ޕީޕީއެމް މެމްބަރުން ހިނި އަންނަން ފަށައިފި، ވާން މިއުޅެނީ ކިހިނެއް؟

22 މާޗް 2017: ޕީޕީއެމަށް ބައެއް ބޭފުޅުން ސޮއިކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު އިރުއޮއްސިފައި ވަނިކޮށް ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުން "އަންނަނީ ހިނި" ކަމަށާއި "ހެޕަނިން ސޫން" ކަމަށް ބުނެ ޓުވީޓްކޮށް ސޯޝިއަލް މީޑިއާގައި އާންމުކުރަން ފަށައިފި އެވެ.

ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހަލަބޮލިވެ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށާއި ޕީޕީއެމަށް ގެއްލިފައިވާ ކަމަށް ބުނާ ދަނޑިވަޅެއްގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުން ހިނި އަންނަ ނަމަ މިވާ ގޮތެއް އެބަ ބަަލަން ޖެހެ އެވެ.

ސަރުކާރަށް ނިސްބަތްވާ 10 މަޖިލިސް މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ބޭރުކުރަން އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާއިރު ޕީޕީއެމްގެ މަޖިލިސް މެމްބަރުން ހިނި އަންނަންވީ ކޮން ސަބަބަކާ ހެދި ހެއްޔެވެ.

މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވެސް މިވަނީ ހިނިއަންނަ ކަމަށް ބުނެ ޓުވީޓް ކޮށްފަ އެވެ. ހިނިއަންނަ ސަބަބާ ބެހޭ ގޮތުން ސުވާލު ކުރުމުން ޔާމީން ވިދާޅުވީ އެއީ "އަންނަނީ ހިނި" މި ނަމުގައި ޕީޕީއެމުން ބާއްވާ ސަޕްރައިސް އިވެންޓެއް ކަމަށެވެ.

އެ އިވެންޓުގައި ސަޕްރައިޒް ވާހަކަތަކެއް ރައްޔިތުންނަށް އިވިގެންދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މާދަމާ ރޭ 9:30ގައި އެމްޑީއޭގެ ޖަގަހައިގަ އޮންނާނެ މި އިވެންޓް. އިވެންޓުން ސަޕްރައިޒް ގިނަ ވާހަކަތަކެއް އަޑު އިވިގެންދާނެ،" ޔާމީން ވިދާޅުވި އެވެ.

އެބުނާ ސަޕްރައިޒް ވާހަކަތަކަކީ ހިނި އަންނަވަރު ވާހަކަތަކަކަށް ވާނެތީ އިވެންޓަށް އެނަމުން ނަން ދިނީ ކަމަށް ވެސް ވެދާނެ އެވެ.

ސަރުކާރުގެ މައްޗަށް މަޖިލީހުގެ ތެރޭން އިދިކޮޅު ފަރާތްތަކުން ކުރިހޯދުމަށް މަސައްކަތް ކުރާ މި ދަނޑުވަޅުގައި ހިނި އަންނަ ނަމަ އެއީ ސަރުކާރަށް ހިތާމަވެރި ހަބަރަކަށް ނުވާނެ އެވެ. ނޭނގެނީ ދައްކަން މިއުޅޭ ވާހަކަތަކެވެ.

comment ކޮމެންޓް