ޔޫރަޕްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ މަގާމް މެސީއަށް ހައްގު: ބާސާ

ބާސާއާ އެކު ހަދާ އާ އެއްބަސްވުމާއެކު ޔޫރަޕްގެ އެންމެ އަގު ބޮޑު ކުޅުންތެރިޔަކަށް ވާނީ މެސީ -- ފޮޓޯ: ގެޓީ

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބާސެލޯނާގެ ކޮންޓްރެކްޓް އާކުރާއިރު އެ ކްލަބުން އޭނާއަށް ދޭ އުޖޫރަ، ކްލަބުން ޚަރަދުކުރާން ނިންމާފައިވާ މިންގަނޑުތަކަށްވުރެވެސް މައްޗަށް އަރައެވެ. އެހެން ނަމަވެސް އެ ކްލަބުގެ ޕްރެޒިޑެންޓް ޖޯޒެފް މާރިއާ ބާޓޮމެއު ވިދާޅުވަނީ، އެއީ މައްސަލައެއް ނޫންކަމަށާއި އެ އަގުގައި ވެސް މެސީ އެ ކްލަބުގައި ބެހެއްޓުން މުހިއްމު ކަމަށެވެ.

މެސީގެ ބާސާ ކޮންޓްރެކްޓް 2021 ވަނަ އަހަރާ ހަމައަށް އިތުރުކުރުމުން އޭނާއަށް ލިބޭ އުޖޫރަ، ހަފްތާއަކު 565,000 ޔޫރޯއަށް އަރައެވެ. އާ އެއްބަސްވުމާއެކު މެސީއަކީ ޔޫރަޕްގެ އެންމެ އަގުބޮޑޫ ފުޓްބޯޅަ ކުޅުންތެރިޔާއަށް ވީއެވެ.

އާޖެންޓީނާގެ ކެޕްޓަނަކީ މިހާރު ޔޫރަޕްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ކަމަށް ވީ ނަމަވެސް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މިވަގު ހުރީ އާޖެންޓީނާގެ ތަރި ކާލޯސް ޓެވޭޒްއެވެ. އަދި އޭނާގެ ފަހަތުން ދެން އެންމެ އަގުބޮޑު ކުޅުންތެރިޔާ އަކީ އެޒެކުއެލް ލަވޭޒީއެވެ. މެސީގެ ނަން އަންނަނީ އޭގެ ފަހަތުންނެވެ.

ބާޓޮމެއު ވިދާޅުވީ، މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި ބާސާއިން އޭނާއަށް ހަރަދުކުރާ ކޮންމެ ފައިސާފޮއްޗެއްވެސް މެސީއަށް ހައްގު ކަމަށެވެ.

"އަހަރެން މީގެ މަސްތަކެއް ކުރީން ވާނީ މެސީގެ ބައްޕަ ޖޯޖު ގާތު ބުނެފައި މަޝްވަރާކޮށްލަން ބޭނުންކަމަށް،" މުންޑޯ ޑިޕޯޓިވޯއަށް ބާޓޮމެއު ވިދާޅުވިއެވެ.

"އެންމެނަށް ވެސް އެނގޭނެ މިދިޔަ ހޫނު މޫސުމުގައި، ޓެކްސްގެ މައްސަލައިގައި މެސީއަށް ކުރިމަތީލާން ޖެހުނީ އުނދަގޫ ދުވަސްވަރެއްކަން.

"އަހަރެމެން އޭނާއަށް ވަގުތު ދިނިން ކަންކަން ހަމައަކަށް އަޅުވަން، އަދި މެސީގެ ބައްޕަ ގާތު އެހިން ކޮންޓްރެކްޓް އާކުރުމުގެ ވާހަކަ. އޭނާ ބުނީ ތިމަންނަ ދަރިފުޅާ ވާހަކަ ދައްކާށޭ."

ބާޓޮމެއު ވިދާޅުވީ، މެސީގެ ބައްޕަގެ ޖަވާބާއެކު މެސީއާ ބައްދަލުކޮށް އެވާހަކަ ދެއްކުމުން، އޭނާ ކްލަބުގައި މަޑުކުރަން ބޭނުނުން ކަމަށާއި އޭނާގެ ބައްޕައާ އިތުރަށް ވާހަކަ ދެއްކުމަށް ބުނި ކަމަށެވެ.

"އަހަރެން ނެތިން މެސީގެ އަގު ހާމަކުރާކަށް. އެކަމަކު އެއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ، އެހެންވީމާ އޭނާގެ އަގަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އަގަށް ވާނެ،" ބާސާގެ ޕްރެޒިޑެންޓް ވިދާޅުވިއެވެ.

ބާޓޮމެއު އިތުރަށް ވިދާޅުވީ، އެލްއެފްޕީ އާއި ޔޫއެފާއިން ކުޅުންތެރީންގެ މުސާރަތައް ހަމަޖައްސާނޭ ގޮތުގެ ލަފާ ދީފައިވާ ކަމަށާއި އެހެން ނަމަވެސް ހަމަޖައްސަންވީ ވަކި މިންވަރެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.

comment ކޮމެންޓް