މިއަހަރުގެ ސައުތު އޭޝިއާ ޓްރެވަލް އެވޯޑްސް ރާއްޖޭގެ ދެކުނާ ދިމާލަށް

ހައިރައިޒްގެ ޑިރެކްޓަރ އިސްމާއިލް ހަމީދު އަދި ސަޓާގެ ނައިބު ރައީސް ސޫރަޖް ޚާން މީޑިއާއަށް މައުލޫމާތު ދެނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަހަރުގެ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީގައި ކަމަށް އެ އެވޯޑްސް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަކީ ރާއްޖޭގެ މަޝްހޫރު އިވެންޓްސް މެނޭޖްމެންޓް ކުންފުނި ހައިރައިޒްގެ ބައިނަލްއަގުވާމީ ބްރޭންޑެކެވެ. ސަޓާ އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު، ސްރީލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގައެވެ.

ސަޓާގެ ޕާޓްނަރުންނާ އެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން، ހައިރައިޒްގެ ޑިރެކްޓަރު އިސްމާއިލް ހަަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ، ސަޓާގެ ގާލާގެ ކޮންސެޕްޓަކީ ހަފްތާ ބަންދަކާ ދިމާކޮށް ބާއްވާ ރިޓްރީޓެއް ކަމަށެވެ.

ސަޓާގެ ޕާޓްނަރުންނާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްސެ ވިދާޅުވީ، މިއަހަރުގެ ސަޓާ އެވޯޑްސް ބާއްވާނީ އޮކްޓޫބަރު މަހުގެ ފަހު ހަފްތާގެ ހަފްތާ ބަންދާ ދިމާކޮށް ކަމަށެވެ. އަދި އެވޯޑްސް ބޭއްވުމަށް މިވަގުތު ބަލަމުންދަނީ ރާއްޖޭގެ އެންމެ ދެކުނުގައި ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އީކުއޭޓަރުގެ ދެކުނުގައި، އައްޑޫ ސިޓީގައި އެވޯޑްސް ބޭއްވުމަށް. އަޅުގަނޑުމެން މިހާރު މި ދަނީ އީކުއޭޓަރ ވިލެޖާއި ކެނެރީފް ރިސޯޓު ފަދަ ޕްރޮޕަޓީޒްތަކާ ވާހަކަ ދައްކަމުން،" އިއްސެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް ކަމެއް މިހާތަނަށް ފައިނަލް ކޮށްފައި ނުވި ނަމަވެސް، ސަޓާއިން ގަބޫލުކުރަނީ އައްޑޫ ސިޓީއަކީ އެވޯޑްސް ބޭއްވުމަށް ފުރިހަމަ ލޮކޭޝަނެއްގެ ގޮތުގައި ކަމަށެވެ. އަދި އައްޑޫ ސިޓީގައި މިފަދަ ބޮޑެތި އިވެންޓްތަކެއް ބާއްވައިގެން ރާއްޖޭގެ ދެކުނުގެ ސަރަހައްދު، ބޭރުގެ ފަރާތްތަކުގެ މެދުގައި މަގުބޫލު ކުރެވިދާނެކަމަށް އިއްސެ ވިދާޅުވިއެވެ.

ސަޓާގެ ޕާޓްނަރުންނާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، އެވޯޑަށް ނޮމިނޭޓުވެފައިވާ ގިނަ ފަރާތްތަކަކަށް ރާއްޖެއިން ބޭރުން ސީދާ އައްޑޫ ސިޓީއަށް ދަތުރު ކުރެވޭތީއެވެ. ސްރީލަންކަން އެއާލައިންސްއިން ކޮލޮމްބޯއާ އައްޑޫ ސިޓީގެ ގަމާ ދެމެދު ސީދާ ދަތުރުތައް ބާއްވައެވެ.

"ފާހަަގަ ކުރެވޭ ނުކުތާއަކީ، އެވޯޑުގެ ގިނަ ނޮމިނީސްތަކަކަށް ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް އައްޑޫ ސިޓީއަށް ދަތުރުކޮށްލެވޭނެ މާލެ ނައިސް. އެހެންކަމުން މާލެ ސަރަހައްދުގައި އެވޯޑްސް ބޭއްވުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ހައިރައިޒަކީ މީގެ ކުރިންވެސް ގޮންޖެހުންތަކާ ކުރިމަތިލައިގެން ބޮޑެތި ހަރަކާތްތަކެއް ރާއްޖެއިން ބޭރުގައި ބާއްވާފައިވާ ކުންފުންޏެއްކަން ފާހަގަކުރަމުން، އިއްސެ ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގައި އިވެންޓެއް ބޭއްވުމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިއަހަރުގެ ސަޓާ އެވޯޑްސްގައި އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބޫޓާން އަދި ދިވެހިރާއްޖެ ހިމެނޭ ގޮތަށް، 400 އަށް ވުރެ ގިނަ ފަރާތުން ވަނީ ނޮމިނޭޓުވެފައެވެ.

comment ކޮމެންޓް