ސަޓާގެ މީޑިއާ ޕާޓްނަރުކަން އަނެއްކާވެސް ސަން އޮންލައިނަށް

ސަޓާ އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރުކަމަށް ސަން އޮންލައިން ހަމަޖެއްސުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައިރައިޒުން އިންތިޒާމުކޮށްގެން ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަކޮށް ބާއްވާ ސައުތު އޭޝިއާ ޓްރެވަލް އެވޯޑްސް (ސަޓާ)ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފިއެވެ.

މިއަހަރަކީ ސަޓާ އެވޯޑްސް ބާއްވާ ދެވަނަ ފަހަރެވެ. މި އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. އެ ފަހަރުވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި، ސަޓާގެ އޮންލައިން މީޑިއާ ޕާޓްނަރޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ ސަޓާގެ ނައިބު ރައީސް ސޫރަޖް ޚާނާއި، ސަން މީޑިއާ ގްރޫޕުގެ ޗީފް އޮޕަރޭޓިންގް އޮފިސަރު މިންހާ ފާއިޒް ރަޝާދެވެ.

ސަޓާއަށް ހަމަޖެއްސި އިތުރު ޕާޓްނަރުންގެ ތެރޭގައި، ހޮސްޕިޓަލިޓީ ޕާޓްނަރަކީ ޗަމްޕާ ސެންޓްރަލް ހޮޓަލެވެ. ޓްރެވަލް މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސީ މޯލްޑިވްސް އިންސައިޑަރ، މޯލްޑިވްސް ޕަބްލިކޭޝަންސް (އައިލެންޑް ޗީފް) އަދި އެމްވީ ހޮޓެލްސްއެވެ. މީގެ އިތުރުން ސަޓާ އެވޯޑްސްގެ ޓީވީ ޕާޓްނަރަކީ ޕީއެސްއެމްއާއި މޯލްޑިވްސް ޓީވީއެވެ.

ސަޓާ އެވޯޑްސްގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަދު ކުރިޔަށް ދިޔަ ހަފްލާގައި ސަޓާގެ ނައިބު ރައީސް ސޫރަޖް ޚާން ވިދާޅުވީ، މިދިޔަ އަހަރު ސްރީލަންކާގައި ސަޓާ އެވޯޑްސް ބޭއްވި އިރު، އެއަހަރު ނޮމިނޭޝަންސް ގެ ގޮތުގައި 214 ފަރާތަކުން އެވޯޑަށް ކުރިމަތިލި ކަމަށެވެ. އެއީ އިންޑިއާ، ސްރީލަންކާ އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.

"މިއަހަރު މިވަނީ ނޭޕާލް އަދި ބޫޓާންއަށް ވެސް އެވޯޑްސް ފުޅާވެފައި. މިއަހަރު 400 އަށް ވުރެ ގިނަ ނޮމިނޭޝަންސް ލިބިފައިވޭ. މިއީ ގާތްގަނޑަކަށް 100 ޕަސަންޓުގެ ކުރިއެރުމެއް. މީގެ މާނައަކީ އިންޑަސްޓްރީގައި ސަރަހައްދީ ފެންވަރުގައި ސަޓާގެ ބްރޭންޑު ބަލައިގަންނަމުންދާކަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ ނޮމިނޭޝަންސްތަކުގެ ތެރޭގައި، ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، ނޭޕާލް އަދި ބޫޓާނުން ނަން މަޝްހޫރު، ބޮޑެތި ބްރޭންޑުތަކެއް ހިމެނޭ ކަމަށެވެ.

"މިއީ އަޅުގަނޑުމެން އަމިއްލައަށް ނޮމިނޭޓުކުރާ ބައެއްނޫން. މި ފަރާތްތަކުން އަމިއްލައަށް ނޮމިނޭޝަން ހުށަހަޅަނީ. މިކަމުން އެނގެނީ މިފަރާތްތަކުން ސަޓާއަށް އިތުބާރުކުރާކަމާއި ސަޓާ މެދުވެރިކޮށް އެފަރާތްތަކުގެ ޚިދުމަތްތަކާއި ބްރޭންޑުތަކާއި ވިޔަފާރީގެ އަގު ވަޒަންކުރަން ބޭނުންވާކަން،"

ސޫރަޖް ވިދާޅުވީ، ސަޓާގެ އަމާޒަކީ އަންނަ އަހަރުގެ ސަޓާ އެވޯޑްސްގައި، މިއަހަރަށް ވުރެ ގިނަ ގައުމުތަކުން ބައިވެރިވުން ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި އެންމެ ފުރަތަމަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އޮތީ ސްރީލަންކާގެ މަޝްހޫރު މައުންޓް ލެވީނިއާ ހޮޓެލްގައެވެ. މިދިޔަ އަހަރުގެ އެވޯޑްސްގައި ދެކުނު އޭޝިއާ ސަރަހައްދުގެ 18 އެވޯޑަކާ އެކު އެންމެ ގިނަ އެވޯޑު ލިބުނީ ދިވެހިރާއްޖެއަށެވެ. އަދި ވިޒިޓާޒް ޗޮއިސް އެވޯޑްސްގެ ހަތް އެވޯޑުގެ ތެރެއިން ފަސް އެވޯޑެއް ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.

comment ކޮމެންޓް