ފުލުހުން ނޭދެނީސް ކައުންސިލަރެއް ހައްޔަރުކުރަން އަމުރު ނެރުމުން ތަންފީޒެއް ނުކުރި

ކަނޑުހުޅުދޫ ކައުންސިލް މެމްބަރު ޝާހިދު އިބްރާހީމް ދީދީ

ފުލުހުން ނޭދެނީސް ގއ. ކަނޑުހުޅުދޫ ކައުންސިލަރަކު ހައްޔަރުކުރަން އެއަތޮޅު ވިލިނގިލީ ކޯޓުން ނެރުނު އަމުރު ފުލުހުން ތަންފީޒެއް ނުކުރިއެވެ.

ވިލިނގިލީ ކޯޓުން އިއްޔެ އަމުރު ނެރުނީ ކަނޑުހުޅުދޫ ޕީޕީއެމްގެ ކައުންސިލަރު ޝާހިދު އިބްރާހީމް ދީދީ ހައްޔަރުކުރުމުގެ އަމުރެކެވެ. އެ އަމުރު ނެރުނީ ފުލުހުން އެފަދަ އަމުރަކަށް ނޭދެނީސްއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ފުލުހުން ނޭދެނީސް ވިލިނގިލީ ކޯޓުން އެފަދަ އަމުރެއް ނެރެފައިވާތީ އެ އަމުރު އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްއަށް ފޮނުވާފައިވާ ކަމަށެވެ.

"ޕީޖީ އޮފީހަށް އަޅުގަނޑުމެންވާނީ އެ އަމުރު އިސްތިއުނާފު ކުރަން ފޮނުވާފައި. މިއަށްވުރެ އިތުރަށް މި މައްސަލާގައި އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް،" އޮފިޝަލް ވިދާޅުވިއެވެ.

ވިލިނގިލީ ކޯޓުން ނެރުނު އަމުރުގައި ވަނީ ޝާހިދު ކަނޑުހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް ހަސަން ދީދީ އަށް މަރުގެ އިންޒާރުދީފައިވާ ކަމަށެވެ.

ޝާހިދު މިރޭ "ސަން" އަށް ވިދާޅުވީ އެއްވެސް އިރެއްގައި މެޖިސްރޭޓް ހަސަން ދީދީ އަށް އޭނާ އިންޒާރުދީފައިނުވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެ ކޯޓު އަމުރަކީ ވަކި ރޭވުމެއްގެ ތެރެއިން ނެރެފައިވާ ކޯޓު އަމުރެއް ކަމަށާއި އެ އަމުރު ނެރުނީ އޭނާ ވިލިނގިއްޔަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތުމުން އެރަށުން އޭނާ ހައްޔަރުކުރަން ކަމަށެވެ.

"ކަންދިމާކުރިގޮތުން އަޅުގަނޑު ވިލިނގިއްޔަށް ނުދަން. އެމީހުން ހީކުރީ އަޅުގަނޑު ދިޔަކަމަށް. ޕްލޭންކޮށްފަ އޮތީ ވިލިނގިލިން އަޅުގަނޑު ހައްޔަރުކުރަން،" ޝާހިދު ވިދާޅުވިއެވެ.

ހުރިހާ ވެސް މައްސަލަ އަކީ ކައުންސިލް އިންތިޚާބުގައި މެޖިސްޓްރޭޓްގެ ދަރިއަކާ ވާދަކޮށް އޭނާ ކާމިޔާބު ކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މެޖިސްޓްރޭޓް ހަސަން ދީދީ އަކީ އޭނައާ އާއިލީގޮތުން ވަރަށް ގާތް ބޭފުޅެއް ކަމަށާއި މެޖިސްޓްރޭޓަށް އަބަދުވެސް އިހްތިރާމް ކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑު މަރުގެ އިންޒާރުދިން ކަމަށް އެ ބުނަނަނީ އަޅުގަނޑު ދެއްކި ވާހަކައެއްގެ މާނަ އޮޅުވާލައިގެން. މި ރަށު އެމްޑީޕީ ބަޔަކު އަޅުގަނޑަށް ހުށަހެޅީ އެމްޑީޕީ އަށް ސޮއިކުރަން. އަޅުގަނޑު ދެންނެވިން މެޖިސްޓްރޭޓް ހަސަން ދީދީ އިސްތިއުފާ ދެއްވުމުން ނޫނީ ތިކަމެއް ނުވާނެއޭ. އެހެން ބުނީމަ އެމީހުން މި ބުނަނީ އަޅުގަނޑު މެޖިސްޓްރޭޓަށް މަރުގެ އިންޒާރުދީފިއޭ. މިއީ ހަގީގަތަކީ." ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް