީ ދެމީހުން ވަކިވާން ޖެހުނު ސަބަބާ މެދު އޭނާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

އަދި މިހާރު ދެމީހުން ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ދަރިފުޅާ މެދު ކަމަށާއި އެކަމުގެ ސަބަބުން ދަރިފުޅަށް އެއްވެސް ނޭދެވޭ އަސަރެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

ކައިވެނި ރޫޅާލީ ދެމީހުން ވެސް އެގޮތް ބޭނުންވުމުންނެވެ. ދެމީހުންގެ ކައިވެނީގައި މައްސަލަ ޖެހި، 2015 ވަނަ އަހަރުން ފެށިގެން ދިރިއުޅެމުން ދިޔައީ ވެސް ވަކިންނެވެ. އެހެން ނަމަވެސް ދަރިފުޅުގެ ކަންކަމުގައި ދެމީހުން ބައިވެރިވެ އެވެ.

ަޕަންކިތު އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ލައިފް އޯކޭ އިން ގެނެސްދިން ޑްރާމާ 'ބަހޫ ހަމާރީ ރަޖްނީކާންތު' އިންނެވެ. ޕަންކިތު އޭނާގެ ޓީވީ ކެރިއަރު ފެށީ، 2001 ވަނަ އަހަރު ދައްކަން ފެށި އެކްތާ ކަޕޫރުގެ ހިޓް ޝޯ 'ކަބީ ސޯތަން ކަބީ ސަހޭލީ' އިންނެވެ. އެއަށް ފަހު ގިނަ އަދަދެއްގެ ކާމިޔާބު ޓީވީ ޑްރާމާތަކުން ޕަންކިތު ވަނީ ފެނިގެން ގޮސްފަ އެވެ.

comment ކޮމެންޓް